ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. ބ.ދޮންފަނަކީ އަދި މިމަސައްކަތް ޢަމަލީގޮތުން އަދި ފެށިފައިނުވާ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. ރައްޔިތުން ތިބީ މިޚިދުމަތް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގެ ބިމުން ނަގާ ފެނަކީ ރައްކާތެރި ފެން ނޫކަމަށް އެރަށްރަށުގެ ރައްޔިތުން ބުނަމުން އާދެއެވެ. މިކަން ދިމާވާ މައިގަނޑު އެއްސަބަބެއްކަމަށް ބެލެވިފައި އޮންނަނީ ރަށު ބިމަށް ނަރުދަމާ ނަޖިސް ހިންދުމެވެ. އޭގެސަބަބުން ރަށުގެ ފެން ފަށަލައަށް އޭގެ އަސަރުކޮށް ފެނުން ނުބައިވަސް ދުވުމެވެ.
ދޮންފަނަކީވެސް މިކަން ތަހައްމަލް ކުރަމުންދާ ބަޔަކު ދިރިއުޅޭ ރަށެކެވެ. އާބާދީގައި 600 އެއްހައި މީހުން ދިރިއުޅޭ މިރަށު ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުމަކީވެސް މިއެވެ. އެހެންނަމަވެސް މިހާރު އެރައްޔިތުންނަށް ޔަޤީންވާކަމެއް އެބައޮތެވެ. އެއީ މިދައުރު ނިމުމުގެ ކުރިން ސަރުކާރުން ވެފައިވާ ފެނާ ނަރުދަމާގެ ވައުދު ފުރިހަމަކޮށް އެޚިދުމަތް އެރަށަށްވެސް ލިބޭނެކަމުގެ ޔަގީންކަމެވެ.
ދޮންފަނުގައި ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް ޤާއިމް ކުރުމަށް ސަރުކާރުން ވަނީ މިހާރު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ. އެކުންފުނިން މި މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރީތައް ވަމުންނެވެ.
އެގޮތުން ފެނުގެ ނިޒާމުގެ މައި ޢިމާރާތާއި، މިމަސައްކަތަށް ބޭނުންވާ ބައެއް ސާމާނުތައް ވަނީ އެރަށަށް ގެންގޮސްފައެވެ. މިމަސައްކަތް ފެށުމަށް ހަދަންޖެހޭ ސާވޭތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް ފެނަކައިން ވިދާޅުވެއެވެ. މިހާރު މަސައްކަތް ނުފެށި އޮތީ ބިމުގެ ބައެއް ކަންކަންކަން މުޅިން ހަމަނުޖެހޭތީކަމަށް އެރަށު ކައުންސިލްގެ ރައީސް އަހްމަދު އިރުޝާދު ވިދާޅުވިއެވެ.
ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމަކަށް އުންމީދުކުރަމުންދިޔަ އެތައް ރަށްރަށަކަށް މިހާރު ސަރުކާރުންވަނީ މިޚިދުމަތް ފޯރުކޮށްދީފައެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތައް ކަންކަން މިދަނީ ފުރިހަމަވެ ނިމެމުންނެވެ. އެހެންކަމުން ދޮންފަނު ރައްޔިތުންގެ އުންމީދަކީ ބިން ހަމަޖެހި ލަސްތަކެއްނުވެ މިކަމުގެ އަމަލީ މަސައްކަތް ފެށުމެވެ.
އަދި ރައްކާތެރި ފެން ނުލިބުމުގެ ދަތިކަމުންނާއި، ނަރުދަމާގެ ވަޅުގަނޑުތައް ފުރުމުން ލިބެމުންދާ ދަތިކަމަށް ހައްލު ލިބިގެން ދިއުމަކީ މިރަށުގެ ރައްޔިތުނަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމެވެ.