ވިޔަފާރި

ބަހަށް ކޭޝްކާޑުން ފައިސާ ދެއްކުން، ޚިދުމަތް ހޯދާ މީހުންނަށް ބޮޑު ލުޔެއް


އެމްޓީސީސީ އާރުޓީއެލް ޚިދުމަތަކީ ރާއްޖޭގެ ދަތުރުފަތުރުގެ ޙިދުމަތައް އިންގިލާބީ ބޮޑު ބަދަލެއް ގެނައި ޚިދުމަތެކެވެ. މިއީ ރައްޔިތުންގެ ޖީބުން ދަތުރުފަތުރަށް ހޭދަކުރަންޖެހޭ އަދަދު ކުޑަކޮށްދިން ކަމެކެވެ.

މި ޚިދުމަތަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ޚިދުމަތަކަށް ހެދުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެމްޓީސީސީއިން ދަނީ ގެންނަމުންނެވެ. އެގޮތުން ދާދިފަހުން އެ ކުންފުނިން ވަނީ މާލެ ސަރަހައްދުގައި ދެމުންދާ ބަހުގެ ޚިދުމަތުގައި ކޭޝް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

އެމް.ޓީ.ސީ.ސީން މާލެ ސަރަޙައްދުގައި ދެމުން އަންނަ ބަހުގެ ޚިދުމަތުގައި ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އަލީ ފާތިހް ވިދާޅުވީ، މިއީ ކަސްޓަމަރުން ވަރަށް ބޮޑަށް ބަލައިގަނެފައިވާ ޚިދުމަތަކަށް ވެގެންގޮސްފައިވާކަމަށެވެ. އެގޮތުން ހަފްތާއެއް ވީއިރު ފަސްހާހެއްހާ މީހުން މި ޚިދުމަތް ބޭނުންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންޓެކްޓްލެސް މާސްޓަރކާރޑްއާއި، ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް އާރް.ޓީ.އެލް މާލެ ސިޓީ ބަހުގެ ޚިދުމަތަށް މިހާރު ފައިސާ ދެއްކެއެވެ. ފާތިހް ވިދާޅުވީ، މިއީ ވަރަށް ކުރީއްސުރެއްވެސް އެމްޓީސީސީއިން ޑިވެލޮޕްކުރަމުން އައި ޚިދުމަތެއްކަމަށެވެ. ކަސްޓަމަރުންގެ ފަރާތުން ޚިޔާލު ހޯދިއިރުވެސް މިއީ އެމީހުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ޚިދުމަތެއްކަން އެނގިގެންދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން މި ޚިދުމަތް ދިންތާ ހަފްތާއެއް މިހަމަވީ. ހަފްތާއެއްގެ ތެރޭގައި 5000 އާއި ގާތްކުރާ އަދަދަކަށް އެބަހުރި އީއެމްވީގެ ޚިދުމަތް ހަމަ ބޭނުންކުރެވިފައި” ފާތިހް ވިދާޅުވިއެވެ.

ޗަޓް އެންޑް ގޯ ނުވަތަ އީއެމްވީ ކާޑަކީ އެމްޓީސީސީއާއި ބީއެމްއެލް އަދި މާސްޓަރ ކާޑު ގުޅިގެން ތައާރަފްކުރި އިތުރު ޚިދުމަތެއްކަމަށެވެ. މި ޚިދުމަތާއިއެކު މިހާރު މިގެންގުޅޭ މާސްޓަރ ކާޑާއި ވިސާ ކާޑު ޗަޓް ކޮށްލައިގެން ބަހުގެ ޚިދުމަތް ލިބޭނެ އިންތިޒާމް ކަސްޓަމަރުންނަށް ވަނީ ފަހިވެފައެވެ.

މި ޚިދުމަތް އެމްޓީސީސީއިން މިހާރު ދެމުންދަނީ މާލެ މިނީ ބަހާއި ގްރޭޓަރ މާލޭގެ ހުރިހައި ބަހެއްގައެވެ. މި ޚިދުމަތައް އާންމުން އަހުލުވެރިކުރުވުމުގެ ގޮތުން އެމްޓީސީސީއިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން ހުރިހައި ބަހެއްގައި މި ޚިދުމަތާއި ގުޅޭ ހޭންގާރސްތައް ވަނީ ހަރުކޮށްފައެވެ. އަދި އެމްޓީސީސީގެ ހުރިހައި ސޯސަލް މީޑިއާ ޕްލެޓްފޯމެއްގައިވެސް މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުންދާއިރު ބަސް ޓާމިނަލްތަކުގައިވެސް މިކަމާއި ގުޅޭ މައުލޫމާތު ދަނީ ދެމުންނެވެ. އަދި އެ ކުންފުނީގެ ހޮޓްލައިން 1650 އިންވެސް މިކަމާއި ގުޅޭ މައުލޫމާތު ލިބޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

ފާތިހް ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތަކުގައި އެމްޓީސީސީއިންދޭ އާރުޓީއެލް ޚިދުމަތުގައިވެސް މި ޚިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"މިހާރު އަޅުގަނޑުމެން ޓެސްޓް ފޭސްއެއް ގޮތުން ހުރިހައި ޓެސްޓްތަކެއް ނިންމާފައި ގްރޭޓަރ މާލެ ސަރަހައްދުގައި މި ޚިދުމަތް މިދެށީ. ދެން އެކަމަކު މިއާއިއެކީގައި އަތޮޅުތެރޭގައި މިހުރި އާރުޓީއެލް ބަހުގެ ޚިދުމަތުގައިވެސް މި ޚިދުމަތް ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ކުރިއަށްއޮތް މަހެއް ނުވަތަ ދެމަސްތެރޭގައި މި ޚިދުމަތް އަތޮޅުތެތޭގައި މިހުރި ބަސްތަކުގެ ޚިދުމަތުގައިވެސް ކުރިއަށްގެންދެވޭނެ." ފާތިހް ވިދާޅުވިއެވެ.

އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް މިހާރު ފައިސާ ދެއްކެނީ 3 ގޮތަކަށެވެ. އެއީ ނަގުދުކޮށް ފައިސާ ދެއްކުމާއި، އޮންލައިންކޮށް ފައިސާ ދެއްކުމާއި، ޓެޕް ޓޫ ޕޭ މެދުވެރިކޮށް ފައިސާ ދެއްކުމެވެ. ނަމަވެސް އެމްޓީސީސީއިން މަސައްކަތް ކުރަމުންދަނީ ކޭސްކޮށް ފައިސާ ދެއްްކުން ހުއްޓުމަކަށް ގެނައުމަށެވެ.