ސާބިޔާގެ ކިބައިން މިނިވަންވުމަށް ކޮސޯވޯއިން ކުރި ހަނގުރާމައިގައި އެ ޤައުމުގެ ކުރީގެ ރައީސް ހަޝީމް ތާޗީ ހަނގުރާމައިގެ ޖަރީމާ ހިންގަވާފައިވާ ކަމަށް ދަ ހޭގްގެ ކޮސޯވޯ ހަނގުރާމައިގެ ޖަރީމާތައް ބަލާ ޓްރައިބިއުނަލް،، ކޮސޯވޯ ސްޕެޝަލިސްޓް ޗެމްބަރސް ކޭއެސްސީއިން ކަނޑައަޅައިފިއެވެ.
އެ ޓްރައިބިއުނަލްއިން ވަނީ އުމުރުން 58 އަހަރުގެ ތާޗީ 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އެއީ ގަސްދުގައި މީހުން މެރުމާއި އަނިޔާ ދިނުމާއި ޤަވާއިދާ ޚިލާފަށް މީހުން ބަންދުކުރުން ފަދަ ކުށްތަކުގެ އަދަބެއްގެ ގޮތުގައެވެ. އެއީ 1990ގެ ފަހުކޮޅު އަލްބޭނިއަން ކޮސޯވޯ ލިބަރޭޝަން އާމީ (ކޭއެލްއޭ)ގެ އިސް ކޮމާންޑަރުގެ މަޤާމުގައި އޭނާ ހުންނެވި ދުވަސްވަރު ހިންގަވާފައިވާ ޖަރީމާތަކެވެ. އެ ދުވަސްވަރު އޭނާ 96 ސިޔާސީ ވާދަވެރިންނާއި ސާބިޔާގެ ސަލާމަތީ ބާރުތަކާއެކު މަސައްކަތް ކުރާ ކަމަށް ބެލެވުނު މީހުން މަރާލާފައިވާ ކަމަށް ކޭއެސްސީއިން ވަނީ ބުނެފައެވެ. ނަމަވެސް ތާޗީ ވަނީ އެ ދައުވާތަކަށް ދެކޮޅު ހައްދަވައިފައެވެ.
ތާޗީގެ އިތުރުން ކޭއެލްއޭގެ އިތުރު ތިން އިސް ކޮމާންޑަރުންނާ ދެކޮޅަށް ވެސް އެކި ދައުވާތަކަށް ހުކުމް އިއްވާފައިވެއެވެ. އެ ގޮތުން ޖަކަޕް ކްރަސްނިގީ 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، ކަދްރީ ވެސެލީ 18 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ. އޭގެ އިތުރުން ރެކްސްހެޕް ސެލިމީ 13 އަހަރަށް ބަންދުކުރުމަށް ވެސް ހުކުމްކޮށްފައިވެއެވެ. އެ ހުކުމްތައް އިސްތިއުނާފު ކުރުމުގެ ހައްޤު ހަތަރު ބޭފުޅުންނަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށް ކޭއެސްސީއިން ބުނެފައިވެއެވެ.
ހަތަރު ބޭފުޅުންނާ ދެކޮޅަށް އުފުަލާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާ ހިންގުމުގެ 6 ދައުވާއިން އެ ބޭފުޅުން ވަނީ ސަލާމަތްވެވަޑައިގެންފައެވެ. ފަނޑިޔާރުން ވިދާޅުވީ އެ ޖަރީމާތައް ހިންގާފައި ވަނީ އާންމުންނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަދި ނިޒާމީ ހަމަލާތަކެއް ދިނުމުގެ ގަސްތުގައި ކަން ޕްރޮސެކިޔުޓަރުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
ކޮސޯވޯގެ މިނިވަންކަން ކަށަވަރުކުރުމަށް ކުރި ހަނގުރާމައިގައި ކޭއެލްއޭއާއި ތާޗީ ޢަދާ ކުރެއްވި ދައުރުގެ ސަބަބުން ކޮސޯވޯއާއި އަލްބޭނިޔާއަށް ނިސްބަތްވާ ގިނަ މީހުން ދެކެނީ ތާޗީއަކީ ތައުރީފު ހައްޤު ބަޠަލެއް ކަމަށެވެ. ކޭއެސްސީގެ ނިންމުމަކީ ކޮސޯވޯއަށް ގެއްލުންހުރި ނިންމުމެއް ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ގްލައުކް ކޮންޔޫޓްސާ ވަނީ ވިދާޅުވެފައެވެ. ކޮސޯވޯގައި އަލްބޭނިއާއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭއިރު، އަލްބޭނިއާގެ ބޮޑު ވަޒީރު، އެޑީ ރާމާ ވެސް ވަނީ ދަ ހޭގްްއަކީ ލަދުވެތި އިދާރާއެއް ކަމަށް ދޭހަވާ ފަދަ ކުރެހުމެއް މީސްމީޑިޔާގައި ޝާއިޢު ކުރައްވައިފައެވެ.