ޚަބަރު

ޤައުމީ މަސްލަހަތު ހިމެނޭ 7 މައްސަލައެއް އިންތިޤާލީ އޮފީހުން ބަލަނީ


އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 7 މައްސަލައަކީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް އެ އޮފީހުން ވިދާޅުވެއްޖެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށައެޅުމަށް ހުޅުވާލި 3 މަސްދުވަހުގެ މުއްދަތުގައި 488 މައްސަލަ އެ އޮފީހަށް ހުށައަޅާފައިވެއެވެ.

އިންތިޤާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ އޮފީހަށް ތަހުޤީގުކުރެވޭނީ 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ވެރިއެއްގެ ފަރާތުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާއި ގުޅޭ ކޮންމެ މައްސަލައެއް ހުށައެޅުމަށް ހުލުވާލި ފުރުޞަތުގައި އެ އޮފީހަށް 488 މައްސަލައެއް ހުށައަޅާފައިވާއިރު އޭގެ ތެރެއިން 452 މައްސަލައެއް ވަނީ ބަލައި ގަތުމަށް ނިންމާފައެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށައެޅިފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެ އޮފީހުގެ ލީޑް އިންވެސްޓިގޭޓަރ މަރްޔަމް ސަޢީދު ވިދާޅުވީ، މިހާތަަނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން 278 މައްސަލައެއް ހުށައެޅި ފަރާތްތަކާއެކު ތަޢާރަފް ބައްދަލުވުންތައް ބާއްވާފައިވާކަމަށެވެ.

"އަޅުގަނޑުމެން ބައެއް މައްސަލަތައް އަންނަ ފެބުރުއަރީގެ ނިޔަލަށް ނިންމުމަށް ޓާގެޓްކޮށްގެން މަސައްކަތް ކުރަނީ މި. ބާކީ މައްސަލަތައް ޖޫން މަހުގެ ނިޔަލަށް ތަހްގީގް މަރުހަލާ ނިންމުމަށް ޓާގެޓްކޮށްފައިވާނެ."

އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 7 މައްސަލައަކީ ފުޅާ ދާއިރާއެއްގައި ތަޙްޤީޤްކުރުމަށް ނިންމާފައިވާ މައްސަލަތައްކަމަށް އެ އޮފީހުން ވިދާޅުވިއެވެ. އިންތިޤާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން މަޔްޔަމް ލައިޒާ ވިދާޅުވީ، މިހާތަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޤައުމީ މަސްލަހަތުގެ އިތުރުން ގިނަ ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ 7 މައްސަލައިގެ ތަހުގީގް ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާނެކަމަށެވެ. އެގޮތުން އެއް މައްސަލައަކީ 1959 އިން 1966 އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައެއްކަމަށެވެ. މި މައްސަލަ ތިނަދޫ ކައުންސިލުންވެސް ހުށައަޅާފައިވާކަމަށާއި، ވަރަށް ގިނަ ވަކިވަކި ފަރުދުންވެސް މި ހާދިސާއިން އިންސާނީ ހައްގުތައް ގެއްލިގެން މައްސަލަ ހުށައަޅާފައިވާކަމަށް ލައިޒާ ވިދާޅުވިއެވެ.

ދެން ޤައުމީ މަސްލަހަތު އޮތް މައްސަލައެއްގެ ގޮތުގައި ބަލަނީ ދެ އަތޮޅެއްގެ ފަޅުރަށްތަކާއި އެހެނިގެން ރިސޯޓްތަކުން އަތޮޅަށް މަންފާ ނުލިބޭގޮތަށް ބޭނުންކޮށް، ދައުލަތުގެ ވަސީލަތްތަކުން ހަމަހަމަކަމާއެކު މަންފާ ނުލިބުމުން އަތޮޅުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަސަރުކުރާކަމަށް ބުނެ ހުށައަޅަފައިވާ މައްސަލަތަކެއްކަމަށެވެ.

ތިންވަނަ މައްސަލައަކީ ކުރީގެ ރައީސް އަލްއަމީރު މުޙައްމަދު ދީދީ ދެކޮޅަށް ލާއިންސާނީ އަމަލުތަކެއް ހިންގާ އަސާސީ ހައްގުތަކުން މަހްރޫމްކޮށް، އިންސާފުވެރި ޝަރީޢަތެއް ހިންގުމަށް ފުރުޞަތު ނުލިބޭގޮތަށް ހިންގި އަމަލުތަކާއި ގުޅިގެން ހުށައެޅި މައްސަލައެއްކަމަށް ލައިޒާ ވިދާޅުވިއެވެ. މިއީ ވަކި ވަކި ފަރުދުން ހުށައެޅި މައްސަލައެއް ނަމަވެސް ވެރިކަމެއް ނިމިގެން ދިޔަ މައްސަލައެއްކަމުން ވަރަށްގިނަ ބަޔަކާ ގުޅުން ހުންނާނެކަމަށް އެ އޮފީހުން ޤަބޫލުކުރާކަމަށް ލައިޒާ ވިދާޅުވއެވެ. މި މައްސަލައިގެ ސަބަބުން އެކަން ހިނގި ގޮތުގެ ހަގީގަތް ހާމަވެގެންދާނެކަމަށް ޤަބޫލުފުލުކުރައްވާކަމަށްވެސް ލައިޒާ ވިދާޅުވިއެވެ.

