ރިޔާސީ އިންތިޚާބުތަކުގައި ނަހަމަގޮތުގައި ފައިސާއާއި ވަޒީފާދީގެން ކާމިޔާބު ކުރާ ބޭފުޅަކަށް ޤައުމުގެ ވެރިކަމުގެ ޒިންމާ އަދާ ނުކުރެވޭނެކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފާރިސް ވިދާޅުވި ވަކި ގޮތަކަށް ރައްޔިތުންގެ ތާއީދު ހޯދުމަށާއި، ވަކި ސިޔާސީ ފިކުރަކަށް ގެނައުމުގެ ބޭނުމުގައި އެކިއެކި ވަޒީފާތައް ރައްޔިތުންނަށް ދޭން ހުށައެޅުމާއި، ވަޒީފާގެ ބިރު ދެއްކުން ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ފާރިސް ވަނީ ކެންޕެއިން ހަރަކާތްތަކުގެ ނަމުގައި މި ސަރުކާރުންނާއި ކުރީގެ ސަރުކާރުތަކުންވެސް ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުން ކޮށްގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވަން ނަހަމަގޮތުގައި މަސައްކަތް ކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިފަދަ އަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް ފާރިސް ވިދާޅުވިއެވެ. ފާރިސް ވިދާޅުވީ، ފައިސާއާއި ވަޒީފާ ދީގެން އިންތިޚާބު ކާމިޔާބު ކުރާ ބޭފުޅަކަށް ޤައުމެއްގެ ވެރިކަމުގެ ޒިންމާ އަދާ ނުކުރެވޭނެކަމަށެއެވެ.
"އަޅުގަނޑުމެންނާއި ކޮންމެ ފަހަރަކު މި ދިމާވަނީ އިންތިޚާބަކާއި ދިމާކޮށް ފައިސާބެހުން. އަދި ނުފޫޒު ބޭނުންކޮށްގެން ބައެއްގެ ވޯޓް ކޮންޓްރޯލްކުރަން މަސައްކަތް ކުރާތަން. އެހެންވީމަ މި ކަންކަން ކުރަން ވިސްނަވާ ބޭފުޅުންނަށް އަޅުގަނޑު އިލްތިމާސްކުރަން ތި ކުރައްވަނީ ގާނޫނީ ކުށެއްކަން ތިކަންކަމަށް ޖާގަ ދޭން ނޯއްނާނެކަން" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ރިޔާސީ އިންތިޚާބު ނުވަތަ މަޖިލިސް އިންތިޚާބުތަކާއި ގުޅުވާފައި ދައުލަތުގެ އައު ޕްރޮޖެކްޓް އިޢުލާން ކުރުމާއި އައު ޕްރޮޖެކްޓްތައް އިފްތިތާހު ނުކުރެވޭގޮތަށް އިސްލާހު ހުށައަޅާފައިވާކަމަށެވެ. އަދި ދައުލަތުގެ ފެށިފައި ހުރި ޕްރޮޖެކްޓްތައް ނޫން އެހެން މަސައްކަތް ނުކުރެވޭ ގޮތައްވެސް އިސްލާހު ހުށައަޅާފައިވާނެކަމަށެއެވެ.