މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ ޤާއިމްކޮށް ބޭނުން ކުރަން ފަށައިފިއެވެ.
މިކަމަށްޓަކައި މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަން ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިސަންސް ހަސަން ޒަރީރާއި ކޮންޓްރޯލާރ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހުއާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކަރެކްޝަންސްގެ އިސްވެރިންވެސް ބައިވެރިވިއެވެ.
ބެގޭޖް ސްކޭނަރގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ތަރުތީބު ކުރަމުން އަންނަ އިރު އެންމެ މުހިއްމު އެއްކަމަކީ ޖަލަށް ވެއްދޭ ތަކެތި ސަތޭކަ އިންސައްތަ ސްކޭން ކުރެވިގެން ވެއްދޭކަން ކަށަވަރު ކުރުންކަމަށާއި މިކަން މިއަދު އިންތިޒާމްވެގެން ގޮސްފައިވާކަމަށެވެ.
ޖަލުގައި ޤާއިމްކުރި ބެގޭޖް ސްކޭނާއަކީ ގައިދީންނަށް، އާއިލާއިންނާއި އާންމު މީހުން ފޮނުވާ ތަކެތި ސްކޭން ކުރެވޭނެ ނިޒާމެއްކަމަށެވެ. މިއާއެކު ކުރިން އިންޓެލިޖެންސް ބޭސްޑްކޮށް ސާރޗުކުރަމުން އައިކުރުމުގެ އިތުރަށް ޖަލަށް ވައްދާ ތަކެއްޗަކީ ސްކޭން ކުރެވިގެން ވެއްދޭ ތަކެއްޗަށް ވާނެކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީފޮރުވައިގެން އެކި ގޮތްގޮތަށް ޖަލަށް އެތެރެކުރަން މަސައްކަތްކުރާ ތަކެތި މިސްކޭނަރ މެދުވެރިކޮށް ހޯދައިގަނެވޭނެކަމަށެވެ.
ދިވެހިރާއްޖޭގެ ޖަލުތަކަކީ ޖަލުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ޚާއްސަކުރެވިފައިވާ ތަންތަނަށް ހެދުމަށާއި އަދި އެތަނުގެ ގައިދުވެފައިވާ ތިބޭ މީހުންގެ ފަރާތުން އާންމު ރައްޔިތުންނަށް އުނދަގޫ ނުވާގޮތަށް ޖަލުގެ ސަލާމަތީކަންކަން ތަރުތީބުކުރުމަކީ އަދުގެ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ސްޕެސިފިކް ކޮށް ވިދާޅުވެފައިވާނެ. މި ޖަލުގައި ސްކޭން މެޝިންތައް ބަހައްޓާނެ ވާހަކަ މިއަހަރު ނިމުމުގެ ކުރިން. އެހެންވީމަ ރައީސް ވިދާޅުވި ވިދާޅުވުން އަޅުގަނޑުމެން ތަންފީޒުކޮށްފައި މިއަދު މިއޮތީ. އަޅުގަނޑު ހަމަ މީ ފާހަގަކޮށްލާނަން ހައިރާންވާންޖެހޭ ކަމަކީ މި ޖަލު މިގޮތަށް ހިނގާތާ ރާއްޖޭގެ ބައި ގަރުނެއްވަރު ވެއްޖެ މިހާރު. ގައިދުކޮށްގެން މީހުންގެންގުޅޭތާ. މި ނިޒާމުގެ ދަށުންވެސް ފަހުގެ ގާނޫނުތަކުގެ ދަށުން ޖަލު ހިންގަވަން އަންނަތާވެސް އެތައް ޒަމާނެއްވެއްޖެ. ވީއިރު މިފަދަ ފެސިލިޓީއެއް މިތާނގަ ގާއިމްނުވެ ހުރުމަކީ އަޅުގަނޑު ދަންނަވާނީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ މިފަދަ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ތަންތަނުގަ ހުންނަންޖެހޭ ތަރުތީބުތައް ނުކުރެވިފައި އޮތުމަކީ ވަރަށް ބޮޑު އިހުމާލެއް ހަގީގަތުގައި" ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ އަމާޒަކީ ދިވެހިރާއްޖޭގެ ޖަލުތަކަކީ ގައިދީންނަށް އަމާން ރައްކާތެރި އަދި އެތަނަށް ގެނެވޭ މީހުން ރިހެބިލިޓޭޓް ކުރެވި، މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހަދާ ތަނަކަށްވުންކަމަށެވެ. އަދި ޖަލުގެ ޖާގަ ނެތުމުގެ މައްސަލައަށްވެސް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ ޕްލޭނުގެ ދަށުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.