މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އެހެން ޤައުމަކާ ގުޅުމެއް ނެތި އެކަހެރިކޮށް އޮތް ދިވެހިރާއްޖޭގެ ސަރަޙައްދަކީ އިހުޒަމާނުގައިވެސް ބޭރުގެ އޮޑިފަހަރު ދަތުރުފަތުރުކުރާ ސަރަހައްދެކެވެ. ބޭރުގެ އެތައް ނަވެއް ދިވެހިރާއްޖޭގެ ފަރުތަކަށް އުރުމުގެ ހާދިސާތައް ހިނގިވާހަކައަކީ ދިވެހި ތާރީޚުގައި ހެއްކާއެކު ލިޔެފައިވާ ވާހަކަތެކެކެވެ. އެ ނައުފަހަރުން ދަތުރުކުރި ފަޅުވެރިން ދިވެހިރަށްތަކުގައި ވަޒަންވެރިވި ވާހަކަވެސް ދިވެހިތާރީޚުން ފެންނަން އެބަހުއްޓެވެ.
17 ފެބުރުއަރީ 1979ގައި ކަނޑުގެ ސަރވޭކުރާ އެމެރިކާގެ ބޯޓެއްކަމަށްވާ "އެލީސް މަރޫ" ރާއްޖޭގެ އުތުރުގެ ކަނޑުގެ ސަހައްދުގައި ދުވައްމުންދިޔައެވެ. ފެންނަންހުރި ލިޔުންތަކުން އެނގޭ ގޮތުގައި އެ ދުވަހު މި ބޯޓުގެ އިންޖީނަށް މައްސަލައެއްދިމާވެ އުތުރުގެ އަތޮޅުތަކުގެ އެތެރެވަރީގައި އޮންނަންޖެހުނެވެ.
މި ސުވާލުގެ ޖަވާބު ހޯދުމަށް އަޅުގަނޑު ރާއްޖޭގެ އެންމެ އުތުރުން ހއ.ތުރާކުނާއި އުލިގަމަށް ދަތުރުކޮށްލީމެވެ. އަދި މީގެ ގާތްގަނޑަކަށް 43 އަހަރު ކުރިން ހިނގި މި ހާދިސާތައް ހަނދާނުގައި ހުރި އަދި ދިވެހިންގެ ބަޔަކު ފޭރުނުކަމަށްބުނާ އެމެރިކާގެ ބޯޓް ކައިރިއަށް ދިޔަ ބައެއް މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އެ މީހުންނާ އެ ރަށްރަށުގެމީހުންގެ ވާހަކައިން އެނގުނު ކަމަކީ ބޭރުގެ މި ބޯޓު އެންމެ ފުރަތަމަ ފެނުނީ ރާއްޖޭގެ އެންމެ އުތުގައި އޮންނަ ތުރާކުނު ރައްޔިތުންނަށް ކަމެވެ.
މި ދިވެހިން މި ބޯޓުން ފޭރުނުއިރު އެބޯޓުގައި މި ހާދިސާ ވީޑިއޯ ރިކޯޑްކޮށްފައިވެއެވެ. އަދި މިހާދިސާއަކީ ދިވެހިން އެމެރިކާގެ ބޯޓެއް ފޭރުނު ހާދިސާކަމަށް ބުނެ ބޭރުގެ މީޑިއާތަކުން ކަވަރކޮށްފައިވެއެވެ. ބޯޓުން ރިކޯޑްކޮށްފައިވާ މި ވީޑިއޯ ޔޫޓިއުބުގައިވެސް އެބަހުއްޓެވެ. ބޭރުގެ ޚަބަރުތަކާއި އޭރުގެ ނޫސްތަކުން ޚަބަރު ފަތުރާފައިވާގޮތުން މިއީ އެމެރިކާގެ އަސްކަރީ މަރުކަޒުކަމަށްވާ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވަައްސަށް ގާތްގަނޑަކަށް 10 މީހުންނާއެކު ދަތުރުކުރި އެމެރިކާ ބޯޓެކެވެ.
