ކުރިއަށް އޮތް ފުޓުބޯޅައިގެ ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖޭގެ ޤައުމީ ޓީމުން ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް، ޓީމު ފުރައިފިއެވެ.
މި ބްރޭކުގައި ޤައުމީ ޓީމުން ޖުމްލަ ތިން މެޗެއް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗު، ޗައިނާގައި ކުޅޭނީ އެ ޤައުމާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ 24 ވަނަ ދުވަހުއެވެ.
ޗައިނާ މެޗަށްފަހު ރާއްޖޭގެ ޓީމު ކިރިކިސްޠާނަށް ފުރާއިރު އެ ޤައުމުގައި ކުޅޭ ފުރަތަމަ މެޗުގައި 28ވަނަ ދުވަހު ނުކުންނާނީ ކިރިކިސްޠާނާ ދެކޮޅަށެވެ. އަދި އެއަށްފަހު އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ލުބުނާނާ ދެކޮޅަށް ނުކުންނާނެއެވެ.
ކިރިކިސްތާނަކީ ފީފާ ރޭންކިންއަށް ބަލާއިރު 106ވަނައިގައި އޮތް ގައުމެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ ރޭންކިންގެ 19 ވަނައެވެ. ރޭންކިންއަށް ބަލާއިރު ލުބުނާން އޮތީ 107ވަނައިގައެވެ. އޭޝިއާ ސަރަހައްދުގެ ރޭންކިންގައި ލުބުނާނަކީ 20ވަނައެވެ. ފީފާ ރޭންކިންގައި ޗައިނާ އޮތީ 91 ވަނައިގައެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ 13ވަނައެވެ.
ރާއްޖެއިން މި ބްރޭކުގެ ބޭނުން މިހިފަނީ ވާދަވެރި، ރާއްޖެއަށްވުރެ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅެ، އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށެވެ.
މި މެޗުތަކާ ރާއްޖެއިން ކުރިމަތިލާއިރު މުހިންމު ކުޅުންތެރިންތަކަކަށް، އަނިޔާގެ ސަބަބުން ޓީމުގައި ބައިވެރިވެވޭގޮތެއް ނުވިއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޒުވާން ތަރި މުޙައްމަދު އިލާން އިމްރާނެވެ. މީގެއިތުރުން މި ދުވަސްވަރަކީ ބައެއް ކުޅުންތެރިންނަށް ސްކޫލް އިމްތިހާނުތަކެއް އޮތް ދުވަސްވަރެއްކަމުން، އެ ކުޅުންތެރިންނަށް ވެސް ޓީމުގައި ބައިވެރިވެ، މެޗުތަކަށް ދެވޭގޮތެއް ނުވިއެވެ.
އެހެންކަމުން މި ތިން މެޗަށް އެކުލަވާލި ސްކޮޑުން ބަދަލުތަކެއް ފެނިގެންދާނެއެވެ. މި މެޗުތަކަށް ޓީމު އެކުލަވާލާފައިވާއިރު، ޓީމުގެ ކެޕްޓަންކަން އަނެއްކާވެސް، ތަޖުރިބާކާރު ޑިފެންޑަރު ސަމޫހު އަލީއާ ވަނީ ހަވާލުކޮށްފައެވެ. އަދި ކޯޗު އުރުބާނީގެ އެސިސްޓަންޓެއްގެ ގޮތުގައި، ސޮބާހު މުހައްމަދު (ސޮބާ) ވަނީ ހަމަޖައްސާފައެވެ.