ޚަބަރު

މާފުށީ ޕިކްނިކް އައިލެންޑަށް މިހާރު އާއްމުންނަށް ދެވޭނެ


މާފުށީ ޕިކްނިކް އައިލެންޑް ވަށްމާފުށި ވަގުތީގޮތުން ބޭނުންކުރަން ހުޅުވާލައިފިއެވެ.

މާފުށި ކައިރީގައި ބިމެއް ހިއްކައިގެން އެމްޓީސީސީން ހަދާފައިވާ ޕިކްނިކް އައިލެންޑް މާފުށީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މާފުއްޓަށް ކުރެއްވި ދަތުފުޅުގައެވެ. މާފުށީ ކައުންސިލުން ވަގުތީ ގޮތުން ޕިކްނިކް އައިލެންޑް "ވަށްމާފުށި" ބޭނުންކުރާނެ އުސޫލުތަކެއް ހެދި ރަސްމީކޮށް ހުޅުވާލެވެންދެން ކައުންސިލުގެ ހުއްދައެއް ހޯދައިގެން ވަށްމާފުށްޓަށް އެރުމަށް ފުރުސަތު ހުޅުވާލާފައެވެ.

ވަށްމާފުށްޓަށް ވަގުތީގޮތުން އެރުމަށް ހުއްދަ ދެވޭނީ ހަފްތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 6:00 އިން ހަވީރު 6:00 އަށެވެ. ހަފްތާގެ ކޮންމެ ދުވަހަކުވެސް މާފުށީގެ ރައްޔިތުންނަށާއި، ދިވެހިންނަށް ވަށްމާފުއްޓަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ހުކުރު، ހޮނިހިރު ދެ ދުވަހު ޚާއްޞަ ކުރެވިފައިވާނީ މާފުށީގެ ރައްޔިތުންނަށާއި ދިވެހިންނަށެވެ. މި ދެދުވަހު ގެސްޓު ހައުސްތަކުގެ ގެސްޓުންނަށް ވަށްމާފުށްޓަށް އެރުމުގެ ފުރުޞަތު ނޯންނާނެ ކަމަށް މާފުށީ ކައުންސިލުން ވިދާޅުވެއެވެ.

ވަށްމާފުއްޓަށް އެރުމަށް ހުއްދަ ހޯދުމަށް ގުޅޭނެ ނަންބަރުތައް:

- ކައުންސިލް މެމްބަރު ނަސީހް މުހައްމަދު 9993344
- ކައުންސިލް މެމްބަރު މަރިޔަމް ޝިފާނާ 9656002

ގެސްޓުންނަށް ވަށްމާފުށްޓަށް ޒިޔާރަތްކުރުމަށް ހުއްދަ ދެވޭނީ އާދިއްތަ އިން ބުރާސްފަތި ދުވަހަށެވެ. ވަށްމާފުއްޓަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އެރަށުގެ ސާފުކަމާއި ރީތިކަން ދެމެހެއްޓުމަށް ކުނި މެނޭޖް ކުރެވޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.

ވަށްމާފުށި ފެހި ކުރުމުގެ ގޮތުން ގަސް އިންދުމަށް ރަށުގެ ރައްޔިތުންނަށާއި، މާފުށީގައި ދިރިއުޅޭ އާއިލާތަކަށާއި، މުއައްސަސާ، ކުންފުނި، ކްލަބް ޖަމްޢިއްޔާތަކަށާއި، ވިޔަފާރިތަކަށްވެސް މިހާރުވަނީ ހުޅުވާލާފައެވެ.

މާފުށީ ޕިކްނިކް އައިލެންޑަކީ ރައްޔިތުން ދަތުރުގޮސްލާ، ހިތްހަމަޖެހޭ މާޙައުލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. އަރޓިފިޝަލް ރަށެއްގެ ގޮތުގައި ހެދި މާފުށީ ޕިކްނިކް އައިލެންޑަކީ ރަށް ކައިރި ފަޅުތެރެއިން 2 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި ރަށެކެވެ.