ދުވަސްވަރަކީ ދިވެހިރާއްޖޭގެ އޮޑިދޯނިފަހަރުގައި އިންޖީނު އަޅައިގެން މަސްދޯނިފަހަރު ހަލުވިކަމާއެކު އަތޮޅުގެ ރަށްބޭރަށް ނުކުމެ އުޅުނު ދުވަސްވަރެކެވެ.
ހއ.ތުރާކުނު ރައްޔިތެއްކަމަށްވާ، ޢުމުރުން 82 އަހަރުގެ މޫސާ ޢަބްދުﷲ (ރާނާ ދޮންމޫސަ)އަކީ އޭރު މާކަނޑަށް ނުކުމެ މަސްވެރިކަމުގައި އުޅުނު ޒުވާނެކެވެ.
"ރައީސް މައުމޫން ވަޑައިގަންނަވާތީ ދަރުބާރުގެ ހަދަން އަޅުގަނޑުމެން ދިޔައީ ވަނގާރަށް (ތުރާކުނު ކައިރީގައި އޮންނަ ފަޅުރަށެއް) އުނދޯލި އެލުވަން ވަހާއި ދެ މުޑި ކަނޑަން. ދިޔަ އިރު އިންފިނޮޅާ ދިމާލުން ބޯޓެއް ދަތުރުކޮށްފައި އާދޭ. އެ އައި ގޮތަށް އައިސް ވަނގާރު ފަރުމަތީގައި މަޑުކޮށްލީ. އަޅުގަނޑުމެން އެއަކަށް މާބޮޑަށް ނުވިސްނަން. އަޅުގަނޑުމެން ދަތުރުކޮށްފަ މިރަށަށް ފޭބިއިރު މިރަށުން ދޯންޏެއް ބޯޓަށް ހިނގައްޖެ. ބޯޓަށް ގޮސް ވެލާ ތޮށި ފޮށިގަނޑުގަނޑާ އެއްޗެހި ހިފައިގެން ގޮއްސަ އެމީހުންނަށް ދީ ވަރަށް އެކުވެރިކަމާއެކު އެބަ އުޅޭ." މޫސަބޭ ކިޔައިދިނެވެ.
އޭރު ތުރާކުނު މީހުންނަށް މިއީ ކޮން މަޤްޞަދެއްގައި ރާއްޖެ އައިސް އުޅޭ ބޯޓެއްކަމާއި، އެއީ ކޮން ޤައުމެއްގެ ބޯޓެއްކަމެއްވެސް ނޭނގެއެވެ. ތުރާކުނުން ބޯޓަށް އެރި މީހުންނާ ބޯޓުގައި ތިބި ފަޅުވެރިންނާ ދެމެދު އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތެވެ. އޮތީ އެކުވެރި މާހައުލެކެވެ.
"ވީގޮތަކީ ތުރާކުނުން މަޢުލޫމާތު ދިނީ މަސްހިފާ ބޯޓެއް އެބައޮތޭ. އޭރު އިސްމާޢީލް ނަސީރުގެ އަތޮޅުވެރިކަމުގައި ލ.އަތޮޅުގައި މަސްހިފާ (ބޭރުގެ) ބޯޓެއް އަތުލައިގެންފި. އެދަނޑިވަޅާ މިދިމާވީ. ދެން މިމީހުން (ތުރާކުނުމީހުން) ވެސް ވެއްޖެ މަސްހިފާ (ބޭރުގެ) ބޯޓެއް އަތުލަން." އެދުވަހުގެ ހަނދާން އާކުރައްވަމުން ހއ.އުލިގަމު އޭރުގެ ކަތީބު އިދުރީސް އާދަމް ވިދާޅުވިއެވެ.
މާގިނައިރެއް ނުވެ އަތޮޅުގެ ހުރިހާ ރަށަކަށް މި ބޯޓު ރާއްޖެ ސަރަހައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްހިފާ ކަމުގެ ޚަބަރު ފެތުރިއްޖެއެވެ. އަދި އަތޮޅުގެ އެކި ރަށްރަށުން ތިރީހަކަށް ދޯނި އެމެރިކާގެ މި ބޯޓު ދޮށަށް ކައިރިކޮށްފިއެވެ.