2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5،6، އަދި 7ގައި ފުލުހުންނާއި އެމްއެންޑިއެފް އިން ޤައުމީ ޓީވީއަށް ވަދެ ޚިޔާލުފާޅުކުރުމާއި ދެކޮޅަށް ހިންގި އަމަލުތަކާއި، އެދުވަސްތަކުގައި އެއްވެ އުޅުމާއި ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލައެއްވެސް ފުޅާ ދާއިރާއެއްގައި ތަހްގީގްކުރައްވާނެކަމަށް ލައިޒާ ވިދާޅުވިއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ފެބުރުއަރީ 1އިން ފެށިގެން 1 އޭޕްރީލް 2018އަށް ޤާނޫނާ ޚިލާފަށް މީހުން ހައްޔަރުކޮށް އިންސާފްވެރި ޝަރީއަތުން މަހްރޫމްކޮށް އިންސާނީ ހައްގުތަކާ ޚިލާފަށް ހިންގި އަމަލުތަކާ ގުޅިގެން ވެސް ހުށައަޅި މައްސަލައަކީވެސް ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައި ބަލާކަމަށް ލައިޒާ ވިދާޅުވިއެވެ.

އަދި 1953 އިން 2018އަށް މާލެ ސަރަހައްދުގައި ދައުލަތުން ހިންގި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން މަހްރޫމްކޮށް، އަސާސީ ހައްގާ އިންސާނީ ހައްގުތަކާއި ގުޅޭ މައްސަލަތަކެއްވެސް ހުށައަޅަފައިވާކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ އެ އޮފީހަށް އެންމެ ގިނައިން ހުށައަޅަފައިވާ މައްސަލަކަމަށްވެސް ލައިޒާ ފާހަގަކުރެއްވިއެވެ. މި މައްސަލަ ނިންމާ ދައުލަތަށް ރިކަމެންޑޭޝަންތަކެއްވެސް ދެއްވާނެކަމަށް ލައިޒާ ވިދާޅުވިއެވެ.

ހަތްވަނަ މައްސަލައެއްގެ ގޮތުގައި ލައިޒާ ފާހަގަކުރެއްވީ 1 މެއި 2015 ގައި މަލޭގައި ބޭއްވި އެއްވުމާއި ގުޅިގެން، ސަލާމަތީ ބާރުތަކުން އިންސާނީ ހައްގުތަކާއި ޚިލާފަށް ހިންގި އަމަލުތަކާއި އަސާސީ ހައްގުތަކުން މަހްރޫމް ކުރުމަށް ހިންގި އަމަލުތަކައި ގުޅޭގޮތުން ހުށައަޅާފައިވާ މައްސަލައެވެ. އެ މައްސަލަވެސް ފުޅާ ދާއިރާއެއްގައި ތަހްގީގްކުރަމުން އަންނަކަމަށް ލައިޒާ ވިދާޅުވިއެވެ.

ލައިޒާ ވިދާޅުވީ އެ އޮފީހަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ސުލްހަ ނުކުރެވޭ މައްސަލަތަކެއްނަމަ ކޯޓް މަރުހަލާއަށް ފޮނުއްވާނެކަމަށެވެ. އެގޮތުން މަދަނީ މައްސަލަތައް އޭޖީ އޮފީހަށް އަދި ޖިނާޢީ މައްސަލައެއްނަމަ ޕީޖީ އޮފީހަށް ފޮނުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މައްސަލަ ހުށައަޅަފައިވާ ފަރާތްތަކާ ހެކިބަސް ދީފައިވާ ފަރާތްތަކުގެ ތެރެއިން އަތޮޅުތަކުގައި ތިއްބެވި ފަރާތްތަކުގެ ބަޔާންތައް އަޅުގަނޑުމެން ނެގުމަށް ކައުންސިލްތައް މެދުވެރިކޮށް އޮންލައިންކޮށްވެސް އެބަ ނަގަން. އޭގެ އިތުރުން ދެ ދަތުރެއް ގދ އަދި ނ އަތޮޅަށް ދަތުރުކޮށްފައިވާނެ. އަދި ބައެއް ދަތުރުތައް ޕްލޭންކޮށްފައިވާނެ. މިއީ ތަހްގީޯގީ މަރުހަލާތައް އވަަސްކުރުމަށް ކުރާ ދަތުރުތަކެއް." މައިދާ ވިދާޅުވިއެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުޤީގުކޮށް ނިންމަން ޖެހެއެވެ. އިންތިޤާލީ އޮފީހުން ތަހުޤީގުކޮށް ނިންމާ ޕީޖީ އޮފީހާއި އޭޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި އެ އިދާރާތަކުން 21 ދުވަހުގެ ތެރޭގައި ގޮތެއް ނިންމާ ކޯޓަށް ފޮނުވަންޖެހޭނެއެވެ. އަދި ކޯޓަކަށް މައްސަލަ ހުށައަޅައިފިނަމަ އެންމެ ގިނަ ވެގެން އެއް މަސްދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓުން ނިންމަންޖެހޭނެކަމަށްވެސް ޤާނޫނުގައިވެއެވެ.