ޚަބަރު

ފޮތްތަކުގައި ހުންނަ ޤުރުއާނުގެ ކުށްތައް ރަނގަޅުކުރުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފި


ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުރި ޤުރުއާނުގެ ކުށްތައް ރަނގަޅުކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބެލުމަށް ފާސްކުރާ ކޮމެޓީގެ ނަމުގައި އެކުލަވާލި ކޮމިޓީގެ މެންބަރުންނާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ބައްދަލު ކުރައްވާފައިވާކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެގޮތާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ޗާޕްކުރެވޭ ހުރިހާ ފޮތްތަކެއްވެސް އެ ކޮމިޓީން ބަލާނެކަމަށެވެ.

ރާއްޖޭގައި ޗާޕްކުރެވޭ ފޮތްތަކުގައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ކުށްހުރިތޯބަލައި ރަނގަޅުކުރުމަށް އެކުލަވާލި ކޮމިޓީގެ ޗެއަރ އަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ހާފިޡް ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްއެވެ. ކޮމިޓީގެ ވައިސް ޗެއަރ އަކީ އައްޝައިޚް މުޙައްމަދު ލަޠީފްއެވެ. ދެން އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އައްޝައިޚް ނަޞްރުﷲ ޢަލީއާއި، އައްޝައިޚް އަލްޙާފިޡް އިބްރާހީމް ރަޝީދު ޙަސަންއާއި، އައްޝައިޚް އަލްޙާފިޡް އަޙްމަދު ޝަފީޤްއާއި، އައްޝައިޚް އަލްޙާފިޡް ޢަލީ ނަޖީބާއި، އަލްޙާފިޡް ޢަބްދުﷲ މަސްޢޫދެވެ.


އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި ޗާޕްކުރެވޭ ހުރިހާ ފޮތެއްގައިވެސް ޤުރުއާނުގެ އާޔަތްތައް ހުރިތޯ ޤަވާއިދުން ބަލަމުން ދާނެކަމަށެވެ.

ފޮތްތަކުގައި ޤުރުއާނުގެ އާޔްތަތައް ބަލައި ކުށްފިލުވުމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު، ރާއްޖޭގެ ބައެއް ގްރޭޑްތަކުގެ ދަރިވަރުންގެ ފޮތް ޕްރިންޓުކުރިއިރު ބައެއް އާޔަތްތައް އެކުވެފައިވާ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. އަދި އެކަން ރަނގަޅުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.