ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ 23 ބަނަދަރެއްގެ މަސައްކަތް ނިންމައި 34 ބަނދަރެއްގެ މަސައްކަތް މިވަގުތު ކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
1980ވަނަ އަހަރު އެމްޓީސީސީ އުފެދުނުފަހުން އެކުންފުންޏަކީ ރާއްޖޭގެ ތަރައްގީގައި ބޮޑެތި ބިޔަ މަސްރޫއުތައް ހިންގަމުން އަންނަ ކާމިޔާބު ކުންފުންޏެކެވެ. ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އުމްރާނީ، އިޤްތިސާދީ އަދި އިޖުތިމާޢީގޮތުން އެކުންފުނިވަނީ ގިނަގުނަ މަސައްކަޔތްތަކެއް ކޮށްފައެވެ. މިވޭތުވެދިޔަ 3 އަހަރުދުވަހަކީ އެކުންފުނީގެ ތާރީޚުގައިވެސް މިފަދަ އެންމެ ގިނަ މަސައްކަތްތައް ކުރިއަށް ގެންދިޔަ 3 އަހަރެވެ.
މިދިޔަ 2020ވަނަ އަހަރު އެކަނިވެސް 38 މަސްރޫއެއް އެކުންފުނިން ވަނީ ނިންމާފައެވެ.
މިވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ބަނަދަރު ތަރައްގީކުރުމުގެ މަސައްކަތްތައް ދިޔައީ ކޯވިޑްގެ ބަލިމަޑުކަމުގެ ޙާލަތުގައިވެސް ހުއްޓުމެއްނެތި ކުރިއަށެވެ. އެގޮތުން 23 ބަނދަރެއްގެ މަސައްކަތް ނިންމާލުމަކީ އެކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެންމެ ފަހުން ނިންމާލީ ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތެވެ. ފަޅަށް ވަންނާނެ ނެރެއްނެތުމުން ކުދި ޑިންގީތަކުގައި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނު އެރަށަށް އެތެރެކޮށްގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރި މިބަނދަރަކީ މުޅިން ތަފާތު ގޮތަކަށް ފަރުމާކޮށްގެން ހެދި ބަނދަރެއްވެސްމެއެވެ.
އެބަނދަރު ތަރައްޤީކުރީ ރަށާ 200އެއްހައި ފޫޓް ދުރުގައި ރަށުގެ ފަޅުތެރޭގައެވެ. ބަނދަރުން ރަށު ތެރެއަށް އެރޭނީ ބްރިޖެއްގެމަތިންނެވެ. ގޮނޑުދޮށް ނުގެއްލޭނެހެން ހެދި މިބަނދަރު ހެދުމުގައި ގިނަގުނަ ގޮޖެހުންތަކެއް ކުރިމަތިވިކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. އެހެން ނަމަވެސް ރައްޔިތުން ބޭނުންވިގޮތައް ބަނދަރުގެ މަސައްކަތް ނިންމައި އެއުފާ މިއަދު ރައްޔިތުންނަށް ހޯދައިދެވުމަކީ އެކުންފުންޏަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށް އެމްޓީސީސީން ބުނެއެވެ.
"މިއީ އެންމެ ގިނަ ގޮންޖެހުން ކުރިމަތިވި އެއްބަނދަރު. ރަށަށް މުދާ އުފުލާ ބޭލުމުގައި ވަރަށް އުންދަގޫތައް ކުރިމަތިވި. އެހެން ނަމަވެސް ކުންފުނީގެ މުވައްޒަފުންނާ މިރަށު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު މި ބަނދަރު މިވަނީ ނިމުމަކާ ގާތްވެފައި" މިއަހަރުގެ އޯގަސްޓްމަހު ބަނދަރުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.
ރަށެއްގައި އެމްޓީސީސީއިން މަސައްކަތެއް ކުރާނަމަ އެކުންފުނީގެ އިޖްތިމާއީ ހަރަކާތުގެ ދަށުން ރައްޔިތުން ބެނުންވާ އެތައް ކަންތައްތަކެއްވެސް ކޮށްދެއްވައެވެ. ފެހެންދޫގައި ދޯނިއެހެލާ ސަރަހައްދު ފުންކޮށް ވިއްސާރަވުމުން ފެންހެދޭ، މަގުތަކަށް ވެލިއަޅައި އެއްވަރުކުރުމާއި ރައްޔިތުން މޫދައްއެރޭ ސަރަހައްދުގައި ވެލިއަޅައިގެން ސޮލޯޕެއް ލުމާއި ހިއްކާފައިއޮތް ސަރަހައްދުގައި ރުއް އިންދުމާއި ކުނި މެނޭޖްކުރާ ސަރަހައްދު ތަރައްޤީކުރީ މި އުސޫލުންނެވެ.
އެކުންފުނިން ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ބަނދަރުތައް ހަދައި ނިމުމުން ރަގަޅު ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅައިލެވޭނެކަމަށެވެ.
ރާއްޖޭގެ ތަރައްގީގެ ގިނަ މަސްރޫޢުތަކެއް ހިންގާ އެމްޓީސީސީގެ އަމާޒު، މިއަރު ހާސިލް ވާނެކަމުގެ ބޮޑު އުންމީދެއް އޮތްކަމަށް އެކުންފުނިން ވަނީ ވިދަޅުވެފައެވެ. އަދި ވަސީލަތްތައް އިތުރުކޮށް ގިނަ ވަޒީފާތަކެއް އުފައްދާފައިވާކަމަށާ، މިއީ މިވީ 3 އަހަރުދުވަހު ކުންފުންޏަށް ލިބުނު ކުރިއެރުމެއްކަން އެކުންފުނިން ފާހަގަކުރެއްވިއެވެ. ދޮޅު އަހަރެއްހާ ދުވަހުގެތެރޭގައި ތިންހާހަށް ވުރެގިނަ މުވައްޒަފުންނަށް ވަނީ އެކުންފުނިން ވަޒީފާ ދީފައެވެ.
މުވައްޒަފުންނާ ވަސީލަތް އިތުރުކޮށް، ކުންފުނީގެ އަމާޒަކީ މި ފެށޭއަހަރު އެއްފަހަރާ 70 މަސްރޫއު ހިންގޭވަރު ކުންފުންޏަކަށް އެކުންފުނި ހެދުންކަމަށްވެސް އެމްޓީސީސީން ވިދާޅުވެއެވެ. އެމްޓީސީސީއަކީ ސަރުކާރުން %69 ހިއްސާވާ ކުންފުންޏެކެވެ. އަދި %31 ހިއްސާ ކުރަނީ އެކުންފުނީގެ ޢާއްމު ހިއްސާ ދާރުންނެވެ.