ސަރުކާރުގެ ހިލޭ ޑިގްރީ ސިޔާސަތުގެ ދަށުން މިހާރު 15000 ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ތަޢުލީމީ ދާއިރާގައި ފަހި ފުރުސަތުތަކެއް ހޯދައިދީ ޒުވާނުންނަކީ ޤާބިލު ބަޔަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ "ފަސްޓް ޑިގްރީ" ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެކެވެ.
ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްދާއިރާއަކީ ތަޢުލީމީ ދާއިރާއެވެ. ތަޢުލީމީ ޤާބިލު ޖީލެއް ބިނާކުރުމަށް ދައުލަތުގެ ބަޖެޓުން އެންމެބޮޑު ހޭދައެއް ކުރަނީ ތަޢުލީމީ ދާއިރާއަށެވެ. ޤައުމުތަކުން ޢާއްމުކޮށް ނުފެންނަ ތަޢުލީމީ ސިޔާސަތުގެ ދަށުން ފުރަތަމަ ޑިގްރީ ހިލޭ ކިޔެވޭ އުސޫލަކީ ސަރުކާރުގެ މަތީ ތަޢުލީމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ސިޔާސަތެކެވެ. މިސިޔާސަތާ ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިސިޔާސަތުގެ ދަށުން މިހާރު 15000 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޤައުމު ބިނާކުރުމުގައި ތަޢުލީމީ ޤާބިލު ޖީލެއް ބިނާކުރުންކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 2019އަހަރު ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން ފެށި އަހަރު 4804 ދަރިވަރުންވަނީ މި ފުރުސަތުގެ ބޭނުންކޮށްފައެވެ. 2020ވަނަ އަހަރު 4818 ދަރިވަރުން ކިޔަވާފައިވާއިރު 2021ވަނަ އަހަރު 3301 އަދި މިއަހަރުގެ މިހާތަނަށް 2077 ދަރިވަރުން މިއުސޫލުގެ ދަށުން ހިލޭ ޑިގްރީއަށް ކިޔަވަމުން އަންނަކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
Very pleased to know that as of today, 15,000 students have enrolled and are now studying under the Government’s Free First Degree Program.
— Ibrahim Mohamed Solih (@ibusolih) August 31, 2022
Our aim is to produce a generation of well rounded, highly educated young people who can contribute meaningfully to nation building.
ސަރުކާރުގެ ކާމިޔަބު ސިޔާސަތު ފާހަގަކުރައްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ ރަށުގައި ތިބެގެން ކިޔެވޭނެ އުސޫލު މިއާއެކު ފަހިވެގެން ގޮސްފައިވާކަމަށެވެ. އަދި މިއީ ކުރިއަށް އޮތްތަނުގައި ޤައުމަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމެއްކަމަށް މިނިސްޓަރގެ ޓުވީޓުގައިވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ މިސިޔާސަތގެ ދަށުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު ދެ ޔުނިވަރސިޓީކަމަށްވާ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ރާއްޖޭގެ އެކި ކެމްޕަސްތަކުގައި ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. މީގެއިތުރުން ރާއްޖޭގައި ހިނގާ އަމިއްލަ ކޮލެޖްތަކުގައި ވެސް ވަކި އިންސައްތައެއް ސަރުކާރުން ހިއްސާވާގޮތަށް ދަރިވަރުން އަންނަނީ މިޑިގްރީގައި ކިޔަވައިދެމުންނެވެ. މީގެއިތުރުން ސްޓޫޑެންޓް ލޯންގެ ދަށުން 1986 ދަރިވަރަކަށް މިވޭތުވެދިޔަ 4 އަހަރުތެރޭގައި ފޯރުކޮށްދީފައިވާއިރު 20 ޤައުމެއްގައި ސްކޯލަރޝިޕްގައި ކިޔެވުމުގެ ފުރުސަތު 468 ދަރިވަރަކަށް ވަނީ ފަހިކޮށްދީފައެވެ.