ޚަބަރު

ވަންދޫ ކުނި މެނޭޖުކުރާ މަރުކަޒު ޖޫންމަހު އޮޕްރޭޝަނަށް ގެންނަނީ


ރ.ވަންދޫގައި ޤާއިމްކޮށްފައިވާ ކުނި މެނޭޖްކުރާ މަރުކަޒު މިއަހަރުގެ ޖޫންމަހު އޮޕްރޭޝަނަށްގެނައުމަށް ތައްޔާރުވަމުންދާކަމަށް އެންވަޔަރުމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއެޖެއެވެ.

ތިމާވެއްޓާއި ގުޅުންހުރި މައްސަލަތައް ޙައްލުކުރުމަށް އެވުޒާރާއިން ކުރައްވަމުންދާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހާ ޙިއްސާކުރައްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ މިއަހަރުގެ މެދެއްހައި ހިސާބުގައި ރ.ވަންދޫ، ބޮޑެތި ބަދަލުތަކާއެކު އޮޕަރޭޝަނަށް އަންނާނެކަމަށެވެ. އެކަމުގެ ސަބަބުން ނ، ރ، ބ، ޅ، މިހަތަރުއަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލެވޭނެކަމށް މިިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ 3 ސަރަހައްދެއްގައި ޤާއިމް ކުރުމަށް ސަރުކާރުން ނިންމަވާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގެ އިތުރުން އެ ތަންތަނަށް ކުނި ގެންދެވެންދެން ކުނި ބަހައްޓާނެ ތަންތަންވެސް ހަދާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

"މިވީހާތަނަށް މިކަން ހައްލުނުކުރެވި އޮތްނަމަވެސް މިއަހަރު މިކަން ޙައްލުވާތަން ފެންނާނެ. މީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ. ވޭސްޓް މެނޭޖްމަންޓް ސެންޓަރތައް ހަދާ އޮޕްރޭޝަނަށްގެންނަ އިރު ކުނި ޓްރާސްފަރ ސްޓޭޝަން ތައްވެސް ޤާއިމް ކުރާނަން. އަދި އަމާޒަކީ ރ.ވަންދޫ މިއަހަރު ޖޫންމަހު އޮޕަރޭރަނަށް ގެނައުން." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ރ.ވަންދޫގައި ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމް ކުރުމުގެ މަސައްކަތް ފެށީ މީގެ 12 ވަރަކަށް އަހަރު ކުރިންނެވެ. ވޯލްޑް ބޭންކުގެ އެހީގައި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢަކީ ކުނި ނައްތާލުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢެވެ. މިތަން 2016ވަނަ އަހަރު އޮޕަރޭޝަނަށް ގެނެސް ބައެއް ރަށްރަށުން އެމަރުކަޒަށް ކުނި ޖަމާކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށިއެވެ.

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓުން ބުނީ އެންމެ ފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. އެގޮތުން ވަންދޫގައި ކުނި ނައްތާލުމަށް ބަހައްޓާފައި ހުރި އިންސެނެރޭޓަރ ޕްލާންޓްގެ މެއިންޓަނަސް މަސައްކަތްތަކެއް ކުރަމުންދާކަމަށާ ޖޫންމަހަށް އެކަން ހައްލުކޮށް އޮޕްރޭޝަނަށް ގެނެވޭނެކަމަށް އެފަރާތުން ބުނެއެވެ.

މިރަށުގައި ކުނި ނައްތާލުމުގެ މަސައްކަތް ފަށާއިރު ނ، ރ، ބ، ޅ، މިހަތު އަތޮޅުގެ 45 ރަށަކާއި އެހަތަރު އަތޮޅުގައި އޮތް 47 ރިސޯޓްގެ ކުނި ނަގާނެކަމަށް ވެސް މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓުން ވިދާޅުވެއެވެ.

ރިސޯޓްތަކުން ކުނި ސަޕްލައި ކުރުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭނީ އެމީހުންގެ އަމިއްލަ އުޅަނދުފަހަރުގަކަމަށްވެސް މޯލްޑިވްސް ކްލީން އެންވަޔަރުމަންޓް އިން ވިދާޅުވެއެވެ.

ސަރުކާރުން ރާއްޖޭގެ ތިންސަރަހައްދެއްގައި ކުނި ނައްތާލުމުގެ މަރުކަޒުތައް ޤާއިމް ކުރަނީ ވަންދޫ އާ ތިލަފުއްޓާ އައްޑޫގައެވެ. މީގެ އިތުރުން ކޮންމެ ރީޖަނެއްގައިވެސް މިމަރުކަޒުތަކަށް ކުނިތައް ގެންދެވެންދެން ކުނި ބަހައްޓާނެ "ޓްރާންސްފަރ ސްޓޭޝަން"ތައް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.