ބ.ގޮއިދޫގައި ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަ އަހަރު ޖަނަވަރީމަހަށް ނިންމާލެވޭނެ ކަމަށް މަސަައްކަތުގެ ކޮންޓެކްޓަރ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިއު.އެސް.ސީން ބުނެފިއެވެ.
އެމް.ޑަބްލިއު.އެސް.ސީން ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަ އަހަރު ޖެނުއަރީމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދު ކުރާކަމަށެވެ. އެރަށުގައި މިމަސައްކަތް ނުނިމި ލަސްވަނީ މި މަސައްކަތް ކުރުމަށް މަދުވާ ބައެއް ސާމާނު ނުލިބިގެންކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިތަކެއްޗަކީ ރާއްޖެއިން ބޭރުން އެތެރެ ކުރަންޖެހޭ އެއްޗެތި ކަމަށްވާތީ ކޯވިޑްގެ މިހާލާތާ ގުޅިގެން ބޭރުން މުދާ އެތެރެކުރުމުގައި ހުރި ދަތިތަކާ ގުޅިގެން ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއަށް ބޭނުންވާ ބައެއް ސާމާނު ނުލިބުމުގެ ސަބަބުން މީގެކުރިންވެސްވަނީ މަހެއްހާދުވަހަށް މަސައްކަތް މަޑު ޖައްސާލަންޖެހިފައެވެ. ނުލިބި ލަސްވީ ގެތެކަށް ގުޅާ ފެންމީޓަރުތަކާއި އެކަމަށް ބޭނުންވާ ބައެއް ސާމާނެވެ. މިހާރު އެތަކެތި ލިބި މިހަފްތާގައި ގެތެކަށް މީޓަރު ގުޅުމުގެ މަސައްކަތް ފެށޭނެކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެއެވެ. މިމަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ފެންހޮޅި ނާޅާ އޮތް ސަރަހައްދުގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތާއި ވާރޭފެން ރައްކާކުރުމަށް އެރަށުގައި ހުރި ސަރުކާރު މުއައްސަސާތަކުގެ ފުރާޅުތަކުގައި ލާފައިހުރި ދިޔަދޮވި ތަކާ ހޮޅި ގުޅުމުގެ މަސައްކަތް ކަމަށްވެސް ކައުންސިލުން ބުނެއެވެ.
ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގައާއި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ޤާއިމްކުރާނެއެވެ. މިމަޝްރޫޢުގެ ދަށުން ގޭބިސީތަކާއި ސަރުކާރު އޮފީސްތަކާއި ގެސްޓްހައުސްތައް ހިމެނޭގޮތައް 153 ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބަހައްޓާ ޢިމާރާތުގެ ހުރިހާ މަސައްކަތެހެން މިހާރުވަނީ ނިމިފައެވެ.
ސަރުކާރުން މި މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރު 46 މިލިއަން ރުފިޔާއަށެވެ.
އަށް ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ގޮއިދޫއަކީ ބ.އަތޮޅުގައި އޮތް އެންމެ ބޮޑުރަށެވެ. ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތައް ގެވަޅު ތަކުގައި ޖަންގްޝަން ހަދައިގެން ކޮޓަރިއެއް އަޅާނެ ޖާގަ ނުވަތަ އާއިލާއަކަށް އުޅެވޭވަރުގެ ބިމެއް މިކަމަށް ހުސްކޮށްފައި ބޭއްވުމަކީ އެރަށު މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. މިމަޝްރޫއުގެ މަސައްކަތާއެކު މިކަމަށް ހައްލު ލިބި ރަށުގެ އިޤްތިސާދު އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށް ރަށުގެ ރައްޔިތުން އުއްމީދުކުރެއެވެ.