ޚަބަރު

ހިންނަވަރު ހޮސްޕިޓަލްގެ މަސައްކަތް މާރޗް މަހު ފެށޭނެ: ރައީސް


ފާދިއްޕޮޅު ހިންނަވަރުގައި ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް މާރޗް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖަޒީރާ ހޮޅުއަށީގެ ނަމުގައި ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހިންނަވަރުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައްޔިތުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހިންނަވަރުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށެވެ.

ހިންނަވަރުގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. ރައީސް ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް މިހާރު ޓެންޑަރ ކުރެވިފައިވާއިރު ޓެންޑަރިން މަރުހަލާ މިމަހުގެ 28 ގައި ނިމޭނެކަމަށެވެ. އެއަށްފަހު މާރޗް މަހުގެ ތެރޭގައި ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރައްވާކަމަށެވެ.

"ހޮސްޕިޓަލް ނިންމަން އަޅުގަނޑަށް އޮތީ ދެއަހަރު ލިބިފައި. އެކަމަކު އަޅުގަނޑަށް ދިގު އެވަރުގެ ހޮސްޕިޓަލެއް ނިންމަން އޮތް މުއްދަތު. މިދައްކަނީ 30 އެނދުގެ ވާހަކަ. އެވަރުގެ ހޮސްޕިޓަލެއް ނިންމަން ދިގު މުއްދަތެއް ކަމަށް ޤަބޫލުކުރެވެނީ. ޕްލޭނިން މިނިސްޓަރާ ވާހަކަ ދައްކާފައިވާނެ މަޝްރޫޢު އަވަސްކުރަން. އެކަމަށް ހައްލު ލިބޭނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޞިއްޙީ ނިޒާމު ލާމަރުކަޒުކޮށް، ރާއްޖޭގެ 60 ރަށެއްގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވެއެވެ. ރަށްރަށުގެ ހޮސްޕިޓަލް އަދި ސިއްޙީ މަރުކަޒުތައް ހަދަން ޖާގަ އިތުރުކުރުމަށް 448 މިލިއަން ރުފިޔާ ބަޖެޓްގައި މިއަހަރު ހިމަނާފައިވެއެވެ.

ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުންވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަނަކަށް ހެދުމުގެ މަސައްކަތްތައްދަނީ ކުރަމުންނެވެ.

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ 5 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތެވެ. މިމަސައްކަތަކީ ސިއްހީ ޚިދުމަތް ހޯދުމަށް މާލެ އަންނަންޖެހޭ އައުމަށް ނިމުމެއް ގެނެސް، އަމިއްލަ ރަށުގައި ނުވަތަ ސަރަޙައްދުގައި ތިބެގެން ޚިދުމަތްލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.