ޚަބަރު

އެއްލާލާފައި އޮތް ތުއްތުކުއްޖާގެ މަންމަކަމަށް ޝައްކުކުރެވޭ މީހާ ޝަރީޢަތް ނިމެންދެން ބަންދަށް


  • މި ތުއްތު ކުޖާ މަރާލާފައި އޮއްވާ ފެނުނީ އިއްޔެ

  • މި ކުއްޖާގެ މަންމަ އަކީ ސްރީލަންކާ މީހެއް

  • މިހާދިސާ ފުލުންހުން ދަނީ ތަޙްޤީގު ކުރަމުން

ވިހެއުމަށްފަހު ކޮތަޅަކަށްލާފައި އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަންމަ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ އދ ދިގުރުގައެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ އަންހެނެކެވެ. އެއީ އެރަށުގައި ހުންނަ ގެސްޓްހައުސްގައި މަސައްކަތް ކުރާ އަންހެނެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ފުލުހުން މި އަންހެން މީހާ ހައްޔަރުކުރީ އެއަރޕޯޓްގައި ފުރަންގޮސް ހުއްޓައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގެސްޓްހައުސްގައި މަސައްކަތްކުރާ މި އަންހެންމީހާ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރިއިރު މި ކުޑަކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ވެސް ގެސްޓް ހައުސްތަކުން ނެގި ކުނިތަކުގެ ތެރެއިންނެވެ. މަރުވެފައި މި ތުއްތު ކުއްޖާގެ ހަށިގަނޑު އޮތީ ޑަސްބިން ކޮތަޅެއްގެ ތެރެއަށްލާ ކުނިތަކެއް ތެރެއަށް އެއްލާލާފައެވެ. ހަށިގަނޑު ފެނުނީ ކުނިކޮށްޓަށް ގެންގޮސް ކުނި ވަކިކުރަން އުޅުމުގެ ތެރޭގައި ކުނިކޮށީގައި މަސައްކަތް ކުރާ މުވައްޒަފުންތަކަށެވެ.

މަންޒަރު ދުށް މީހުން ކިޔައިދިންގޮތުގައި އެކުއްޖާއަކީ ދުވަސްފުރާ ވިހާފައިވާ ކުއްޖެކެވެ. އިއްޔެ ހެނދުނު މި ކުއްޖާގެ ހަށިގަނޑު ފެނުނުއިރު، އެކުއްޖާ ވިހާފައިވާކަމަށް ބެލެވެނީ އެރޭގެ ވަގުތެއްގައިކަމަށް ހަށިގަނޑު ފެނުނު އެރަށު މީހުން ބުނެއެވެ.

މި ތުއްތު ކުއްޖާގެ ޖަނާޒާގެ ކަންކަން އިއްޔެވަނީ ކޮށްފައެވެ.