ރާއްޖެއިން 800 ވުރެ ގިނަ މީހުންނަށް މިދިޔަ ހަފްތާގައި ކޯވިޑް ޖެހުނުކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ އިދާރާއިން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މި ބަލީގައި ރާޢްޖެއިން ދެ މީހަކު ވަނީ ނިޔާވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގެތެރޭގައި ރާއްޖެއިން ކޯވިޑް ޖެހުނު ގިނަ މީހުންނަކީ އަތޮޅުތަކުގެ ރަށްތަކުން މި ބަލި ޖެހުނު މީހުންނެވެ. އަތޮޅުތެރެއިން 409 މީހުންނަށް މި ބަލި ޖެހުނު ިއރު ވެރިރަށް މާލެއިން 258 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. ރިސޯޓްތަކުން ރިޕޯޓްކޮށްފައިވާ ކޭސްތަކަށް ބަލާއިރު ޖުމްލަ 197 މީހަކަށް މިދިޔަ ހަފްތާގެތެރޭގައި ކޯވިޑް ޖެހިފައިވެއެވެ.
ހަފްތާ ނިންމާލިއިރު މި ބަލީގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު މިވަނީ 2019 އަރާފައެވެ. އަދި މީގެތެރެއިން 10 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަަދަދު މިހާރު މިވަނީ ލައްކައަކާއި ގާތްކޮށްފައެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ނަމްބަރުތައް ދައްކާގޮތުން މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 94732 އަރާފައެވެ. އަދި މި ބަލީގައި މިހާތަނަށް ރާއްޖެއިން 261 މީހަކު ވަނީ ނިޔާވެފައެވެ. މީ 1982 ވަނަ އަހަރު ރާއްޖޭގައި ފެތުރުނު ސިގެއްލާއާއި 1978 ވަނަ އަހަރު ފެތުރުނު ކޮލާރާގައި ރާއްެއިން ނިޔާވި މީހުންގެ އަދަދަށްވުރެ އިތުރު އަދަދެކެވެ.
1982 ވަނަ އަހަރު ފެތުރުނު ސިގެއްލާ ރޯގާ ރާއްޖެއިން 13752 މީހަކަށް ޖެހި 197 މީހަކު ނިޔާވިއެވެ. އޭރު ރާއްޖޭގެ އާބާދީއަކީ 169851 އެވެ. 1978 ވަނަ އަހަރު ފެތުރުނު ކޮލެރާ 11303 މީހަކަށް ޖެހި 252 މީހަކު އެ ބަލީގައި ނިޔާވިއެވެ. އޭރު ރާއްޖޭގެ އާބާދީއަކީ 148،780 އެވެ.
އެންމެ ފަހުން ފެނުނު ކޯވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން" އަންނަނީ ހަލުވި ކަމާއި އެކު ފެތުރެމުންނެވެ. ރާއްޖެއިންވެސް މި ވޭރިއަންޓްގެ 5 މީހަކު މިހާތަނަށްވަނީ ފެނިފައެވެ. މި އެންމެނަކީވެސް ރާއްޖެއަށް އެތެރެވި ބިދޭސީންނެވެ.
މި ދުވަސްވަރަކީ ސްކޫލް ޗުއްޓީއާއި ދިމާކޮށް ގިނަ ބަޔަކު ރަށްރަށް ޒިޔާރަތްކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި ޕާޓީތަކާއި ހަޕްލާތައްވެސް ގިނަ އަދަދަކަށް ބާއްވަމުން އަންނަ ދުވަސްކޮޅެކެވެ. މީގެއިތުރުން މީ ޚިތާނީ ޕާޓިތައްވެސް އެންމެ ގިނައިން ބާއްވަމުން އަންނަ ދުވަސްވަރުކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން މިހާރުވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. މިގޮތުން މި ދުވަސްވަރު އެއްވުންތަކާއި ހަފްލާތައް މަދުކޮށް ރައްކާތެރިިަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމާއި ގައިދުރުކަން އިސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.