ދުނިޔޭގެ ވިޔަފާރި

ލޯނަށް ބަރޯސާވުން ކުޑަކުރުމަށް ނައިޖީރީގައި ޓެކްސްތައް ބޮޑުކުރަނީ


ލޯނު ނެގުން މަދުކުރުމުގެ ގޮތުން، ނައިޖީރިއާގައި ނަގާ ޓެކްސްތައް ބޮޑުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އެ ޤައުމުގެ ރައީސް ބޮލާ ޓިނުބޫ ވިދާޅުވެއްޖެއެވެ.

ނައިޖީރިޔާގެ ރައީސް ވިދާޅުވީ ކުރިއަށް އޮތް 3 އަހަރު ތެރޭގައި އެ ޤައުމަށް ޓެކްސްއިން ލިބޭ އާމްދަނީ، ޤައުމުގެ ޖީޑީޕީއާ އަޅާބަލާއިރު 18 އިންސައްތަ އިތުރުކުރަން ސަރުކާރުން ޕްލޭންތައް އެކުލަވާލަމުންދާޚަމަށެވެ. އަދި މިއީ ލޯނު ނަގައިގެން ދައުލަތުގެ މަސައްކަތްތައް ހިންގުމަށް ސަރުކާރުން ބަރޯސާވެފައި އޮންނަ އޮތުން ނިންމުމަކަށް ގެނައުމަށް މަގުފަހިވެގެންދާނެ ޕްލޭނެއްކަމަށްވެސް ނައިޖީރިޔާގެ ރައީސް ވިދާޅުވިއެވެ.

އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރުމަށް ނައިޖީރިއާއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕެޓްރޯލް ސަބްސިޑީ ކަނޑާލުމާއި ފޮރެކްސް ޓްރޭޑިންނާއި ގުޅޭގޮތުން ހަރުކަށި އުސޫލުތަކެއް ހެނދުންވެސް ހިމެނެއެވެ.

ނައިޖީރިޔާގެ ސަރުކާރުން މިހާރު ވަނީ ޓެކްސްއަށް ގެންނަންޖެހޭ ބަދަލުތައް ދެނަގަތުމަށް ހާއްސަ ކޮމިޓީއެއް ނަގައިގެން އެ މަސައްކަތް ފަށާފައެވެ. ނައިޖީރިއާ ސަރުކާރުން ބުނީ ޓެކްސްއަށް ބަދަލުތައް ގެންނަނީ އެކަމުގެ ސަބަބުން ވިޔަފާރިތަކަށް އަސަރު ނުކުރާނޭގޮތަކަށެވެ.

ނައިޖީރިއާއަކީ ޓެކްސްގެ އިން ލިބޭ އާމްދަނީ އެންމެ ކުޑަ އެއް ޤައުމެވެ. އެ ޤައުމުގައި ޓެކްސްގެ ގޮތުގައި އަހަރަކު ލިބެނީ ޖީޑީޕީގެ 10.8 އިންސައްތައާ އެއްވަރުގެ އާމްދަނީއެވެ. އަދި މިއަހަރުވެސް ނައިޖީރިއާގެ ދައުލަތުގެ ބަޖެޓްގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް ހަމަޖައްސަންޖެހެނީ ލޯނު ނަގައިގެންކަމަށް ނައިޖީރިއާގެ ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން ބުނެއެވެ.

ނައިޖީރިއާގެ މިހާރުގެ ރައީސް ޓިނޫބޫގެ ކުރިން އެ ޤައުމުގެ ރައީސަކަށް ހުންނެވި މުހަމައްމަދު ބުހާރީގެ ވެރިކަން ނިމުނުއިރު އެ ޤައުމުގެ ދަރަނި 167 ބިލިއަން ޑޮލަރަށް އަރައެވެ. އެހެންކަމުން ދައުލަތަށް ލިބޭ އާމްދަނީގެ ވަރަށް ބޮޑު ބައެއް މިހާރުވެސް ހޭދަކުރަންޖެހޭނީ އެތެރެއާއި ބޭރުގެ ދަރަނިތައް އަދަކުރުމަށެވެ.