ޚަބަރު

މީރާގެ މިއަހަރުގެ "ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން" އާންމުކޮށްފި


މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2022 ވަނަ އަހަރުގެ 'ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން' ޝާއިއުކޮށްފިއެވެ. މި އަހަރުގެ ޕްލޭންގައި، ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި، 2022 ވަނަ އަހަރަށް މީރާއިން ކުރަން ރާވައިފައިވާ މައިގަނޑު ފަސް ކަމެއް ވަނީ ހިމަނާފައެވެ.

މިއަހަރުގެ ޕްލޭންގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ރައްޔިތުން ޓެކުހުގެ މައުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި، ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓަރީކުރުވުން ހިމެނެއެވެ. އަދި ކުދި ވިޔަފާރިތަކުގެ ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމަށް އެހީތެރިވެދިނުން، ބޮޑު އަދި މެދު ފަންތީގެ ޓެކްސް ދައްކާ ފަރާތްތައް ޓެކުހާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާކަން ޔަގީންކުރުން، އަދި ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހިމެނެއެވެ.

މީރާއިން މިފަދަ ޕްލޭނެއް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. މި ޕްލޭންގެ ދަށުން 2021 ވަނަ އަހަރު ކޯވިޑް-19 ގެ ސަބަބުން ޓެކްސް ކޮމްޕްލަޔަންސްއަށް ކުރިމަތިވި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކަށް ގިނަ ލުއިތަކެއް ދިނުމުގެ އިތުރުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓާލާފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ޕްލޭންގައި، ކޯވިޑުގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ އިޤްތިޞާދަށް އަންނަމުންދާ ކުރިއެރުންތަކަށް ރިއާޔަތްކޮށް، ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިޚްތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޕޮލިސީއެކެވެ.