ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޖޭ ގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ދެކޮޅަށް ޖޯޑަން ނިކުންނައިރު މިއީ މި ދެ ޓީމު ފީފާ ވޯލްޑްކަޕެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
ޖޯޑަން އިން މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު އާޖެންޓީނާ ވަނީ ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އޮސްޓްރިއާ އާއި ޖޯޑަން އަލްޖީރިއާ އަތުން އާޖެންޓީނާ މޮޅުވެފައިވާއިރު ޖޯޑަން ވަނީ އަލްޖީރިއާ އާއި އޮސްޓްރިއާ އަތުން ބަލިވެފަ އެވެ.
އާޖެންޓީނާ އިން ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިޔާ ކޮޅަށް ޖެހި ތިން ލަނޑުވެސް ކެޕްޓަން ލިއޮނެލް މެސީ ކާމިޔާބުކޮށްދީފައިވާއިރު ދެވަނަ މެޗުގައި އޮސްޓްރިއާ ކޮޅަށްވެސް އޭނާ ވަނީ 2 ލަނޑު ޖަހާ ފީފާ ވޯލްޑްކަޕްގެ ތާރީޚުގައިވެސް މިހާތަނަށް އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. މެސީ ވަނީ ފީފާ ވޯލްޑްކަޕްގައި މިހާތަނަށް 18 ލަނޑު ޖަހާފަ އެވެ.
ޑަލާސް ސްޓޭޑިއަމްގައި ކުޅޭ މި މެޗުން އާޖެންޓީނާ މޮޅުވެއްޖެނަމަ އެއްވެސް މެޗަކުން ބަލިނުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރަށް ދާނެ އެވެ.
މި ގްރޫޕްގައި ދެން ހިމެނޭ އަލްޖީރިއާ އާއި ދެކޮޅަށް އޮސްޓްރިއާ ނިކުންނައިރު މިއީ މި ދެ ގައުމުން ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ވަނީ ބައްދަލުކޮށްފަ އެވެ. އެ މެޗުން އޮސްޓްރިއާ މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
1982 ގައި ކުޅުނު މެޗުން އަލްޖީރިޔާ ބަލިކޮށް އޮސްޓްރިއާ އިން ދެވަނަ ބުރުގެ ފުރުސަތު ހޯދިއިރު މިރޭގެ މެޗަށް އަލްޖީރިއާ އިން ނިކުންނާނީ އޭގެ ބަދަލު ހިފާ އޮސްޓްރިއާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ހޯދުމަށެވެ.
އަލްޖީރިއާ އިން ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން ބަލިވި ނަމަވެސް އެ ޓީމުން ވަނީ ޖޯޑަން 2-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. އޮސްޓްރިއާ އާއި އަލްޖީރިއާއަށް ތިން ޕޮއިންޓް ލިބިފައިވާއިރު މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ފުރުސަތު ލިބިގެންދާނެ އެވެ.