 
										
			ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައެވެ. 
މި މައްސަލަ ޙައްލުކުރުމަށް އެތައް މަސައްކަތްތަކެއް އެކި ސަރުކާރުތަކުން ކުރެއްވިނަމަވެސް ބޭނުންވާ ނަތީޖާއާއި ހަމައަށް އަދި ވާޞިލެއް ނުވެވެއެވެ. އެހެންނަމަވެސް ކުންޏާއި މެދު މީހުން ދެކޭގޮތް މަޑުމަޑުން ބަދަލުވެ ވަކިވަކި ރަށްރަށުން މިކަމުގައި ނަތީޖާ ނެރެމުންދާކަން ފާހަގަކުރެވެއެވެ. އެފަދަ އެއް ރަށަކީ އއ. އުކުޅަހެވެ. 
އއ. އުކުޅަހަކީ ރާއްޖޭގައި އެންމެ ފުރަތަމަ ލޯކަލް ޓޫރިޒަމް ތަޢާރަފްކުރެވުނު އެއް ރަށެވެ. އެރަށުގައި އެ ވިޔަފާރި ފުޅާކުރުމަށް ރަށު ކައުންސިލާއި ރައްޔިތުންނަށްވެސް ޤަބޫލުކުރެވުނު އެއްކަމެއް އޮތެވެ. އެއީ، ފަތުރުވެރިންނަށް ވެށި ވިއްކައިގެން ނަފާހޯދުމަށް އެވެއްޓަކީ ސާފުޠާހިރު ތަނަކަށް ހަދަންޖެހޭކަމެވެ. ކުންޏާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަމެވެ. 
އެހެންކަމުން 2012 ވަނަ އަހަރުން ފެށިގެން އުކުޅަހު ކައުންސިލުން އަންނަނީ އެރަށުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކައުންސިލާއި ޢާއްމުން ގުޅިގެން މިކަމުގައި ނަމޫނާ އެއް ރަށަށް މިވޭތުވެދިޔަ އަހަރުތަކުގައި ވަނީ ހަދާފައެވެ.
		
 
										
			ކުނީގެ ތެރެއިންވެސް ޕްލާސްޓިކާއި ދެކޮޅަށް އުކުޅަހުން ހޯދާފައިވާ ކާމިޔާބީއަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ، އުކުޅަހުން ޕްލާސްޓިކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންމެ ބޮޑު އެއް ބަދަލަކީ ޕްލާސްޓިކް ފުޅި މަދުކުރުމަށް ފެށި މަސައްކަތް ކަމުގައެވެ. 
ޝައުކަތު ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ޕްލާސްޓިކްގެ ނުރައްކަލާއި ގުޅޭގޮތުން އަދި ކައުންސިލްގެ ޕްލޭނާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށްފަހު މީގެ 6 އަހަރު ކުރިން ކައުންސިލްގެ ބެލުމުގެ ދަށުން އުކުޅަހުގެ މުވައްސަސާތަކަށް އާރްއޯ ޕްލާންޓާއި ބިއްލޫރު ފުޅި ވަނީ ހަދިޔާކޮށްފައެވެ. 
"ނަތީޖާއެއްގެގޮތުން މިރަށުގެ 90 އިންސައްތަ ގޭގެއާއި، ރެސްޓޯރެންޓްތަކާއި، އަދި ޚާއްސަކޮށް ގެސްޓްހައުސްތައް މިވަނީ ޕްލާސްޓިކް ފުޅިން މުޅިން ސަލާމަތްވެފައި. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް" ޝައުކަތު ވިދާޅުވިއެވެ.
އުކުޅަހުގެ ގޭބިސީތަކާއި، ގެސްޓް ހައުސްތަކާއި ގިނަ ރެސްޓޯރެންޓުތަކުން މިއަދު ފެންނަނީ ބިއްލޫރު ފުޅިތަކެވެ. 
		
 
										
			ސަރުކާރުން ޕްލާސްޓިކް ކޮތަޅާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުވެސް އުކުޅަހުގައި ތަންފީޒުކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން އުކުޅަހުގެ ކަމާބެހޭ ޖަމިއްޔާތަކުން ހާމަކުރައްވާގޮތުގައި، އުކުޅަހުގައި ހިންގާ 12 ފިހާރައިން މީގެކުރިން 1800 އަށްވުރެ ގިނަ ކޮތަޅު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ދޫކުރެއެވެ. 
އެހެންނަމަވެސް ސަރުކާރުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް އެޅި ފިޔަވަޅުތަކާއެކު އުކުޅަހުގެ ފިހާރަތަކަށް މީހުން އަމިއްލަ ފޮތި ކޮތަޅު ގެއިން ގެންނަކަން އެޖަމިއްޔާއިން ފާހަގަކުރެއެވެ. އަދި މިހާރު އެވްރެޖްކޮށް އެރަށުގެ ފިހާރަތަކުން ދޫކުރަނީ 180 ކޮތަޅުކަމަށް އުކުޅަހުގެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ. 
ޕްލާސްޓިކާއި ދެކޮޅަށް އުކުޅަހުގެ ކައުންސިލާއި ޖަމިއްޔާތަކާއި ޢާއްމުން ގުޅިގެން ކުރަމުންދާ މަސައްކަތުގައި ބޮޑެތި ކާމިޔާބީތަކެއްދަނީ ފެންނަމުންނެވެ. ޕްލާސްޓިކް ފުޅިއާއި ކޮތަޅާއި ދެކޮޅަށް އެހެން ރަށްރަށަށް ނަމޫނާ އުކުޅަހުން ދައްކަމުންދާއިރު މިއީ މަސައްކަތްކޮށްފިނަމަ ކާމިޔާބު ކުރެވިދާނެކަމެއްކަން އުކުޅަހުން ވަނީ ސާބިތުކޮށްދީފައެވެ.