ޚަބަރު

ބްރިޖްގެ ޢަމަލީ މަސައްކަތް ފަށައި އެގްރީމެންޓްގައި ސޮއިކޮށްފި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގެ ޢަމަލީ މަސައްކަތް  ފައްޓަވައި ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރައްވައިފިއެވެ.މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ޗައިނާ- މޯލްޑިވްސް ފްރައިންޑްޝިޕް ބްރިޖްގެ ކޮންސްޓްރަކްޝަން އެގްރީމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒުއެވެ. ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ރައީސް ޗެންގ ޖޮންގއެވެ. މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާއިދެމެދު ކުރެވިފައިވާ މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން އެގްރީމެންޓްގައި ސޮއިކުރެއްވުމަށްފަހު، ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެއްވިއެވެ.ބްރިޖް މަޝްެރޫޢުގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވަނީ މި މަޝްރޫއުގެ ޕްރޮޖެކްޓް ބޯޑް ކައްސަވާ ލައްވާފައެވެ.މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގައި، ބްރިޖް މަޝްރޫޢުގެ ފެށުމަކީ، ގިނަ ދުވަސްތަކެއް ވަންދެން ދިވެހިން ކުރި އުންމީދުތަކެއްގެ ފެށުންކަމަށް ވިދާޅުވިއެވެ. އަދި ބްރިޖް މަޝްރޫޢޫއަކީ ދަތުރުފަތުރުގެ އިތުރުން އިޖްތިމާޢީ އެތައް މައްސަލަ ތަކަކަށް ހައްލު ލިބިގެންދާނެ މަޝްރޫޢުއެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބްރިޖާއިއެކު އުފާވެރިކަމުގެ އުއްމީދުތަކެއް އާވެގެން ހިގައްޖެކަމަށާއި އަދި ޒުވާނުންނަށް އުފާވެރި އުއްމީދުތަކެއްވެސް އާވެގެން ހިގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމާލޭގައި ވަޒަންވެރި ވުމަށް ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވިއެވެ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ބްރިޖަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އުފެދިގެންދާނެ އެންމެ ވަރުގަދަ ލޭންޑްމާރކް ނުވަތަ ބިނާކަމުގައިވެސް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގައި އެންމެ ވަރުގަދައަށް އާރާސްތު ކުރެވޭ ބިނާކަމަށްވެސް ވިދާޅުވިއެވެ."ބްރިޖާއި އެކީ ފަސޭހަވެގެންދާނީ ހަމައެކަނި ދަތުރުފަތުރެއްނޫން- ބްރިޖާއެކީ ނިމިގެން މިދަނީ އިޖްތިމާޢީ އެތައް މައްސަލަތަކެއްގެ ހައްލު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މިއަހަރުގެ ސެޕްޓެމްބަރ މަހު ޗައިނާގެ ރައީސް ޝީ ޖިން ޕިން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ބްރިޖާއިގުޅޭ މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުގެ މެދުގައި އަބަދު އޮންނަންވާނީ ވާދަވެރިކަން ނޫންކަމަށާއި، މިފަދަ ޤައުމުތަކާއިއެކުވެސް ކުދި ޤައުމުތަކަށް ގުޅުން ބަދަހި ކުރެވިދާނެކަން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުންވެސް ހާމަވެގެން ހިގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރ ދެއްކެވި ވާހަފުޅުގައި މި މަޝްރޫޢޫއަށް ބޭނުންވާ ހުރިހާ މެޝިނަރީތަކެއް ގެނެވި މޮބިލައިޒޭޝަންގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ވިދާޅުވިއެވެ. އަދި ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތް ފެބްރުއަރީ 2016ގައި ފަށާނެކަމަށާއި، ބްރިޖްގެ ތަނބުތަކުގެ މަސައްކަތް ޖޫން މަހު ފެށޭނެކަމަށް ވިދާޅުވިއެވެ. އަދި 8 ސެޕްޓެމްބަރަށްފަހު ތަނބުތަކުގެ މަސައްކަތްނިމި ބްރިޖްގެ ސްޕަރސްޓްރަކްޗަރގެ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން ބްރިޖްގެ މައިގަނޑު ބޮޑީ ނުވަތަ ސްޕަރ ސްޓްރަކްޗަރގެ މަސައްކަތް 23 އޭޕްރީލް 2017ގައި ފެށި، މާލެއާ ހުޅުލެއާއި ދެމެދު ބްރިޖް ގުޅުވާލުމުގެ މަސައްކަތް 30 ޑެސެމްބަރ 2017ގައި ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި 2018ގައި ބްރިޖްގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުންވަނީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާ އަށް ހަދިޔާކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ދެއްކެވި ވާހަކަފުޅުގައި މި ބްރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒްކޮށްދޭ ނިޝާނަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އެކި ގޮތްގޮތުން ވަރުގަދަ ވެގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެޑައިގެންފައިވަނީ ޗައިނާގެ ވައިސް ކޮމާރސް މިނިސްޓަރ ގައު ޔަންގއެވެ. އެކަމަނާގެ ވާހަކަފުޅުގައި މި ބްރިޖަކީ ހަމައެކަނި ބިނާއެއް ނޫންކަމަށާ މިއީ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީގޮތުންނާއި އަދި އެނޫން ގޮތްގޮތުންވެސް ދެ ޤައުމު ގުޅުވައިދޭ ބްރިޖެއް ކަމަށެވެ.މި ރަސްމިއްޔާތުގައި ޗައިނާ- މޯލްޑިވްސް ފްރައިންޑްޝިޕް ބްރިޖާއި، ބްރިޖްގެ ކޮންޓްރެކްޓަރ ސީސީސީސީ އިންޓަރނޭޝަނަލް ކޮމްޕެނީ ލިމިޓެޑްއާއި ބެހޭ ތަފްސީލީ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. މި ޕްރެޒެންޓޭޝަންގައި އެ ކުންފުނިން ހިންގާފައިވާ އެކި މަޝްރޫޢުތަކާއި އަޅާފައިވާ ބްރިޖްތަކާބެހޭ މަޢުލޫމާތު ހިމެނުނެވެ.