ބ.އަތޮޅު ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ހަލުވިމިނަށް ބަލާއިރު ކުރިއަށް އޮތް ދެމަސްތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ކައުންސިލުން ބުނެފިއެވެ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީންނެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ. ގޮނޑުދޮށް ހިމާޔަތް ކުރަނީ އޮއި ދެމޭ ގޮތަށް ތޮށިމަތީގައި ބޮޑު ހިލައިގެ 6 ތޮށިގަނޑު ލައިގެންނެވެ. މިއިން ކޮންމެ ތޮށްޓެއްގައި 70 ވަރަކަށް މީޓަރު ހުންނައިރު، މިހާރު ތިން ތޮށީގެ މަސައްކަތް ނިމިފައިވާ ކަމަށް ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ޝަމީޙު ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، 490 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެރަށު އެއަރޕޯޓް ރަންވޭއާވީ ހުޅަނގު ފަރާތް ގިރަމުންދާތީ އެސަރަޙައްދު ހިމާޔަތް ކުރުމަށް 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
ދަރަވަންދޫ ކައުންސިލުން ބުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށާ، އުންމީދަކީ މިއަހަރު ތެރޭގައި މަސައްކަތް ނިމި ފަތުރުވެރިކަމުގެ ސީޒަނަށް ގޮނޑުދޮށް ބޭނުން ކުރެވޭނެކަމަށެވެ. އެރަށުގައި ހިމާޔަތް ކުރަނީ ރަށުގެ ހުޅަނގު އުތުރު ފަރާތެވެ. އެސަރަހައްދަކީ އެރަށުގައި އެންމެ ގިނަ ގެސްޓްހައުސްތައް ހުންނަ ސަރަހައްދެވެ. ކޮންމެ އިރުވައެއްގައި އެސަރަަހަދުން ބޮޑުބައެއް ގިރާއިރު، ބައެއް ގެސްޓްހައުސްތަކާ މޫދާ ދެމެދު 50 ހަކަށް ފޫޓްވެސް ނުހުރެއެވެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީޙް ވިދާޅުވީ މިކަމުގެ ޝަކުވާ މެދު ނުކެނޑި ކޮންމެ އިރުވައި މޫސުމެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާފަރާތްތަކުން ކުރާކަމަށެވެ. އެހެންނަމަވެސް މިއަހަރު މިކަމަށް ސަރުކާރުން ހައްލު ގެނެސްދިނުމަކީ ފަތުރުވެރިކަން ކުރިއެރުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރިއެވެ.
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 22.14 މިލިއަން ރުފިޔާއަށެވެ.
ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދިޔަ ބ.އަތޮޅު ތުޅާދޫ އާއި ކެންދޫގެ އިތުރުން ދޮންފަނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ. މިހާރު ކުރަމުންދަނީ ކުޑަރިކިލާއި ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ.