ވިޔަފާރި

އަމްރުގެ މޭސްތިރިކަމުގައި އެސްޓީއޯއިން ގިނަ ކާމިޔާބީތަކެއް


ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހިންގުމާ ޙަވާލުވެ ހުންނެވި މިހާރުގެ އެމްޑީ ހުސައިން އަމްރު ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން އައު ވިޔަފާރިތަކަށް ވަދެ ކުންފުނީގެ މާލީ ތަނަވަސްކަން ވަނީ އިތުރުކޮށްދީފައެވެ. އަމްރު އެސްޓީއޯގެ އެމްޑީ ކަމާ ޙަވާލުވިތާ ޑިސެމްބަރ 1 ވަނަ ދުވަހަށް 3 އަހަރު ވާނެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯގެ ހިންގުމާ ހަވާލުވެވަޑައިގެން ފުރަތަމަ އަހަރުގެ ތެރޭގައިވެސް އެންމެ ބޮޑު އިސްކަމެއްދެއްވައިގެން ކުރެއްވި ކަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޢާމްދަނީ އިތުރުވާ ކުންފުންޏަކަށް އެސްޓީއޯ ހެދުންކަމަށެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހައި ރަށެއްގައި އެއް އަގެއްގައި އެސްޓީއޯގެ ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

"ފުރަތަމަ އަހަރު ކުރެވުނު މައިގަނޑުކަމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ޢާމްދަނީ އިތުރުކުރުމުގެ މަސައްކަތްތައް. އެގޮތުން އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މުޅި ރާއްޖޭގެ ހުރިހައި ރައްޔިތުންނަށް އެއްއަގެއްގައި ކާޑުގެ އަގު ހަމަޖެއްސުން. ދެން މީގެ ކުރިން އިނގިވަޑައިގަންނަވާނެ މާލެ ސަރަހައްދަށް ކާޑު އަގުހެޔޮވާނެ. އުތުރާއި ދެކުނުގައި އަގުބޮޑުވާނެ. އެއިރަކު އެއްވެސް ވަރަކަށް ނޭންގޭނެ ކާޑު ގުދަނުން ކާޑު ގަނެގެން ގެންދަނީ ކާކުކަމެއް ކޮން ރަށަކަށް ކިހާވަރަކަށްކަމެއްވެސް، ކޮންދުވަހަކު ކަމެއްވެސް. އަޅުގަނޑުމެން ކާޑު އެޖެންޓުން ކަނޑައަޅާފައި ކާޑުގެ އަގު އެއްވަރުކޮށްފައި ހުރިހައި ރަށަކަށްވެސް މާލެ ގުދަނުން ލިބޭ އަގަށް އެރަށެއްގެ ޖެޓީއިން މިހާރު ލިބޭނެ." އަމްރު ވިދާޅުވިއެވެ.

މީގެއިތުރުން އަމްރުގެ މޭސްތިރިކަމުގެ ތެރޭގައި ފުރަތަމަ އަހަރު ވަނީ އެސްޓީއޯގެ މަސައްކަތްތައް ޑިޖިޓަލައިޒްވެސް ކޮށްފައެވެ. 2020ވަނަ އަހަރާއި އެސްޓީއޯ ކުރިމަތިލީ ގިނަ ޕްލޭންތަކަކާއެކުގައެވެ. ނަމަވެސް މިކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރުމަށް އެ ކުންފުންޏަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޯވިޑެވެ.

ކޯވިޑްގެ ހާލަތުގައި އެސްޓީއޯއަށް ވަރަށް ބޮޑު ޒިންމާއެއް އަދާކުރަން ޖެހުނުކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ، މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް ޒަރޫރީތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމް އެކުންފުނިން ހަމަޖައްސާފައިވާކަމަށެވެ.

"މުޅި ރާއްޖެއަށް ކޯވިޑަށް ބޭނުންވާ ބޭހާއި ޑޮކްޓަރުންނާއި ނަރުހުންނާއި ފްރޮންޓްލައިން މީހުންލާ ޕީޕީއީއާއި، މާސްކާއި، ސެނިޓައިޒަރއާއި ކެއުމަށް ބޭނުންވާ ތަކެތި ހުސްނުވެ ރާއްޖޭގައި ބެހެއްޓުމުގެ ޒިންމާ އޮތް. އެއާއިއެކު ހޮސްޕިޓާތަކަށް ބޭނުންވާ އިކުއިޕްމަންޓްތައްވެސް (ހޯދަން) އަޅުގަނޑުމެންނާ ހަވާލުކުރި. އަޅުގަނޑުމެން ބެލީ ހުސްނުވެ އެތަކެތި ހުންނާނެގޮތެއް ހޯދުމަށް." އަމްރު ވިދާޅުވިއެވެ.

ސަރުކާރުގެ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ތައާރަފްކުރީ މުޅި ދުނިޔެ ލޮކްޑައުން ހާލަތަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މިއަދު މި ކުންފުނިންވެސް އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން ކުންފުނީގެ އަމިއްލަ ބޯޓެއް މިހާރު ވަނީ ގެނެސްފައެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިތުރު ބޯޓެއް ގެންނާނެކަމަށް އަމްރު ވިދާޅުވިއެވެ. މީގެއިތުރުން ޑިޖިޓަލް ބޭންކިންގގެ ޚިދުމަތަށް ވަނުމަށްޓަކައިވެސް އަމްރުގެ މޭސްތިރިކަމުގެ ދަށުގައި އެސްޓީއޯއިން ހޭދަކުރި 3 އަހަރު ދުވަހުގެ ތެރޭގައި ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ހަމައެކަނި ރާއްޖޭގައި އެ ބޭންކިންގެ ޙިދުމަތް ދޭކަށްނޫން. ޑިޖިޓަލް ބޭންކަކަށް ވެފައި ރާއްޖެއިން ބޭރަށް ޚިދުމަތްތައް ގެންދިއުން އެއީ އެސްޓީއޯގެ އަމާޒަކީ. އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ ޑިޖިޓަލް ބޭންކުވެސް ރާއްޖެއިން ބޭރުގައި ކޮންމެވެސް ޤައުމެއްގައި ޚިދުމަތްތައް ދޭންފެށުން. ސްޓޭޓް ޝިޕިންގ ކޮންޕެނީވެސް ހަމައެކަނި ކޮލަންބޯ މާލެއެއް ނޫން. މާލެ ނައިސް އެހެނިހެން ދިމަދިމާލުގައިވެސް ބޭނުންވަނީ ބޯޓުފަހަރު އޮޕަރޭޓްކުރަން ފަށަން. އެދިމާލަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިސްރާބު ޖަހާފައި މިހުރީ." އަމްރު ވިދާޅުވިއެވެ.

މީގެއިތުރުން ދިވެހި ދަނޑުވެރިން ހައްދާތަކެތި ގަނެ، ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއްވެސް މިއަހަރު ވަނީ ހުޅުވާފައެވެ. މިހުރިހައި ކަމަކާއެކު އެސްޓީއޯގެ ކުރިމަގުވެސް ފެންނަނީ ވަރަށް އުޖާލާކޮށްނެވެ. އެކުންފުނިން އައު ވިޔަފާރިތަކަށް ވަދެ ކުންފުނި އިތުރަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅެއެވެ. މިއަދު އެސްޓީއޯގެ ފައިދާވެސް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.