މިއަހަރުގެ ތެރޭގައި އިތުރު 6 ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި ރިސޯޓްތަކާއެކު ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ވަނީ މުޅިން އަލަށް 2 ރިސޯޓެއް ހުޅުވައިފައެވެ. އެއީ ވ.އަތޮޅުގައި ހުޅުވި ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓާއި، ބ.އަތޮޅުގައި ހުޅުވި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓެވެ.
ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓް ހުޅުވީ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ. އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް ހުޅުވީ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ. މި 2 ރިސޯޓަކީވެސް 100 އެނދުގެ ރިސޯޓްތަކެކެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު އަދި އިތުރު 6 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެތެރޭގައި ރާއްޖޭގެ 5 އަތޮޅެއްގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓްތައް ހިމެނެއެވެ.
* ރ.ކުޑަކުރަތުގައި ތަރައްޤީކުރަމުން އަންނަ 400 އެނދުގެ ރިޒޯޓް
* ބ.ބޮޑުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ 200 އެނދުގެ ރިޒޯޓް
* ޅ.މާބިންހުރާގައި ތަރައްޤީކުރަމުން އަންނަ 408 އެނދުގެ ރިޒޯޓް
* ޅ.ދެރުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ 172 އެނދުގެ ރިޒޯޓް
* މާލެއަތޮޅު ފަޅެއް ހިއްކައިގެން ތަރައްޤީކުރަމުން އަންނަ 260 އެނދުގެ ރިޒޯޓް
* އދ.ބޮޑުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ 200 އެނދުގެ ރިޒޯޓް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 170 ރިސޯޓެއް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. މިއީ 41،241 އެނދެވެ. އެއީ ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު ހުރި މުޅި ޖުމްލަ 60،514 އެނދުގެ %68 އެވެ.
މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ރަށާއި ފަޅުތައް ހުޅުވާލާފައެވެ. މީގެތެރެއިން 2 ރަށަކަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މިއީ ރާއްޖޭގައި މިހާރު ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ސަރަޙައްދެއްކަމަށްވާ ހއ. އަދި ތ. އަތޮޅުން ދޫކުރާ 2 ރަށެވެ.
ކޯވިޑް19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މިހާރު އަންނަނީ ކުރިއަރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 661،628 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %19.5 ކުރިއެރުމެކެވެ.
ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއެކު އިންވެސްޓަރުންގެ ޝައުޤުވެރިކަން ރާއްޖެއަށް ބޮޑުވެފައިވާކަމަށް ކޯލްޑްވެލް ބޭންކާ ރިޗާޑް އެލީސް (ސީބީއާރުއީ) ން ދާދިފަހުން ވަނީ ބުނެފައެވެ. ސީބީއާރުއީ އަކީ ކޮމާޝަލް ރިއަލްއެސްޓޭޓް ވިޔަފާރީގެ ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު އެއް ކުންފުންޏެވެ.
ސީބީއާރުއީ އިން ބުނެފައިވަނީ މުޅި އޭޝިއާ ސަރަޙައްދަށް ބަލާއިރުވެސް ރާއްޖެއަކީ ކޯވިޑަށްފަހު ފަތުރުވެރިކަން އެންމެ ބާރަށް ކުރިއަރަމުންދާ މަންޒިލްކަމަށެވެ. ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އައިއިރު، 2020 ވަނަ އަހަރު ކޯވިޑާއެކު މި ޢަދަދު ވަނީ 6 ލައްކައަށް ދަށްވެފައެވެ. ނަމަވެސް 2022 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ނަންބަރުތައް އަނެއްކާވެސް ވަނީ ކޯވިޑްގެ ކުރިން ހުރި މިންވަރަށް އިއާދަވެފައިކަމަށް ސީބީއާރުއީ އިން ވަނީ ބުނެފައެވެ. އެހެންކަމުން މިއީ އިންވެސްޓަރުންގެ ޝަޢުޤު ރާއްޖެއާ ދިމާއަށް ހުރި ސަބަބެއްކަން ވަނީ ފާހަގަކޮށްފައެވެ.
ސީބީއާރުއިން ބުނީ ރާއްޖޭގައި ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ޓޫރިޒަމަށް ބޮޑު އިސްކަމެއް ދިނުމަކީވެސް އިންވެސްޓްމަންޓަރުންގެ ސަމާލުކަން ރާއްޖެއަށް ލިބުނު ސަބަބެއްކަމަށް ވެފައިވާކަމަށެވެ.