ޚަބަރު

މާލެ ސަަރަޙައްދުން ނަގާ ސާމްޕަލްގެ %35ދަނީ ޕޮޒިޓިވްވަމުން


ކޯވިޑްގެ ބިރުވެރިކަން އެންމެ ބޮޑީ ބައިބޯ އާބާދީތައް ދިރިއުޅެމުންދާ ސަރަޙައްދުތަކަށެވެ. ވާހަކަދެއްކުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގައިންނާ ނޭފަތުން ބޭރުވާ ފެންތިކި ތަކުގެ ސަބަބުން މި ބަލިމަޑުކަން ގިނަ މީހުންނަށް ޖެހުމަށް މަގުފަހިވެގެންދެއެވެ.

ރާއްޖެއަށް ބަލާއިރުވެސް މި ޓްރެންޑް ފެންނަމުންދިޔައީ މިގޮތަށެވެ. އާބާދީ ބޮޑެތި ރަށްތަކުން ބައްޔައް ޕޮޒިޓިވްވި މީހުން އިތުރެވެ. ޚާއްސަކޮށް ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއިން ފެންނަ ކޭސްތައް އިންތިހާއަށް އިތުރުވެގެންދެއެވެ.

މިހާތަނަށް ކޯވިގެ 3 ރާޅާ ކުރިމަތިލާފައިވާއިރު. އަދި މިހާރު 4ވަނަ ރާޅު ކުރިމަތިވެފައިވާއިރުވެސް މި މަންޒަރު ފެންނަނީ ހަމަ މިގޮތަށެވެ. އަހަރު ފެށުނުއިރު މާލެ ސަރަޙައްދު އޮތީ އާއްމު ޙާލަތެއްގައެވެ. ނަމަވެސް 4ވަނަ ރާޅު މާލެ ސަރަޙައްދަށް ބިންދާލިލެއް ބާރު ގަދައެވެ.

އަހަރު ފެށިގެން އައިއިރުވެސް މާލެ ސަރަޙައްދުގެ ކޯވިޑް ކޭސްތައް އެވަރެޖްކޮށް ހުރީ 50އިން ދަށުގައެވެ. ޕޮޒިޓިވްވަމުން އައީ މާލެ ސަރަޙައްދުން ނަގާ ސާމްޕަލްގެ ގާތްގަނޑަކަށް %3މީހުންނެވެ. ރާއްޖޭގެ ކޯވިޑްގެ އަދަދުތައް މަތިވާންފެށީ މިމަހުގެ ފުރަތަމަ ހަފްތާއަށް ފަހުއެވެ. ނަމަވެސް އޭރުވެސް މާލެ ސަރަޙައްދުގެ ކޭސްތަކުގެ ޕޮޒިޓިވް ރޭޓް ހުރީ %10އިން ދަށުގައެވެ.

ކޭސްތައް އިންތިހާއަށް މަތިވާން ފަށައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ 3ދުވަހަކުން ކޭސްތަކުގެ އަދަދުވަނީ ދެގުނަ ވާން ފަށާފައެވެ. ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 2000އިން މައްޗަށް އަރާފައިވައިވާއިރު މީގެތެރެއިން %70 ކޭސްއަކީ މާލެ ސަރަޙައްދުން ޕޮޒިޓިވްވާ މީހުންނެވެ. މާލެ ސަރަޙައްދުން ޓެސްޓުކުރާ މީހުންގެ %35 މީހުން މިވަގުތު ބައްޔަށް ޕޮޒިޓިވްވަމުން ދެއެވެ.

ސިއްޙީ މާހިރުން ލަފާކުރާގޮތުގައި މި އަދަދު މަސް ނިމޭއިރު ބޮޑުތަނުން އިތުރުވާނެއެވެ.

ކޯވިޑްގެ އެހެން ޕީކްތަކާއި އަޅާބަލާއިރު، ބަލި މިހާބޮޑަށް ފެތުރެމުންދާއިރުވެސް އެކަމަށް ދޭ ސަމާލްކަންވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.

މަގުތަކާއި އާއްމު ޚިދުމަތްދޭ ތަންތަނުގެ މާހައުލަށް ބެލިއަސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ކުޑައެވެ.

އެޗްޕީއޭއިންވަނީ މާލެއާއި އަދި ރަށްރަށުގައިވެސް މާސްކުއެޅުން މަޖުބޫރުކޮށްފައެވެ. މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50އަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުން މަނާކުރުމާއި، މަގުމަތީ ބާޒާރާ ކުޅިވަރު ހަރަކާތްތައް ކުޅިބަލަން ވަދެވޭގޮތަށް ކުރިއަށްގެންދިއުން މަނަލެވެ. ފިޔަވަޅުތައް އެޅުމަށް އޮތީ އުސޫލުނެރެ އަންގާފައެވެ.

އެހެން ޕީކްތަކަށްވުރެ ގިނަ ބަޔަކު މި ޕީކްގައި ބައްޔަށް ޕޮޒިޓިވްވާނެކަމަށް ޑޮކްޓަރުން ލަފާކޮށްފައިވާއިރު، ފެންނަމުންދަނީ އެކަމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅިގެން ނުދާތަނެވެ. އަދި ރައްޔިތުން އެކަމަށްދޭ ސަމާލްކަން ވަރަށް ބޮޑަށް ކުޑަވެފައިވާ މަންޒަރެވެ. ކޭސްތައް މާބޮޑަށް އިތުރުވަމުންދާނަމަ އިތުރު ފިޔަވަޅުތައް އަޅާނެކަމަށް އެޗްޕީއޭއިންވެސް ވިދާޅުވެއެވެ.

މިހާރު މިއޮތް ޙާލަތަކީ ކުއްލިއަކަށް ކޭސްތައް މިހާބޮޑަށް ރާއްޖޭގައި އިތުރުވެގެންދާ ފުރަތަމަ ފަހަރެވެ. ބަލި ކޮންޓްރޯލްކުރުމުގައި އެންމެ މުހިންމީ ފަރުދީ ޒިންމާއެވެ. އެއްވާ އެއްވުންތައް ވީހާވެސް މަދުކުރުމާއި، މާސްކު އެޅުމާ ސާފުތާހިރުކަން އިތުރުކޮށް، ކުރިން ދިވެހިން ދެއްކި ނަމޫނާ ދައްކައިިފިނަމަ ކޭސްތައް މަދުކުރެވޭނެއެވެ. މިއޮތީ އަނެއްކާވެސް އެކަމަށް ގަދައަޅާ މަސައްކަތްކުރަންވީ ވަގުތެވެ.