ކުޅިވަރު

ޕީއެސްޖީގެ ވެރިޔާއަށް އިންފަންޓީނޯގެ ހަމަލާއެއް؟


  • ހެލައިފީގެ ކޮރަޕްޝަނުގެ މައްސަލައެއް ވަނީ ބަލަން ފަށާފައި

ފްރާންސްގެ އެންމެ ގަދަ ކުލަބު ޕެރިސް ސެންޓް ޖަމައިން (ޕީއެސްޖީ)ގެ ވެރިޔާ ގަތަރުގެ ނަސީރު އަލް ހެލައިފީގެ ކޮރަޕްޝަނުގެ މައްސަލައެއް ފްރާންސްގެ ޕްރޮސެކިއުޓަރުން ބަލަން ފަށައިފިއެވެ.

ހެލައިފީ އަކީ އަންނަ މާޗު މަހު އޮންނަ ފީފާގެ އިންތިހާބުގައި ވާދަ ކުރައްވަފާނެ ކަމަށް ބެލެވިފައިވާ ބޭފުޅެކެވެ. މިކަމާ ގުޅޭ ގޮތުން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާއިން ވަނީ އޭނާއާ މަޝްވަރާ ކޮށްފައެވެ. އިންފަންޓީނޯގެ ބަދަލުގައި ފީފާ އަށް އައު ރައީސަކު ހޮވަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޔޫރަޕުންނެވެ.

ހެލައިފީގެ މައްޗަށް ތުހުމަތު ކުރަނީ ފްރާންސްގެ ލީގުގެ ޓީވީ ރައިޓްސް އޭނާގެ ބައިވެރިވުން އޮންނަ ގަތަރުގެ ބެއިން ސްޕޯޓްސް އަށް ހޯދައިދޭން މަސައްކަތް ކުރިކަމުގެ ތުހުމަތެވެ. ނަމަވެސް ހެލައިފީ އާއި ބެއިން ސްޕޯޓްސްއިން ވަނީ މި ތުހުމަތުތަކަށް ރައްދުދީފައެވެ. ބެއިން ސްޕޯޓްސްގެ ޗެއާމަނަކީ ވެސް ހެލައިފީއެވެ.

މިކަމާ ބެހޭގޮތުން ބެއިންއިން ބުނީ ފްރާންސްގެ ލީގުގެ ބްރޯޑްކާސްޓިން ރައިޓްސްއާ ބެހޭ ގޮތުން 2024 ވަނަ އަހަރު ބޭއްވި ބައްދަލުވުންތަކަށް ވެސް ހެލައިފީ ވަޑައިނުގަންނަވާނެ ކަމަށެވެ. އެއީ އޭނާގެ މަސްހަލަތު ފުށުއަރާ މައްސަލައަކަށްވާތީ ކަމަށް އޭރު ވެސް އަންގާފައިވާ ކަމަށެވެ.