ޚަބަރު

ޗައިނާ ސަރުކާރުން 10 މިލިޔަން ރުފިޔާގެ ލެޑްބޮކި ހަދިޔާކޮށްފި


ޗައިނާ ސަރުކާރުން ދިވެހިސަރުކާރަށް ދިހަމިލިއަށް ރުފިޔާގެ ލެޑްލައިޓް ހަދިޔާކޮށްފިއެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި ލެޑްލަޓްތަކަކީ ސަރުކާރުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ" ކަރަންޓްބިލް ކުޑަކުރުމަށް ފެންވަރު ރަނގަޅު އެނަރޖީ ސޭވިންގ ތަކެތީގެ ބޭނުންކުރުން ފަހިކުރުން" މި ވަޢުދު ފުއްދުމަށްޓަކައި އެ މިނިސްޓްރީން ފަށްޓަވާފައިވާ "ފަހިއަލި" ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް ޗައިނާ ސަރުކާރުން ދިން ލައިޓްތަކެއްކަމަށެވެ.

"ފަހިއަލި" ޕްރޮގްރާމްގެ ދެވަނަ ފިޔަވައްސަށް ޗައިނާ ސަރުކާރުން ދުއިސައްތަ ދިހަހާސް ލެޑްލައިޓް ނުވަތަ އެލް.އީ.ޑީ ލައިޓް ދީފައިވެއެވެ. މި ލެޑް ލައިޓްތައް ސަރުކާރުގެ މުއައްޞަސާތަކާއި ޢާންމުފަރުދުންނަށް ބެހުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރައްވައެވެ. މިގޮތުން ލިބިފައިވާ ހަތްދިހަ އަށްހާސް ހަތްސަތޭކަ ފަންސާސް ލެޑްހޮޅިބުރި ބެހުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މުއައްޞަސާތަކަށެވެ. އަދި ސަތޭކަ އެއްތިރީސްހާސް ދުއިސައްތަ ފަންސާސް ލެޑްބޮކި ބެހުމަށް ހަމަޖެހިފައިވަނީ އާންމު ރައްޔިތުންނަށްކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

ނުވަ ވޯޓްގެ ސީޕީއެލް ބޮކީގެ ބަދަލުގައި ހަތްވޮޓްގެ ލެޑްލައިޓް ބޭނުންކުރުމުން ދުވާލެއްގެ މައްޗަށް ހަތަރުސަތޭކަ ފަންސަވީސް ހާސްލިޓަރަށްވުރެ ގިނަ ޑީސަލް ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން އަންދާރާކުރައްވައެވެ. އަދި 18 ވޮޓްގެ ފްލޮރިސެންޓް ލައިޓްގެ ބަދަލުގައި 9 ވޮޓްގެ ލެޑް ހޮޅިބުރި ބޭނުންކުރުމުން މިލަޔަނަކަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ދުވާލެއްގެ މައްޗަށް ސަލާމަތްކުރެވޭނެކަމަށް އެމިނިސްޓްރީން ލާފަކުރައްވައެވެ.

 ލެޑްލައިޓްތައް ޙަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ހަކަތަ އިސްރާފްކުރުން މަދުކުރުމަށް ސަރުކާރު އިސްނަގައިގެން ބޮޑަތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

މި ލެޑްލައިޓްތައް ޗައިނާ ސަރުކާރުގެ ފަރާތުން ޙަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަންގ ފޫ ކަން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. މިރަސްމިއްޔާތުގައި ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ތިމާވެއްޓަށް ކުރަމުންދާ ނޭދެވާ އަސަރުތައް ކުޑަކުރުމަށް ޗައިނާއިން ފުޅާދާއިރާއެއްގައި މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، ރާއްޖެއާއެކު މިދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރުކުރައްވާނެކަމަށް ވިދާޅުވިއެވެ.

ފެހިއަލި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޗައިނާ ސަރުކާރުން ދެއްވާފައިވާ ދުއިސައްތަ ފަންސާސް ހާސް ލެޑްލައިޓް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު އޮފީސްތަކަށް ފޯރުކޮށްދެއްވާފައިކަން އެންވަޔަރަމެންޓް މިނިސްޓްރީން ފާހަގަކުރައްވައެވެ.