ޚަބަރު

ނައިފަރުގައި ސަރުކާރުން ޢިމާރާތްކުރި 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކޮށްފި


ފާދިއްޕޮޅު ނައިފަރުގައި ސަރުކާރުން ޢިމާރާތްކުރި 100 ހައުސިން ޔުނިޓް އެރަށު ކައުންސިލާއި ހަވާލުކޮށްފިއެވެ.
މި ހައުސިންގ ޔުނިޓްތައް ކައުންސިލާއި ހަވާލުކުރުމަށް ނައިފަރު ހައުސިން ޔުނިޓް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި މި ހައުސިން ޔުނިޓްތައް ނައިފަރު ކައުންސިލާއި ހަވާލުކުރުމަށް ރަމްޒީ ފިލާ ސަރުކާރުގެ ފަރާތުން ރަށުކައުންސިލާއި ހަވާލުކުރެއްވީ މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. އަދި ނައިފަރު ކައުންސިލްގެ ފަރާތުން މި ރަމްޒީ ފިލައާއި ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދެވެ.

ނައިފަރުގައި ސަރުކާރުން ޢިމާރާތްކުރި 100 ހައުސިންގ ޔުނިޓަކީ މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ޢިމާރާތްކުރި ހައުސިން ޔުނިޓްތަކެވެ. ތިން ފަންގިފިލާގެ 4 ޢިމާރާތުގެ މައްޗަށް އެކުލެވޭ މި ހައުސިންގ ޔުނިޓްތަކުގެ ކޮންމެ އެޕާޓްމަންޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާ، ސިޓީންގ ރޫމާއި ބަދިގެ އަދި ސްޓޯރ ރޫމެއް ހިމެނެއެވެ. ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ވޯކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހިންގި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 10 ފެބުރުއަރީ 2020ގައެވެ. އަދި މަޝްރޫޢު ނިންމީ މިދިޔަ ޑިސެމްބަރުމަހުގެ 2 ގައެވެ. މި މަޝްރޫޢަށް ސަރުކާރުން ވަނީ 72.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ނައިފަރަކީ ރާއްޖޭގެ ނިސްބަތުން ބޯހިޔާވަހިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ރަށެވެ. ކުދި ތަންކޮޅުތަކުގައި އާއިލާތައް ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލައަކާ އެރަށުގެ ރައްޔިތުން ވަނީ ކުރިމަތިލާންޖެހިފައެވެ. 1990ގެ އަހަރުތަކުން ފެށިގެން ނައިފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ނުލިބުނުނަމަވެސް މި ހައުސިންގ ޔުނިޓްތަކާއެކު ބޯހިޔާވަހިކަން ބޭނުންވެފައިވާ ބައެއް އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މި ހައުސިން ޔުނިޓްތައް ލިބުނު މީހުންގެ ދާއިމީ ލިސްޓް މިހާރު ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

5600އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ނައިފަރުން ބޯހިޔާވަހިކަމަށް އެންމެ ފަހުން ބިން ދޫކޮށްފައިވަނީ 2012ވަނަ އަހަރުއެވެ. އެއީ 2004ވަނަ އަހަރު އެރަށުން ހިއްކާފައިވާ 16ހެކްޓަރުގެ ބިމުގެ ސަރަޙައްދުންނެވެ. އޭގެފަހުން މިހާތަނަށް އެރަށުގައި ބޯހިޔާވަހިކަމަށް ބިން ދޫކޮށްފައެއް ނުވެއެވެ.