ޚަބަރު

ޢައްޒާގެ ޢުދުވާނަށް 1،000 ދުވަސް ވީއިރު 1،022 ތުއްތުކުދިން ޝަހީދުކޮށްލި


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީ ފައުޖުން ހިންގި ޤަތުލުޢާންމަށް 1,000 ދުވަސް ފުރިފައިވާއިރު، 2023 އޮކްޓޫބަރު 7 ގެ ފަހުން 1،022 ތުއްތުކުދިން ހިމެނޭ ގޮތުގައި ޖުމުލަ 21،500 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަން ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ހާމަކޮށްފިއެވެ. މި ޤަތުލުޢާންމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިވާ އިންސާނީ ކާރިސާގެ ޙާލަތު އިންތިހާއަށް ގޯސްވެ، ޢާންމުންގެ ޝަހީދުވަމުންދާ އަދަދު އިތުރުވަމުންދާ ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދަނީ އިންޒާރު ދެމުންނެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނީ، ޤަތުލުޢާންމުގެ ތެރެއިން ޝަހީދުކޮށްލާފައިވާ ފަލަސްޠީނު ރައްޔިތުންގެ ޖުމުލަ އަދަދު 73،066 އަށް އުފުލިފައިވާ ކަމުގައެވެ. އަދި، 44،500 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭ ގޮތުގައި 173،514 މީހަކު ޒަޚަމުކޮށްލާފައިވާ ކަމުގައެވެ. މީގެ އިތުރުން، ޝަހީދުކޮށްލާފައިވާ 9,500 އަށްވުރެ ގިނަ މީހުންގެ ހަށިތައް، ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ޤަތުލުޢާންމުގެ ތެރެއިން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ބިނާރާއި އުމްރާނީ ވަސީލަތްތަކުގެ %90 ސުންނާފަތިކޮށްލާފައެވެ. އަދި، އެ ސަހަރުގެ %80 ސަރަޙައްދެއް މިހާރު ވެސް އޮތީ ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައެވެ.

އެކުވެރި ދައުލަތްތަކުގެ (އދ) ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) ބުނީ، 11،000 އަށް ވުރެ ގިނަ ކުޑަކުދިންނަށް ލިބިފައިވާ ޖިސްމާނީ އަނިޔާތަކުގެ ސަބަބުން އެ ކުދިންގެ ދިރިއުޅުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގައެވެ. އޭގެ ތެރެއިން 4,000 އަށްވުރެ ގިނަ ކުދިންނަކީ ޒަޚަމުތައް ބޮޑުކަމުގެ ސަބަބުން ގުނަވަންތައް ބުރިކޮށްފައިވާ ކުދިން ކަމުގައި ޔުނިސެފުން ހާމަކުރިއެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ ހަސްފަތާލުތަކަށް ދީފައިވާ ބޮޑެތި ގެއްލުންތަކާ ގުޅިގެން، އޭގެ ތެރެއިން ގިނަ ކުދިންގެ އޮޕަރޭޝަންތައް ކޮށްފައި ވަނީ އިންތިހާއަށް ދަތި ޙާލުގައި ކަން ވެސް ޔުނިސެފުން ހާމަކުރިއެވެ.