"ތުރާކުނު ކަތީބު ގުޅާފަ ބުނެފި މިތަނަށް މަސްބޯޓެއް ވަދެގެންނޭ މިއުޅެނީ. އެހީވާން އަންނާށޭ. ދެން މީހުން ގޮސް ބޯޓާ އަރާ ހަމަ ނުވަނީސް ބަޑިޖެހީމަ މީހުން ފުންމާލައިފި. މީހުންތައް ތުރާކުނު ތުނޑިއަށް އަރައިފި. އޭރު ބޯޓުގެ މެޑިކަލް އޮފިސަރު ތުރާކުނަށް ބާލައިފި." އިދުރީސް އާދަމް ވިދާޅުވިއެވެ.
"މިރަށު މީހަކު (ތުރާކުނު މީހަކު) ކުރިކަމަކީ ޑެގު މަތީގައިހުރި ޑައިވިންގ ފުޅިއެއް މާތިލަ ދޯންޏަށް ލައިފި. މާތިލައަށް ލީއިރު ބޯޓުގެ މީހުން ތިބި ބަލަހައްޓައިގެން. އެމީހުން މިއައީ ރަށަށް އެ ފުޅިތައް ބަލައި. ރަށަށް އައި އިރަށް ޑިންގީއެއްގައި ބޯޓު މީހަކު ފައިބައިފި. ފޭބި ތަނުން އޭނަ ބަނދެފި. ދެއަތާ ދެފައި ބަނދެފި. މިރަށު ކާޑުގޭ ފެންޑާ މަތީގައި ބާއްވާފަ ބަނދެފި. ބަނދެލާފަ އޮތްވާ މީހަކު ކުރިކަމަކީ އެތާ އޮތް ދަނޑިބުރިއަށް ނަގާފަ އޭނަގެ ބޮލުގައި ޖަހައިފި. ޖެހިތަނުން އޭނަ ދެމިއްޖެ." ބޯޓުގެ މީހަކު ރަހީނުކުރި ހާދިސާ ކިޔައިދެމުން ތުރާކުނު މޫސަބޭ ކިޔައި ދިނެވެ.
"ރަށު އޮފީހުން ބުނާނެ ދޯ އަތޮޅު އޮފީހުގައި. އަތޮޅު އޮފީހަށް ގުޅީ. އަތޮޅު އޮފީހުން މާލެއަށް ގުޅީ. ސިފައިންނަށް ގުޅުނީމަ އެމީހުން ބުނަނީ ބަންނާށޭ އެމީހުން. ހައްޔަރުކުރާށޭ. ދިޔަ ނުދޭށޭ." ބޭރުގެ ބޯޓު ކައިރިއަށް އެންމެ ފުރަތަމަ ދިޔަ ދޯނިގައި ހުރި މޫސަބޭ ކިޔައި ދިނެވެ.
ކޮންމެއަކަސް އަތޮޅުގެ އެކިރަށްރަށުން އައި ދޯނިފަހަރުން ބައެއް މީހުން ބޭރުގެ މި ގޮތް ނޭނގޭ ބޯޓަށް އަރައި ހަމަނުޖެހުން ހިންގަން ފަށައިފިއެވެ. އޭރު މީހުންނަށް ޤަބޫލުކުރެވިފައި އޮތީ މިއީ ދިވެހި ކަނޑުން މަސްބާނަން ވަދެގެން އުޅޭ ބޯޓެއް ކަމަށެވެ. އެހެންކަމުން ދިވެހިން ތިބީ އެމީހުން ފަސޭހަ ގޮތަކަށް ދޫކޮށްލާ ގޮތަކަށް ނޫނެވެ.
"އަހަރެމެން ދޯނިން މީހުންތައް ބޯޓަށް އަރައިގަތީމަ ބޯޓުގެ ކެޕްޓަން މި އަންނަނީ ބަޑި ކޮނޑުމަތީގައި ބާއްވައިގެން. ހަމަ އަންނަތަން ފެންނައިރަށް ބޯޓުގައި ތިބި ހުރިހާ މީހުން މޫދަށް މި ފުންމާލަނީ." ބޯޓު ކައިރިއަށް އުލިގަމުން އެންމެ ފުރަތަމަ ދިޔަ ދޯނީގައި ހުރި އުމުރުން 69 އަހަރުގެ ޙަސަން އަޙުމަދު (އުލިގަމު ކެޔޮޅު ހަސަން) ކިޔައި ދިނެވެ.
ކެޔޮޅު ޙަސަންގެ ވާހަކައިން އެނގުނު ގޮތުގައި ބޭރުގެ ބޯޓު ކައިރިއަށް އެ ދޯނި ދިޔައީ ހެނދުނު 08:30 ހާއިރުއެވެ. ގޮތް ނޭނގޭ މި ބޯޓަށް އެރި ދިވެހިންނާ ބޯޓުގައި ތިބި މީހުންގެ ހަމަނުޖެހުން ހިނދެއްހިނދަކަށް ދިޔައީ ބޮޑުވަމުންނެވެ.
"އަޅުގަނޑުވެސް ބޯޓަށް އަރައިފިން. އަޅުގަނޑާއެކު ހޯރަފުށީ ވަހީދު ކަތީބުވެސް އަރައިފި. އަޅުގަނޑު ބުނެފިން މިއުޅެނީ އޮޅުމެއް އަރައިގެންނޭ. އަޅުގަނޑު ބުނެފިން މި ބޯޓު ގެންނާށޭ ހޯރަފުށީ ބަނދަރައް. ހަމަ ބުނީ އެމީހުން މިސްރާބު ބަދަލުކޮށްފި. މަޑުމަޑުން ބަނދަރަށް ގެންދަނީ. ދެން އަތޮޅު އޮފީހުން ހުރިހާ ރަށަކަށް އަންގަނީ ހުރިހާ އޮޑިދޯނިފަހަރެއް އަންނާށޭ. ދެން އަތޮޅުގެ އެންމެން އަންނަން ފަށައިފި. ދެން އައިސް ދޯނިފަހަރު ހޯރަފުށި ބަނދަރަށް ދިޔައިމަ އަތޮޅު އޮފީހުން އަންގައިފި އަރާފަ ބޯޓުގެ ބުރަފަތީގައި ވާ އޮޅާށޭ." އުލިގަމު އޭރުގެ ކަތީބު އިދުރީސް އާދަމް ވިދާޅުވިއެވެ.
އެދުވަހުގެ އިރުއޮއްސެންވާއިރަށް 144 ފޫޓޫގެ އެ ބޯޓު ހޯރަފުށީ ބަނދަރަށް ގެންގޮސްސިއެވެ. ހޯރަފުށީ ބަނދަރަށް ބޯޓު ގެންދިޔަ ހިސާބުން ކަންތައް ވަރަށް ގޯސްވާންފެށިއެވެ. ރައްޔިތުންގެ ހިތުގައި އޮތް ނުތަނަވަސްކަމާ، ރުޅިވެރިކަމުގެ ސަބަބުން މީހުންތައް ބޭރުގެ މި ބޯޓަށް އަރައި ފޭރެން ފަށައިފިއެވެ. ތެލާއި، ގަހަނާޔާއި، ވާތަކާ އެހެނިހެން މުދާތައް ނެގުނު ވަރަކަށް ނަގައިގެން މީހުން ބޯޓުން ފައިބާންފަށައިފިއެވެ.
"އޭރު އެ ބޯޓެކޭ މުސްކުޅިން ކިޔާ އަލަށް ބާލާފަ އޮތް އޮޑިއެކޭ އެއްކަހަލަ ގޮތަކަށް އޮންނާނީ. އެއަކު ނެތް އެއްވެސް އެއްޗެއް. އޭގެ އިންޖީނު ނޫނިއްޔާ." ކެޔޮޅު ޙަސަނު ކިޔައި ދިނެވެ.
ބޭރުގެ ޚަބަރުތައް ބުނާގޮތުން އެބޯޓުގައި ހުރި 60،000 އެއްހައި ޑޮލަރުގެ ސާމާނު ފޭރުނެވެ. އެއީ އެ ޒަމާނަށް ބަލާއިރު ވަރަށް ބޮޑު ޢަދަދެއްކަން ފާހަގަކޮށްލެވެއެވެ. އެބޯޓަށް ދިވެހިންގެ 300އެއްހާމީހުން އެރިކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.
"އެހިސާބުން އަތޮޅުވެރިޔާގެ ދަރިފުޅު އަޙުމަދު ބޯޓަށް އަރައިފި. އަހުމަދު ވާހަކަދައްކާލީމަ އަހުމަދު ފޭބިޔަ ނުދީ އޮބަހެއްޓީ." އުލިގަމު އޭރުގެ ކަތީބު އިދުރީސް އާދަމް ވިދާޅުވިއެވެ.
ހއ.އަތޮޅުގެ އަތޮޅުވެރިޔާގެ ދަރިފުޅު ގޮވައިގެން ބޭރުގެ މި ބޯޓުން މޫދަށް ބަޑިޖަހަންފެށިއެވެ. މިއާއެކު ތުރާކުނުގައި ރަހީނުކޮށްފައި ހުރި ބޯޓުގެ މެޑިކަލް އޮފިސަރާ ބޯޓުން ފޭބި އެހެން ފަޅުވެރިން ދޫކޮށްލުމާއެކު ބޯޓު ފުރައިގެން ގޮއްސިއެވެ.
"އަނެއްދުވަހު ހެނދުނު ބޭބެމެން ހޯރަފުށިން ނުކުންނަންވީއިރު ބޯޓު މަޑުމަޑުން ދުއްވަމުން އައިސް ވަނގާރު ކަނޑުން ނުކުމެގެން އަޙުމަދު (އަތޮޅުވެރިޔާގެ ދަރިފުޅު) ގޮވައިގެން އެ ދިޔައީ." އުލިގަމު ކެޔޮޅު ޙަސަން ކިޔައިދިނެވެ.
ކޮންމެއަކަސް ދިވެހިންނަށް އެރި މި އޮޅުމުގެ ވާހަކައިގެ ޚަބަރު ސަރުކާރަށް ލިބުމުން މިކަން ހައްލުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ފެށިއެވެ. އެމެރިކާ ސަރުކާރާ ދިވެހިސަރުކާރުން ވާހަކަދައްކައިގެން މިކަން ދެ ޤައުމު ރައްޔިތުންނަށް އޮޅުން ފިލުވައިދިނެވެ. އެގޮތުން މައްސަލަ ހާއްލުކޮށް 1979 މާރިޗް 25ގައި ދެ ސަރުކާރު ގުޅިގެން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދައްކަވާފައިވަނީ އޭރުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީ އިލްޔާސް އިބްރާހީމެވެ.
އެ ބަޔާނުގައި ބުނެފައިވާގޮތުން ދިވެހިންގެ ބަޔަކު އެ ބޯޓަށް އެރީ ހަގީގަތުގައިވެސް އެރި އޮޅުމެއްގެ ސަބަބުންނެވެ. އެހެންކަމުން އެމެރިކާ ސަރުކާރުންވެސް ނިންމީ ޤާނޫނީ ފިޔަވަޅެއް ނޭޅުމަށެވެ.
މަސްބޯޓެއްކަމަށް ހީކޮށް ދިވެހިން އެ ބޯޓަށް އަރައި ފޭރުނު މީހުންނަކީ ކަނޑުފޭރޭ މީހުންކަމަށް ބުނެ ކުރިން ރިޕޯޓްކޮށްފައިވަނީވެސް އެއީ އެރި އޮޅުމަކުން ވީކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ.
އެމެރިކާގެ ބޯޓުގައި ޑިއޭގޯ ގާސިޔާއަށް ގެންދިޔަ އަތޮޅުވެރިޔާގެ ދަރިފުޅު އަޙްމަދުވެސް ފަހުން މަތިންދާ ބޯޓެއްގައި ވަނީ މާލެ ގެނެސްފައެވެ.