ޚަބަރު

ޣައްޒާގެ ދަރިވަރުންގެ މައްސަލައިގައި ބެލްޖިއަމްގެ ޔުނިވަސިޓީތަކުން ހިތްހަމަނުޖެހިއްޖެ


ބެލްޖިއަމްގައި ތަޢުލީމު ހާޞިލް ކުރުމަށް ސްކޮލަޝިޕް ލިބިފައިވާ ޣައްޒާގެ ދަރިވަރުން ޣައްޒާއިން ނެރެ އެ ޤައުމަށް ގެނައުމާ ގުޅޭ ގޮތުން ބެލްޖިއަމްގެ ސަރުކާރުން ވަކި ގޮތަކަށް ނުނިންމާތީ އެ ޤައުމުގެ ޔުނިވަސިޓީތަކުގެ ރެކްޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބެލްޖިއަމްގެ ޔުނިވަސިޓީތަކުގައި ތަޢުލީމު ހާޞިލް ކުރުމަށް ޣައްޒާގެ 13 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ހަމަޖެހިފައެވެ. އެ ދަރިވަރުންނަށް ސްކޮލަޝިޕް ލިބުނީ އެ ސްކޮލަޝިޕްތަކުގެ ހައްޤުވެރިން ހޮވުމަށް ކަނޑައަޅާފައިވާ މިނިވަން އަދި ވާދަވެރި އުސޫލުތަކުގެ މަތިންނެވެ. އެ ދަރިވަރިންނަށް އެ ސްކޮލަޝިޕް ލިބިފައި ވަނީ ހިމާޔަތް ހޯދަން އެދޭ ބައެއްގެ ހައިސިއްޔަތުންނެއް ނޫނެވެ.

ބެލްޖިއަމްގެ ޚާރިޖީ ވަޒީރު މެކްސީމް ޕްރޭވޯ ވަނީ ޣައްޒާގައި ތިބި 13 ދަރިވަރުން ބެލްޖިއަމްއަށް ގެނެސް، ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު މަގުފަހިކޮށްދިނުމަށް ސަރުކާރަށް ހުށަހަޅުއްވާފައެވެ. ނަމަވެސް ސަރުކާރުގައި ހިމެނޭ ބައެއް ޕާޓީތަކުން ވަނީ އެ ހުށަހެޅުމަށް ދެކޮޅުހަދައިފައެވެ. ސަރުކާރަށް އެއްބަސްވުމަކާ ހަމައަށް ނާދެވުމުން ޕްރޭވޯ ވަނީ އޭނާގެ ހުށަހެޅުން އަނބުރާ ގެންދަވައިފައެވެ. އެއީ ޣައްޒާގެ ދަރިވަރުންނަށް ކުރިމަތިވެފައިވާ ޙާލަތު ސިޔާސީ ދެބަސްވުމަކަށް ބަދަލުވެފައިވާތީއެވެ. އޭނާ ވަނީ އެ ދަރިވަރުންނާމެދު ޢަމަލުކުރާނެ ގޮތަކާ މެދު އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވަނީ އެހެން މައްސަލަތަކާ މެދު އުފެދިފައިވާ ދެބަސްވުންތަކާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އަދި ކަރާމާތަކީ ވިޔަފާރި އުސޫލުން ވިއްކާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ޔުނިވަސިޓީތަކުގެ ރެކްޓަރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާއިރު، އެ ބޭފުޅުން ވަނީ މައްސަލައާ ގުޅޭގޮތުން ސިޓީއެއް އާންމުކޮށްފައެވެ. އެ ސިޓީގައި ބުނީ ޣައްޒާގެ ދަރިވަރުންގެ މައްސަލައިގައި ސަރުކާރަށް އެއްބަސްވުމަކާ ހަމައަށް ނާދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުގެ ބައެއް ބައިވެރިންނަށް މި ޙާލަތުގައި ޢަމަލުކުރަންވީ އެންމެ ރަނގަޅު ގޮތް އޮޅިފައިވާ ކަމަށެވެ. އެ ދަރިވަރުންނަކީ ޤާނޫނާ ޚިލާފަށް ބެލްޖިއަމްއަށް ހިޖުރަކުރާ ބައެއް ނޫން ކަމަށާއި، އެ ދަރިވަރުން ސްކޮލަޝިޕްތަކަށް ހޮވާފައި ވަނީ ތަޢުލީމީ ޤާބިލުކަމުގެ މައްޗަށް ބިނާކޮށް މިނިވަން ކޮމެޓީތަކަކުން ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. އެ ދަރިވަރުންނަށް ބެލްޖިއަމްގެ ޔުނިވަސިޓީތަކުން ޖާގަ ކަށަވަރުވެފައިވާ ކަމަށާއި، ބެލްޖިއަމްއިން އެ ދަރިވަރުން އެ ޤައުމަށް އައިސް ތަޢުލީމު ހާޞިލް ކުރުމަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސިޓީގައި އިތުރަށް ބުނީ ޣައްޒާގެ ދަރިވަރުން ބެލްޖިއަމްގައި ހޭދަ ކުރާ ދުވަސްވަރު ދިރިއުޅޭނީ ހިމާޔަތް ހޯދާ މީހުންނަށް ޚާއްޞަ މަރުކަޒުތަކުގައި ނޫން ކަމަށާއި ޔުނިވަސިޓީތަކުގެ ދަނާލުތަކުގައި އެ ދަރިވަރުން ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެ ދަރިވަރުންނަކީ ތަޢުލީމީ ގޮތުންނާއި ޕްރޮފެޝަނަލްގޮ ތުން ފާހަގަކޮށްލެވޭ ދަރިވަރުންތަކެއް ކަމަށާއި، އެ ދަރިވަރުން ކިޔެވުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ޣައްޒާ އަލުން އާރާސްތުކުރާ ގުޅުންހުރި އަދި ބޭނުންތެރި ދާއިރާތަކުގެ ކޯސްތައް ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެ ދަރިވަރުން ތަޢުލީމު ހާސިލްކޮށް ނިމުމުން ޣައްޒާއަށް އެނބުރި ގޮސް، ޤައުމަށް ޚިދުމަތް ކުރުމަށް ގަސްދުކުރާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ. އަދި އެ ޔުނިވަސިޓީގައި ކިޔެވުމުގެ ފުރުޞަތު އެ ދަރިވަރުންނަށް ހުޅުވިފައި ހުންނާނެ ކަމުގެ ޔަޤީން ކަން ވެސް ސިޓީގައި ދީފައިވެއެވެ.