މަޝްހޫރު ބިލިއަނަރު އިލޮން މަސްކު، އާޓިފިޝަލް އިންޓެލިޖެންސް ތަރައްޤީކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދައިފިއެވެ.
ސައުތު އެފްރިކާއަށް އުފަން، އަދި އެމެރިކާއާއި ކެނެޑާގެ ރަށްވެހިކަން އޮންނަ އިލޮން މަސްކަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މީހެއްގެ އިތުރުން، އޭނާއަކީ ތަފާތު މަސައްކަތްތައްކުރާ އެކި ކުންފުނިތައް ހިންގާ މީހެކެވެ.
މަސްކުގެ ކުންފުނިތަކުގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓަރ، އިލެކްޓްރިކް އުޅަނދު އުފައްދާ ޓެސްލާއާއި، ޖައްވީ މަސައްކަތްތައްކުރާ ސްޕޭސްއެކްސް ހިމެނެއެވެ. މި ކުންފުނިތަކުގެ އިތުރުންވެސް މަސްކު ހިންގާ އެހެން ބައެއް ކުންފުނިތައް ހުރެއެވެ.
ބުދަދުވަހު މަސްކު ވަނީ އައު ކުންފުންޏެއް ލޯންޗުކޮށްފައިވާކަން އިއުލާންކޮށްފައެވެ. އެކްސް-އޭއައިގެ ނަން ދީފައިވާ މި ކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސާއި ގުޅޭ މަސައްކަތްތައް ތަރައްޤީކުރުމަށް އުފެއްދި ކުންފުންޏެއްކަމަށް އޭނާ ބުންޏެވެ.
މި ކުންފުނި މަސްކު އުފެއްދީ، އާޓިފިޝަލް އިންޓެލިޖެންސް ތަރައްޤީކުރާ އޯޕަންއޭއައި ކުންފުންޏާއި ވާދަކުރަންކަމަށް ހަބަރުތައް ބުނެއެވެ. އޯޕަންއޭއައި އަކީ މަޝްހޫރު ޗެޓްބޮކްސް ޗެޓްޖީޕީޓީ އޮޕަރޭޓްކުރާ ކުންފުންޏެވެ. އަދި ޗެޓްޖީޕީޓީން އާއްމުންނަށް މައުލޫމާތު ދެނީ ވަކި އަތަކަށް ޖެހިގެންކަމަށް މަސްކު ތުހުމަތުކުރެއެވެ.
މަސްކު ބުނީ އޭނާ އުފެއްދި ކުންފުންޏަކީ ހަގީޤަތް ހޯދާ، ހާމަކޮށްދިނުމުގެ ވިސްނުމުގައި ތަރައްޤީކުރާ އޭ.އައި ކުންފުންޏެއްކަމަށެވެ. އަދި ކުންފުނިން ކުރާނެ މަސައްކަތްތަކާއި ތައާރަފްކުރާނެ ކަންކަން ވަރަށް އަވަހަށް އިއުލާންކުރާނެކަމަށްވެސް އޭނާ ބުންޏެވެ.
މަސްކު އުފައްދާ އޭ.އައި ކުންފުނީގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވުމަށް އޭނާ ހޮވި ޓީމުގައި އޯޕަންއޭއައި ކުންފުނީގައި ކުރިން އުޅުނު މީހުންވެސް ހިމެނެއެވެ. އަދި މައިކްރޯސޮފްޓާއި ގޫގުލްގައި އިސްކޮށް މަސައްކަތްކުރި މީހުންވެސް މަސްކު އުފެއްދި އޭއައި ކުންފުނީގައި މަސައްކަތްކުރާނެއެވެ.
މި ކުންފުނި ލޯންޗުކުރަން ތައްޔާރުވަމުންދާކަން މަސްކު ފުރަތަމަ އިއުލާންކުރީ މިދިޔަ އޭޕްރީލްމަހުއެވެ. އޭރު މަސްކު ބުނެފައިވަނީ ޗެޓްޖީޕީޓީއާ ވާދަކުރުމަށް ޓުރުތް-ޖީޕީޓީ ނަމުގައި އޭއައި ޓޫލެއް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.
ޗެޓްޖީޕީޓީއާ ވާދަކުރުމަށް އޭއައި ކުންފުންޏެއްގެ މަސައްކަތް މަސްކު ފަށާފައި މިވަނީ، 44 ބިލިއަން ޑޮލަރަށް އޭނާ ގަތް ޓްވިޓަރގެ ކުރިމަގާއި މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ފޭސްބުކްގެ ބެލެނިވެރި ކުންފުނި، މެޓާއިން ޓްވިޓަރއާ ވާދަކުރުމަށް މިދިޔަ ހަފްތާގައި ލޯންޗުކުރި ތްރެޑްސްއިން ވަނީ ހަފްތާއެއްގެ ތެރޭގައި 100 މިލިއަން އެކައުންޓް ހަމަކޮށްފައެވެ. އަދި ވޭތުވެދިޔަ މުއްދަތުގައި ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައިވާކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.