ޚަބަރު

"ޑރ. މުޙައްމަދު ޢަލީއަކީ ޤަދަރުވެރި، ނަމޫނާ ޝަޚްޞިއްޔަތެއް"


  • ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ ތަޢުޒިޔާ ވިދާޅުވެފައި

  • އިސްމަގާމުތައް ހިމެނޭހެން 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވި

  • އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ ދާއިރާއިން ޚިދުމަތްކުރެއްވި

25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ. މުޙައްމަދު ޢަލީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަންވެސް ޑރ، މުޙައްމަދު ޢަލީ ވަނީ ކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 25 އަހަރަށް ވުރެ ދިގު މުއްދަތަކު ދައުލަތަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި، ޑރ މުޙައްމަދު ޢަލީ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުކަމަށެވެ.

މަރްޙޫމް ޑރ. މުޙައްމަދު ޢަލީއަކީ އިޖްތިމާޢީ އެކި ކަންކަމުގައި ވަކިން ޚާއްޞަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖްތަމަޢަށް ގިނަގުނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެއްވައި، ޢިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްޞިއްޔަތެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެމަނިކުފާނަކީ އެންމެންގެ ލޯތްބާއި އިޙްތިރާމް ހޯއްދެވި ޤަދަރުވެރި ބޭފުޅެއްކަމަށެވެ.

އަދި މަރްޙޫމްގެ ޢާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޑރ މުޙައްމަދު ޢަލީ ލެހެއްޓެވުން އެދި ދުޢާކުރެއްވިއެވެ.