ކަނޑުގެ ދިރުންތައް ދިރާސާކުރުމުގެ މަސައްކަތް އަލަށް ފަށާ މީހުންނަށް ޚާއްސަކޮށްގެން ގުދުރަތީ ދިރުންތައް ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ބާއްވާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އަންނަމަހުގެ 12 އިން 23 އަށް މަނިޔަފުށީގައި ހުންނަ މަނިޔަފުށީ ރިސަރޗް ސްޓޭޝަންގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަކީ ނެކްޓަން މޯލްޑިވްސްއާއި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިއުޓް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ނެކްޓަން މޯލްޑިވްސްއިން ބުނީ މި ތަމްރީން ޕްރޮގްރާމަކީ ކަނޑުގެ ދިރާސާ ކުރާ ފަރާތްތަކުން އެމަސައްކަތް ފަށައިގަންނައިރު ކަނޑުގެ ދިރުންތައް ދެނގަންނާނެގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ބާޢްވާ ތަމްރީން ޕްރޮގްރާމެއްކަމަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި މިދިޔަ ސެޕްޓެމްބަރު މަހުން އޮކްޓޫބަރު މަހަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ކަނޑުގެ ދިރާސާގައި އެއްކުރި ގުދުރަދީ ދިރުންތައް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 12 އިން 16 އަށެވެ. މީގެ އިތުރުން އާންމު ފަރުތަކުގެ ގުދުރަތީ ދިރުންތައް ދެނެގަތުމުގެ ހުނަރުތަކަށް ޝައުގުވެރިވާ މީހުންނަށްވެސް މި ޕްރޮގްރާމްގައި އެމަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން އަންނަ މަހުގެ 18 އިން 22 އަށް އޮންލައިން ކްލާސްތަކާއި ކަނޑުއަޑީގެ ސާމްޕަލްތައް ލެބަށް ގެންގޮސް ޓެސްޓުކުރާނެގޮތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ މިޕްރޮގްރާމްގައި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މުރަކަ ފަރުތަކާއި ގުޅޭ މަޢުލޫމާތު އިނގޭ އެމަސައްކަތުގެ ތަޖުރިބާކާރުންނެވެ.
މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. މިޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. ބައިވެރިވާ ދިވެހިންގެ އަދަދަށް ބަލާ އިތުރު ފުރުސަތު ހުރިނަމަ ބޭރު މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް ނެކްޓަން މޯލްޑިވްސްއިން ބުނެއެވެ.