ޚަބަރު

ފާޅުކުރި ކަންބޮޑުވުންތަކާއެކު ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލުކޮށްފި


  • ފައިސާ ދެއްކުމަށް އިތުރު 3 މަސް ދުވަހުގެ މުއްދަތެއް

  • މިކަމުގައި އެޗްއާރްސީއެމްއާއި އެލްޖީއޭއިންވެސް ކަންބޮޑުވުން ފާޅުކުރި

ފާޅުކުރި ކަންބޮޑުވުންތަކާއެކު، ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ޚިދުމަތް ނުދޭގޮތަށް ވ. ފެލިދޫ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.

ކައުންސިލަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން އެފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން ކައުންސިލުންދޭ އެއްވެސް ޚިދުމަތެއް އެފަރާތަށާއި އެފަރާތުގެ އަނބިމީހާ/ފިރިމީހާ އަދި ދަރިން ހިމެނޭ ގޮތަށް ނުދިނުމަށް ވ. ފެލިދޫ ކައުންސިލުން ނިންމާ އެކަން އާއްމުކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

އެ ކައުންސިލުން ނެރުނު އިއުލާނުގައި ވިދާޅުވީ، ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިންނަށް ޚިދުމަތް ނުދޭ ގޮތަށް މިދިޔަ ބުދަ ދުވަހު ނިންމި ނިންމުން މުރާޖައާކޮށް އެބައި އުނިކޮށްފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށް ދިން ފަސް ދުވަހުގެ މުއްދަތު ތިންމަސް ދުވަހަށް އިތުރުކޮށް ނަންތައް އިޢުލާން ކުރާނީ 3 މަސް ފަހުން ކަމަށްވެސް އެކައުންސިލުން ނެރުނު އިޢުލާނުގައިވެއެވެ.

ފެލިދޫ ކައުންސިލުން ފުރަތަމަ ނިންމި ނިންމުމާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮޮށްފައެވެ. އެލް.ޖީ.އޭއިން ވަނީ ކައުންސިލްތަކުން ކަންކަން ނިންމަންވާނީ ޤާނޫނު އަސާސީން އެއްވެސް ރައްޔިތަކަށް ލިބިދޭ އަސާސީ ޙައްޤަކަށް އުނިކަން ނާންނަގޮތަށް ކަމަށް ބުނެފައެވެ. އެޗްއާރްސީއެމްއިން މިކަމާގުޅިގެން ނެރުނު ބަޔާނުގައި ވަނީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއް ވަކި ބަޔަކަށް ނުދީ ހިފެހެއްޓުމަކީ ފެލިދޫ ކައުންސިލަށް ލިބޭ ބާރެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ފެލިދޫ ކައުންސިލުން ވިދާޅުވީ، ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް އެ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމާއި އެގޮތަށް ނިންމީ އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބުމުގެ ސަބަބުންކަމަށެވެ. އެ ފައިސާއަކީ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭ ބިންތައް ކުއްޔަށް ނެގުމަށް ފަހު ދައްކަންޖެހޭ ކުއްޔާއި ޚިދުމަތްތައް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާއެވެ.