އިޤްތިސާދީގޮތުން ޤައުމު ކުރިއަރުވައި ޤައުމީ މައްސަލަޙަތާ ގުޅުހުންހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ އެންމެ މުހިންމު އެއް އަމާޒެވެ. މީގެ އިތުރުން ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަމާއި ސިއްޙީ ނިޒާމުގެ ތެރެއިން ޒަމާނުއްސުރެ އޮތް ޚިދުމަތުގެ ސްޕީޑުގެ ބުރަހެލިކަން ފިލުއްވާލެއްވުމުގެ ވަޢުދަކީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި އެންމެމުހިންމު އެއއް ވަޢުދުފުޅެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ވެރިކަމުގެ ދައުރުގެ 3 އަހަރު ފަހަތަށް ދޫކޮށްލައްވައި ވެރިކަމުގެ ނައު ހޭރިޔާކޮށް 4ވަނަ އަހަރާ ކުރިމަތި ލެއްވިއިރު، ފާއިތުވެދިޔަ 3 އަހަރުގެ މުއްދަތުގެ ތެރޭގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޮޑެތި ގޮންޖެހުންތަކާއެކުވެސް އިޤްތިސާދީ ދާއިރާއިންވަނީ މުހިންމު ގިނަ ކަންތައްތަކެއް ޙާސިލްކުރައްވާފައެވެ.
ކޯވިޑާ ގުޅިގެން ރާއްޖެއަށް އިޤްތިސާދީގޮތުން ގިނަ ދަތިތަކެއް ކުރިމަތިވިއެވެ. މިދަނޑިވަޅުގައިވެސް އިޤްތިޞާދީގޮތުން ސަރުކާރުން އެޅުއްވި އެންމެމުހިންމު އެއް ފިޔަވަޅަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރެއްވި މަސައްކަތެވެ. އެކަމަށްޓަކައި އެގްރޯ ނޭޝަނަލް ކޯރޕަރޭޝަންގެ ނަމުގައި ދަނޑުވެރިކަމަށް ޚާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދެވިއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ހަމައަގު ހޯދައިދެއްވައި މާކެޓްކުރުމުގެ މަސައްކަތްތައް ފެށްޓެވިއެވެ.
އެގްރޯނެޓާއެކު ދަނޑުވެރިންނަށް އާ އުއްމީދެއް ލިބިގެން ދިޔައެވެ. މިދާއިރާއިން ދަނޑުވެރިންނަށް ލިބިގެންދިޔަ އެންމެބޮޑު ހިތްހަމަޖެހުމަކީ ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެކުރާ ގިނަބާވަތްތަކަކުން ޑިއުޓީ މަޢާފްކުރުމެވެ. އެކަމުގެ ސަބަބަބުން ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކާ ގުޅުންހުރި ސިނާއަތްތަކުން ބޭނުންކުރާ ގިނަ ބާވަތްތަކުގެ ޑިއުޓީ ރޭޓު ދަށްކޮށްފައިވެއެވެ. އޭގެސަބަބުން ވިޔަފާރިވެރިން ދައްކަންޖެހޭ ޑިއުޓީން އަހަރެއްގެ މައްޗަށް 178 މިލިއަން ރުފިޔާ ކުޑަވެގެންދިޔައެވެ.
މަސްވެރިކަމުގެ ސިނާޢަތަކީވެސް ދައުލަތަށާއި ރައްޔިތުންނަށް މަންފާލިބޭނެ ސިނާޢަތަކަށް ހެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންދަވަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ އެންމެމުހިއްމު އެއް ކަމަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދެއްވުމެވެ. މަސްވެރިން ބާނާ މަސް އިސްރާފު ނުވާނެގޮތަކަށް، މަހަށް ހަމައަގު ހޯއްދަވއިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން މަސްވެރިކަމުގެ ސިނާޢަތުން ނެރެވޭ ފައިދާ ބޮޑުކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިސާގެ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން "މަސްވެރިޔާ ކާޑު" ތަޢާރަފުކުރެއްވުމާއި، ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ރާއްޖެއަށް ތަޢާރަފުކުރުމާއި، މަސްވެރިން މަހަށް ނުކުންނަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސެލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލައި، ދޯނި ބަނުމަށް ބޭނުންކުރާ ސާމާނުން ޑިއުޓީ ކަނޑާލުމަކީ މަސްވެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމެކެވެ.
ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ދޭންޖެހޭ ފައިސާ ވަގުތުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުންކަމަށް ވީހިނދު، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 541 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް 39.3 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ވަސީލަތްތައް ތަރައްްޤީކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި މަސްވެރިކަމަށް ފަހި ފުރުޞަތުތައް ހޯދައިދިނުމުގެ މަޤްޞަދުގައި 30 އެތައް އަހަރެއްވެފައިވާ މަސްވެރިކަމުގެ ޤާނޫނު ޒަމާނީކޮށް އައު ޤާނޫނެއް އެކުލަވާލާފައިވެއެވެ.
ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްވެސް ފާއިތުވި 3 އަހަރުގެ ތެރޭގައި ސަރުކާރުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ. އެގޮތުން ސަރުކާރުން ވަނީ އެސްއެމްއީއަށް ޚާއްޞަ ބޭންކެއް އުފައްދަވާފައެވެ. އެ ބޭންކު މެދުވެރިކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުން ގެންދެއެވެ. އެބޭންކުން މިހާތަނަށް 893 މަޝްރޫޢަކަށް 1.09 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
އެސްއެމްއީ ބޭންކު ވުޖޫދުވުމުގެ ކުރިން ރާއްޖޭގައި ހިންގާ ބޭންކުތަކުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމުގައި ދަތިތަކެއް ހުރެއެވެ. ނަމަވެސް އެސްއެމްއީ ބޭންކާއެކު މިވިޔަފާރިތަކަށް ފައިނޭންސް ހޯދުމަށް ފަސޭހަތަކެއް ލިބިގެންދިޔައެވެ.
އެސިނާއަތަކަށް ރާއްޖޭގެ އިގްތިސާދުގެ %90 އަށްވުރެ މަތީ ހިއްސާއެއް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަމުގެ ސިނާއަތް، ކޯވިޑް-19ގެ ކާރިޘާއަށްފަހު، މުޅިންހެން ހުއްޓި، ރާއްޖޭގެ އިގްތިސާދަށް ޑޮލަރު ވަންނާނެ މަގުތައް ބަންދުވެ، އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގުތައްވެސް މުޅިންހެން ބަންދުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ ނާއުންމީދުން ފުރާލިއެވެ. ބާރުބޮޑު ވެލާނާ އިންޓަރނޭޝަނަލް އެއައރޕޯޓް ފަޅުތަނަކަށް ވެގެންދިޔައެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖެ ވެގެންދިޔައީ އެންމެ ފުރަތަމަ ބޯޑަރުތައް ހުލުވާލައި ފަތުރުވެރިކަން އަލުން ފަށައިގަތް ޤައުމަށެވެ. 2020ވަނަ އަހަރުގެ ޖުލައި މަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި އިޤްތިޞާދީ ޙަރަކާތްތައް ފަށައިގަތުމަށް ސަރުކާރުން ނެގި ހިތްވަރާއެކު މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ހުރީ، ކޯވިޑުގެ ކުރިން ޢާންމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައިބަލާއިރު %70 ގައެވެ.
ރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއިން މިހާތަށް ލިބުނު އެންމެ ބޮޑު ޝަރަފް ލިބިގެން ދިޔައީވެސް މި ސަރުކާރުގެ ފުރަތަމަ 3 އަހަރުދުވަހުގެ ތެރޭގައެވެ. އެގޮތުން 2020ވަނަ އަހަރުގެ "ލީޑިންގ ޑެސްޓިނޭޝަން"ގެ އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިގެން ދިޔައެވެ. މިހާ ދަތިދުވަސްވަރެއްގައި މިފަދަ އެވޯޑެއް ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ސިފަކުރެއެވެ.
ރާއްޖޭގެ އިޤްތިޞާދާ، މިޙާލަތު ކުރިމަތިވުމުގެ ކުރިންވެސް، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މެދުކެނޑުމެއްނެތް އެއް ޝަކުވާއަކަށް ވެގެން ގޮސްފައިއޮތީ އެކަށީގެންވާ މުސާރަ ނުލިބޭކަމުގެ ޝަކުވާއެވެ. ވަޒީފާ އަދާކުރާ އެތައްހާސް މުވައްޒަފަކު، އެތައް ޒަމާނެއް ވަންދެން ކުރަމުންއައި އެންމެ ބޮޑު އުއްމީދަކަށް ވެގެން ގޮސްފައި އޮތީ، "މިނިމަމް ވޭޖު" ނުވަތަ އެންމެ ދަށްކޮށް ދެވޭނެ އުޖޫރައެއް ކަނޑައަޅައި ގާނުނީގޮތުން މުސާރައިގެ ރައްކާތެރިކަމެއް ފޯރުކޮށް ދިނުމެވެ.
އެތައް ޒަމާނެއް ފާއިތުވެގެން ގޮސްފައިވަނިކޮށް ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިސަރުކާރުން މިވަނީ، ވަޒީފާ އަދާކުރާ ދިވެހިންނަށް ދޭންޖެހޭ އެންމެކުޑަ މުސާރަ ކަޑައަޅުއްވައި ދިވެހިންނަށް ވަޒީފާދޭ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އެކަން ލާޒިމް ކުރައްވާފައެވެ.
ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ 4،500 ރުފިޔާއެވެ. އެންމެ ކުޑަ އުޖޫރައެއް ކަޑައެޅިގެން ދިއުމުން، ޚަރަދުކުރާ މިންވަރު އިތުރުވެ، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ ޢާމްދަނީއަށް ކުރިއެރުން ލިބިގެން ދިއުމުގެ ފުރުސަތު ބޮޑުވެގެންދާނޭ ކަމުގައިވެސް އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެހެންކަމުން ގަބޫލުކުރަން ޖެހޭ އެއް ހަގީގަތަކީ ކޯވިޑް-19އާ ދެކޮޅަށް ކުރަންޖެހުނު އުދަނގޫ އަދި ބޮޑު ހަނގުރާމާއާ އެކުވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފާއިތުވެދި 3 އަހަރަކީ އިގްތިސާދީ ހަރަކާތްތަކުގެ ނަޒަރަކުން ވިސްނާލާއިރު، ކާމިޔާބު 3 އަހަރުކަމެވެ. ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް، ރަށްރަށުގެ ތަރައްގީއާއި ގުޅުންހުރި ބޮޑެތި ގިނަ މަޝްރުޢުތަކެއް ނުހުއްޓި ދަނީ ކުރިއަށެވެ.
ކޮންމެއަކަސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިފަދައިން ކޯވިޑަކީ ބަހާނައެއް ނޫންކަން ދަނީ އިޤްތިޞާދީ ދާއިރާއިން ހާމަކޮށްދެއްވަމުންނެވެ.