ޚަބަރު

ޕީއެސްއެމްގެ އެމްޑީ އޭބީޔޫގެ ސެކެޓްރީ ޖެނެރަލާ ބައްދަލުކުރެއްވުން


ޕަބްލިކް ސަރވިސް މީޑިއާގެ ބްރޯޑްކާސްޓިން ޚިދްމަތްތައް މިޒަމާނުގެ ފެންވަރަށް ތަރައްޤީކުރުމަށް ފަންނީ އެހީތެރިކަން ދެއްވާނެ ކަމަށް އޭޝިޔާ ޕެސިފިކް ބްރޯޑްކާސްޓިންގ ޔޫނިއަންގެ ސެކެޓްރީ ޖެނެރަލް ޑރ. ޖަވާދު މުއްތަޤީ ވިދާޅުވެއްޖެއެވެ. އޭބީޔޫގެ ސެކެޓްރީ ޖެނެރަލް މިހެން ވިދާޅުވީ މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި މިހާރު ކުރިއަށްދާ އޭބީޔޫގެ ކޮޕީރައިޓް ކޮމިޓީގެ ބައްދަލުވުމުގެ ހަވާސާގައި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުމުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

މިބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް އެންމެ މިޒަމާނުގެ ފެންވަރަށް ތަރައްޤީ ކުރުމަށް މާސްޓަރ ޕްލޭނެއް ހެދުމަށް އޭބީޔޫއާއި ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި އަޑާއި ޓީވީގެ ފަންނީ މުވައްޒަފުން ތަމްރީން ކުރުމަށާއި ޕީއެސްއެމުން އަލަށް އުފެއްދި މޯލްޑިވްސް މީޑިއާ އިންސްޓްޓިއުޓްގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށާއި އަދި ޓްރެއިނަރސް ޓްރެއިން ކުރުމަށް އޭބީޔޫގެ އެހީތެރިކަމަށް ޚަލީލު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮޕީރައިޓްގެ މައްސަލައަކީ ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އަދި އެހާ ފަރިތަ މައްސަލައަކަށް ނުވާތީ ކޮޕީރައިޓާއި ފިކުރީމުދާ ޙިމާޔަތް ކުރުމުގެ މަސައްކަތު ބައްދަލުވުންތަކެއް ރާއްޖޭގައި ބޭއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އޭބީޔޫގެ ސެކެޓްރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ވަރަށް އަވަހަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.އަދި ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް އެންމެ މިޒަމާނުގެ ތަންތަނަށް ހެދުމަށް ދެވެންއޮތް ކޮންމެ އެހީއެއް ވެދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސްޓްރެޓީޖިކް ޕްލޭން ހެދުމަށާއި ޓީވީމޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުގެ ޓެކްނިކަލް އިންފްރާސްޓްރަކްޗަރ ޕްލޭން ހެދުމަށް އޭބީޔޫގެ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ކޮޕީރައިޓާއި ފިކުރީ މުދާ ޙިމާޔަތްކުރަން ބައިނަލްއަޤްވާމީ ދުނިޔޭގައި ހިނގަމުންއަންނަ ގޮތާއި އަދި މިކަމަށް ބްރޯޑްކާސްޓަރުން ހޭލުންތެރި ކުރުމަށް އަންނަ މަހުގެ ތެރޭގައި ރާއްޖޭގައި ބައްދަލުވުމެއް ބާއްވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.