ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ)އިން އަންނަނީ ދާއިރާގެ ފަރާތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަހަރުގެ ތެރޭގައިވެސް އެ ކުންފުނިން ވަނީ ބައިނަލްއަޤްވާމީ ގިނަ ފެއަރތަކާއި ރޯޑްޝޯތައް އަދި ވަރޗުއަލް އިވެންޓްތަކުގައި ބައިވެރިވެފައެވެ. އޭގެތެރޭގައި އެއްތަނަކަށް އެއްވެގެން ބޭއްވި ޙަރަކާތްތަކާއި ވަރޗުއަލް ހަރަކާތްތައް ހިމެނެއެވެ.
ކޯވިޑަށްފަހު މިއަހަރު އެމްއެމްޕީއާރުސީން ވަނީ ފުރަތަމަ ފަހަރަށް މީހުން އެއްވެގެން ބާއްވާ ފެއަރތަކުގައި ބައިވެރިވާން ފަށާފައެވެ. މިއަހަރު 40އަށްވުރެ ގިނަ ފެއަރގައި އެ ކުންފުނިން ވަނީ ރާއްޖެ އިސްތިހާރުކޮށްފައެވެ.
އަންނަ އަހަރުގެ ތެރޭގައިވެސް އެމްއެމްޕީއާރުސީން ބައިނަލްއަޤްވާމީ ގިނަ ފެއަރތަކާއި، ރޯޑްޝޯތައް އަދި އިވެންޓްތަކުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި މީހުން އެއްވެގެން ބާއްވާ 60 އަށްވުރެ ގިނަ ހަރަކާތުގައި ބައިވެރިވާނެކަން އެ ކުންފުނިން މިހާރު ވަނީ ހާމަކޮށްފައެވެ. އަދި މީގެ އިތުރުންވެސް ވަރޗުއަލްކޮށް ގިނަ ހަރަކާތްތަކެއްގައި އެ ކުންފުނިން އަންނަ އަހަރު ބައިވެރިވާނެއެވެ. މީގެތެރޭގައި އިންޓަވިއުތަކާއި، ކެންޕެއިންތައް ހިމެނެއެވެ.
ކޯވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މިހާރު އަންނަނީ ވަރަށް ބާރަށް ކުރިއަރަމުންނެވެ. މިކަމުގެ އެންމެ އަލިގަދަ ހެއްކަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. އަދި ކޯވިޑްގެ ހާލަތުގައި ރާއްޖެއިން މިވަނީ ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ދެވަނަ އަހަރު ހޯދާފައެވެ. އެއީ މިއަހަރާއި މިދިޔަ އަހަރެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބު މުހައްމަދު ވިދާޅުވީ، ކޯވިޑާއި ގުޅިގެން ފަތުރުވެރިން ދަތުރު ކުރުމަށް ވަރަށް ބޮޑަށް ޖެހިލުންވެފައިވާ ކަމަށެވެ. އެހެންކަމުން ފަތުރުވެރިންގެ އިތުބާރު ހޯދުމަށް އެމްއެމްޕީއާރްސީ އާއި ކަމާއިބެހޭ އިދާރާތަކާއި އަދި އެންޖީއޯތަކާއި، މުޅިއެކު ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެން ގުޅިގެން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %149.3 އިތުރު އަދަދެކެވެ.