ޚަބަރު

ދަރަވަންދޫއާއި ދުވާފަރު ބަނދަރު، ތޮއްޑޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރަން ޙަވާލުކޮށްފި


ބ. ދަރަވަންދޫ އާއި ރ. ދުވާފަރު ބަނދަރު މަރާމާތުކުރުމާއި އއ. ތޮއްޑޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. ދަރަވަންދޫ އާއި ދުވާފަރު ބަނދަރު ތަރައްޤީ ކުރުމަށް ހަވާކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއެވެ. އއ. ތޮއްޑޫ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ބޭއްވި ރަސްމިއްޔާތުގައި ބ. ދަރަވަންދޫއާއި ރ. ދުވާފަރު ބަނދަރު މަރާމާތުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމްއެވެ.

ރ. ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢަށް 11.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ދުވާފަރުގައި މިހާރު އޮތް ބަނދަރަކީ 1200 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރެކެވެ.

އެރަށަކީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއްރަށެވެ. ހުރިހާ ބާވަތެއްގެ މަސްވެރިކަމެއް ކުރާ ބަޔަކު ދިރިއުޅޭ މިރަށު ބަނދަރު ކުޑަވުމުގެ ސަބަބުން އެތައް ގޮންޖެހުމަކާ ކުރިމަތިވަމުން އަންނަކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ކަންނެލި މަސްވެރިކަން ކުރާ އުޅަނދުތަކާ ފާނައިގެ މަސްވެރިކަން ކުރާ އުޅަނދުތައް ކޮންމެ ބުރާސްފަތި ދުވަހެއްގައި ރަށުގައި ބަނދަރު ކުރުމުން މުދާ އަރުވާ ބޭލުމަށް ބޮޑެތި ދަތިކާ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ

ދުވާފަރު ބަނދަރު އަޕްގްރޭޑްކުރުމަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ބަނދަރުގައި ޖެޓީއެއް ތަަރައްޤީކޮށް ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަނަދަރު ތަރައްޤީ ވެގެންދިއުމުން މުދާ އަރުވާ ބޭލުމަށް ވަކި ސަރަަހައްދެއް ކަނޑައަޅިގެން ދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ބ. ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 59.9 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ދަރަވަންދޫގައި މިހާރު އޮތް ބަނދަރަކީ މީގެ 20 އަހަރުކުރިން ތަރައްޤީކޮށްފައި އޮތް ބަނދަރެކެވެ. އެބަނދަރަކީ 700 ފޫޓް ދިގު 290 ފޫޓް ފުޅާ ބަނދަރެކެވެ. އެރަށަކީ ޑޮމެސްޓިކް އެއަރޕޯޓެއް އޮންނަ ރަށަކަށްވުމުން އެރަށު ފަޅަށް ދުވާލަކު އެތައް އުޅަނދެއް ވަދެ ނުކުމެހަދައެވެ. ވަކިން ޚާއްސަކޮށް ބ. އަތޮޅުގެ 16 ރިސޯޓްގެ ބޮޑެތި ލޯންޗްފަހަރު ކައިރިކޮށް ފަތުރުވެރިން އަރުވާ ބޭލުމަށް ބޮޑެތި ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.

އެރަށު ކައުންސިލްގެ ރައީސް އަލީ ސަމީޙް ވިދާޅުވީ، ބަނދަރުގެ ބޭރު ތޮށި ހަލާކުވެފައި އޮތުމުން އިރުވައި މޫސުމުގެ މި ދުވަަސްވަރު ފަޅުގަދަވުން ފަދަ ކަންކަން ކުރިމަތިވަމުން އަންނަކަމަށެވެ. ފަތުރުވެރިކަމުގެ ވިޔަފާރިވެސް ހިންގާ މިރަށުގައި ފަތުރުވެރިކަމަށް ބަނދަރުގައި ޚާއްސަ ސަރަހައްދެއް ނެތުމަކީވެސް އެ ވިޔަފާރި ކުރާ ފާރާތްތަކުން ކުރާ ޝަކުވާއެއްކަމަށް އަލީ ސަމީޙް ވިދާޅުވިއެވެ. ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުން މިކަންކަންކަމަށް ހައްލު ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދަރަވަންދޫ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން 30،504 މީޓަރުގެ ބަނދަރު ފުންކުރުމާއި، 352 މީޓަރުގެ ބޮޑުހިލައިގެ ތޮށްޓެއްލާ، 83 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމަންޓްއެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 24 މީޓަރުގެ ގޮރޮއިން ޖެހުމާ، 248 މީޓަރުގެ އެއްގަމު ތޮށްޓެއްލާ 248 މީޓަރުގެ ސްކޯރިން އެޕްރޮން ޖަހާ ނެރު ބައްތި އާ އޮޑި ދޯނިފަހަރު ވާއެއްސުމަށް 76 މޫރިން ހަރުކުރުމާ 34 މޫރިންގް ބޮއެ ހަރުކޮށް އެކްސެސް ޕްލެޓްފޯމެއް އަޅުމާ 80 ފޫޓްގެ ޓީ ޖެޓީއެއް ހެދުމާ ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭވްމަންޓް ހެދުމަށްވަނީ ހަމަޖެހިފައެވެ.

އއ. ތޮއްޑޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ހަވާލުކުރީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި މަޝްރޫޢު އެއްކޮށް ނިންމާގޮތަށެވެ. މިއީ 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

ތޮއްޑޫގައި ހިމާޔަތް ކުރާނީ އެރަށުގެ ދެކުނު ފަރާތެވެ. އެއީ އެންމެ ގިނަ ދަނޑުބިން ދޫކޮށްފައި އޮންނަ ސަރަހައްދެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ، އެރަށު ދެކުނު ފަރާތް ހިމާޔަތްކުރުމުން އެސަރަހައްދުގައި ދަނޑުވެރިކަން ކުރާފަރާތްތަކުގެ ކަންބޮޑުވުމަށް ހައްލުލިބިގެންދާނެކަމަށެވެ. ކަރަމް ބުނީ އެސަރަހައްދު ގިރަމުންގޮސް ދަނޑު ބިންތަކަށް އަސަރުކުރާވަރަށް މިހާރު ގިރައިގެން ގޮސްފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް 17،000 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާ 750 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.