ޚަބަރު

ރާއްޖެއާއި ޗައިނާގެ ޕްރޮސިކިއުޓަރ ޖެނެެރަލުން ބައްދަލުކުރައްވައި، މަޝްވަރާކުރައްވައިފި


  • އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައި

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް މިސްޓަރ ޔިންގް ޔޮންގްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ބެއިޖިންގްގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓްގައި މި ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އިތުރުން، ދެ ޤައުމުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި، ޕްރޮސެކިއުޝަން ދާއިރާ ޑިޖިޓަލައިޒްކުރުމާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މަޝްވަރާތަކަށްފަހު ދެ ޤައުމުގެ މެދުގައި ވަނީ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މި ބައްދަލުވުމުގެ ތެރޭގައި، ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި ޕްރޮސެކިއުޝަންގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ވަނީ އެސް.ޕީ.ޕީ އާއި ޕީ.ޖީ.އޯ އާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ އޮފީހުގެ ދެމެދުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރެވިދާނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ޕްރޮސެކިއުޓަރުން ތަމްރީނުކުރުމާއި، ފަންނީ ދިރާސާކުރުމުގެ އިތުރުން ސިއްރު މައުލޫމާތު ރައްކާތެރިކުރުމަށް އެއްބާރުލުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކަމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ތަޖުރިބާއާއި މައުލޫމާތު ބަދަލުކުރުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެއްބަސްވުމެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.