ޚަބަރު

ރާއްޖޭގެ މުދައްރިސުންގެ %75 އަކީ އަންހެނުން


  • މުދައްރިސުންގެ ގޮތުގައި ފިރިހެނުން މަދުކަން ފާހަގަކުރެއްވި

  • 22% އަކީ ބިދޭސީން ކަން ފާހަގަކުރެއްވި

  • މުދައްރިސުންގެ މުސާރަ %65 އަށް ވުރެ މަތިކޮށްދެއްވާފައިވާކަން ފާހަގަކުރެއްވި

ކޮންމެ ދަރިވަރަކީ ވެސް ހަގީގީ މާނައިގައި ލިޔަންކިޔަން ދަންނަ، ދިރިއުޅުމަށް ތައްޔާރުވެގެން، ގައުމަށް ޚިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާޢިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގައި ދެއްވި ޚިތާބުގައެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "އެދޭ ތަޢުލީމު ދިނުމަށް ބޭނުންވާ މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކުރުން: އާލަމީ ޒަރޫރަތެއް" މި ޝިއާރެވެ. މިނިސްޓަރގެ ޚިޠާބުގައި މި ޝިއާރަށް އަލިއަޅުވާލައްވަމުން ވިދާޅުވީ ޔުނެސްކޯއިން ފާހަގަކުރާ ގޮތުގައި، ހުރިހާ ޤައުމަކަށް ދިމާވެފައިވާ މައިގަނޑު ދެ މައްސަލައަކީ، ފެންވަރު ރަނގަޅު ދަރިވަރުން މުދައްރިސްކަން ޚިޔާރު ނުކުރުމާއި މުދައްރިސުން މަސައްކަތް ކުރަންޖެހޭ މާހައުލުގެ ސަބަބުން، މިދާއިރާއަށް އޮތް ޒަމާންވީ ޝައުޤުވެރިކަން ނެތެމުންދިއުމެވެ. އަދި ފިރިހެނުން މިދާއިރާގައި މަސައްކަތް ކުރާލެއް މަދުވުމަކީވެސް ދިމާވެފައިވާ މައްސަލައެކެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބަލާއިރު މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރަނީ %25 ފިރިހެނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި %75 އަކީ އަންހެނުންކަމަށާއި ކޮންމެ ހަތަރު މުދައްރިސުންގެ ތެރެއިން ތިން މީހުންނަކީ އަންހެނުންކަމަށެވެ. އަދި ރާއްޖޭގައި ޚިދުމަތް ކުރާ މުދައްރިސުންގެ ތެރެއިން %22 އަކީ ބިދޭސީން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުގެ ސްކޫލްތަކުގައި އެކަނިވެސް 8000އަށްވުރެ ގިނަ މުދައްރސިުން އަންނަނީ ކިޔަވައިދެމުންނެވެ.

"މުދައްރިސްކަމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް، ޔުނެސްކޯއިން 7 ފިޔަވަޅެއް ހުށަހަޅާފައިވޭ. މީގެ ތެރެއިން އެއްކަމަކީ، ފަށައިގަންނަ މުދައްރިސުންގެ ތައުލީމަށް ދެވޭ ސަމާލުކަން އިތުރުކުރުން. ކޯސްތަކުގެ ފީގެ އިތުރަށް، ކިޔަވާ މުއްދަތުގައި ދަސްކުރާ މުދައްރިސުންނަށް އެލަވަންސެއް ދިނުން." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުގެ ތައުލީމީ ނިޒާމުގައި ފަހިކޮށްދެވޭފަދަ ފަހި ފުރުސަތުތަކާއެކު، މަންހަޖުގައި ބުނާފަދަ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއް ތަމްރީންކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ފަންނީ ހުނަރުތަކުގެ ތެރެއަށް ދަރިވަރުންގެ ލޯތައް ހުޅުވާލަދޭން ޖެހޭކަމަށެވެ. އެމަގަށް ވާޞިލްވުމަށްޓަކައި ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއަށް ސްޓެމް އެޑިޔުކޭޝަން ތަޢާރަފްކުރުމާއި ވޮކޭޝަނަލް ސެންޓަރުތައް ތަޢާރަފު ކޮށްފައިވަކާމަށާއި، ލިޓްރަސީ، ނިއުމަރަސީ ޕްރޮގްރާމް ފަށްޓަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ބޭނުންވަނީ ކޮންމެ ދަރިވަރަކީ ވެސް ހަގީގީ މާނައިގައި ލިޔަންކިޔަން ދަންނަ، ހަގީގީ މާނައިގައި ދިރިއުޅުމަށް ތައްޔާރުވެގެން، ގައުމަށް ޚިދުމަތްކުރަން ނުކުންނަ ދަރިއަކަށް ހެދުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ޔުނެސްކޯއިން ދެން ފާހަގަކުރާ އަނެއް ކަމަކީ، މުދައްރިސުންގެ އުޖޫރައާއި ޢިނާޔަތްތައް. މި ޢިނާޔަތްތައް ވާންޖެހޭނީ، މުދައްރިސަކަށް ވާން ކިޔަވަން ޖެހޭ މުއްދަތާއި މަސައްކަތް ކުރާ ގަޑިއާ އަޅާ ބަލާއިރު، އެހެން ދާއިރާތަކާ އެއްފަދަ އެއްޗަކަށް. ދާދިފަހުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމަކުން، މުދައްރިސުންގެ މުސާރަތަކަށްވަނީ، ދިވެހި ތާރީޚް ދެކެފައިނުވާ ފަދަ، ބޮޑު ކުރިއެރުމެއް ގެނެސްދެއްވާފައި. ނިސްބަތުން ހުރިހާ މުދައްރިސުންގެ މުސާރަ %65 އަށް ވުރެ މަތިކޮށްދެއްވާފައި." މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.

ޔުނެސްކޯއިން ދެކޭގޮތުގައި، މުދައްރިސުން ކިޔަވައިދިނުމަށް ހުސްވާގޮތަށް، އިދާރީ މަސައްކަތްތައް މަދުކުރުމާއި، މަސައްކަތު ވަގުތު އެދެވޭ މިންވަރަކަށް ހިފެހެއްޓުމާއި، މަދަރުސާތައް ހިންގާ ފަރާތްތަކުން މުދައްރިސުންގެ މަސައްކަތަށް ވާގިވެރިވުމަކީ ވެސް މުހިންމު ކަންކަމެވެ. މިކަންކަމަށް އިސްކަން ދެވިއްޖެނަމަ، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަށް ޙައްލެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވިދާޅުވިއެވެ.