ވިޔަފާރި

މިއަހަރު ބީއެމްއެލްއިން އިތުރު 4 ބްރާންޗެއް ހުޅުވަނީ


މިއަހަރު ބޭންކް އޮފް މޯލްޑިވްސްގެ މުޅިން އާ 4 ބްރާންޗެއް ހުޅުވާނެކަމަށް އެ ބޭންކުން ބުނެފިއެވެ.މި ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިހާރު ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ފުޅާނުކުރެވިވާ އަތޮޅުތަކުގައެވެ. މިއަހަރު އަލަށް ބޭންކުގެ ބްރާންޗުތައް ހުޅުވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހައްދުންމަތީ ގަމާއި، ކޮޅުމަޑުލު ގުރައިދޫއާއި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫގެ އިތުރުން އެއަތޮޅު ހޮޅުދޫގައެވެ. މީގެ އިތުރުން މިމަހުގެ ފަހުކޮޅު މާލެއަތޮޅު މާފުށްޓާއި ފެލިދެއަތޮޅު ފެލިދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗުތައް ހުޅުވުމަށް އެބޭންކުން ދަނީ މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.ބޭންކުން އަލަށް ހުޅުވާ ބްރާންޗުތަކުން ކުދި އާބާދީތަކަށް އެންމެ އެކަށޭނެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް އެބޭންކުން މަޢުލޫމާތުދެއެވެ. މިގޮތުން ބޭންކުގެ ޚިދުމަތުގެ ތެރެއިން ކައުންޓަރުތަކުގެ ޚިދުމަތްތައް ނެތްނަމަވެސް ބޭންކަށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގޭގޮތަށް ސައުވީސްގަޑިއިރު އޭޓީއެމްގެ ޚިދުމަތްތައް ލިބޭނެކަމަށްބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.މީގެއިތުރުން ބޭންކް އެކައުންޓު ހުޅުވުމުގެ ޚިދުމަތާއި، ލޯނުފައިސާ ދޫކުރުމާއި، ބޭންކުގެ ކޭޝް ކާޑުގެ ޚިދުމަތްތައް ދިނުމަށް ބޭންކުގެ ޓީމެއް ރަސްމީ ގަޑީގައި ޙަރަކާތްތެރިވަމުންދާނެކަމަށްވެސް ބޭންކް އޮފް މޯލްޑިވްސްއިން މަޢޫލޫމާތުދެއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމުގެގޮތުން އިންވެސްޓްކޮށްފައިވާ ތިންސަތޭކަ މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއްވަނީ ފަށްޓަވާފައެވެ. މި ފައިސާގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގައި 150 މިލިއަން ރުފިޔާ ރާއްޖޭގެ ރައްޔިތުންނަށް ބޭންކުގެ ޚިދުމަތްތައް ދިނުމަށާއި، އަދި ބޭންކުގެ ބްރާންޗުތައް އަޕްގްރޭޑްކުރުމަށް ޚަރަދުކޮށްފައިވާކަމަށް ބޭންކުން ހާމަކުރެއެވެ. ރާއްޖޭގެ 19 އަތޮޅެއްގައި ބޭންކުގެ 27 ބްރާންޗެއް މިހާރު ހުޅުވާފައިވެއެވެ. ބީ.އެމް.އެލްއިން މި ވަގުތު 260 ހާހަށްވުރެ ގިނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ.27 ބްރާންޗް، 75 އޭޓީއެމް، 3100 ޕީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 10 ސެލްފްސަރވިސް ބޭންކިން ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓް އެކުލެވޭ ބޭންކިންގ ވިއުގަޔަކާއެކު ބީއެމްއެލް އަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެ އަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދޭ ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކެވެ.