ޚަބަރު

ޗެލްސީ ބަލިކޮށް ފޮރެސްޓް ރެލިގޭޝަނާ ދުރަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 3-1 ގެ ނަތީޖާ އަކުން ޗެލްސީ ބަލިވެއްޖެ އެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މި މެޗުން އެ ޓީމު ބަލިވިއިރު މިއީ ލީގުގައި ޖެހިޖެހިގެން އެ ޓީމު ބަލިވި ހަވަނަ މެޗެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުން ބަލިވެފައިވާއިރު އެއިން މެޗެއްގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.

ނޮޓިންހަމް ފޮރެސްޓް އަށް މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމު ވަނީ ރެލިގޭޝަން ޒޯނާއި 6 ޕޮއިންޓް ދުރަށް ޖެހިފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 35 މެޗުން ލިބިފައިވާ 42 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 16 ވަނަ މަގާމް ލިބިފަ އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓްހޭމް އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

ޗެލްސީ އަށް ލިބިފައިވާ 48 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައަށް އެ ޓީމު ވެއްޓިފައިވާއިރު ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން އެ ޓީމަށް ފުރުސަތު ލިބުމާއިމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ފޮރެސްޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 2 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު ފޮރެސްޓަށް ކާމިޔާބު ކޮށްދީފައިވަނީ ޓައިވޯ އަވޮނީޔީ އެވެ.

އަދި މެޗުގެ 15 ވަނަ މިނިޓުގައި ޗެލްސީގެ ޑިފެންޑަރ މާލޯ ގުސްޓޯ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ފޮރެސްޓަށް ލިބުނު ޕެނަލްޓީ އަކުން އިގޯ ޖީސުސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ޒުވާން ކުޅުންތެރިޔާ ޖެސޭ ޑެރީގެ ބޮލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާއަށް ދަނޑު މަތީގައި ފަރުވާ ދިނުމަށްފަހު އޭނާއަށް ވަނީ ހޮސްޕިޓަލުގައިވެސް ފަރުވާ ދީފަ އެވެ.

ފުރަތަމަ ހާފުގައި ޑެރީ އަށް ކުރި ފައުލާއި ގުޅިގެން ޗެލްސީ އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް ކޯލް ޕާމާ ފޮނުވާލި ޕެނަލްޓީ ފޮރެސްޓްގެ ގޯލުކީޕަރު މެޓްޒް ސެލްސް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އަވޮޔީނީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

ފޮރެސްޓް އިން ތިންވަނަ ލަނޑު ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކުރިތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ 71 ވަނަ މިނިޓުގައި ޗެލްސީގެ ޖޮއާއޯ ޕެޑްރޯ ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާފަ އެވެ.

މި މެޗުގައި ޗެލްސީ އަށް ފޮރެސްޓްގެ ގޯލު ހުޅުވާލެވިފައިވަނީ މެޗުގެ އިންޖަރީ ވަގުތުގައި ޖޮއާއޯ ޕެޑްރޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.