ޚަބަރު

ސުވައިސް ކެނަލުން މިޞްރަށް ލިބެމުންދިޔަ އާމްދަނީ ދަށަށް


ޣައްޒާ ހަނގުރާމައިގެ ސަބަބުން ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރި އުޅަނދުފަހަރަށް ޙަމަލާތައް އަމާޒުވެ، ސުވައިސް ކެނަލުން މެދުވެރިކޮށް މިޞްރަށް ލިބެން އޮތް އާމްދަނީއިން 10 ބިލިޔަން އެމެރިކާ ޑޮލަރު ގެއްލުނު ކަމަށް އެ ޤައުމުން ބުނެފިއެވެ.

ސުވައިސް ކެނަލްއާއި ހުރްމުޒް ކަނޑުއޮޅިއެކޭ އެއްގޮތަށް ބާބުލް މަންދަބަކީ ވެސް ހަކަތައާއި ކާބޯތަކެތި އުފުލުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ހަމަލާދޭން ފަށައި ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ކަތިލަން ފެށުމުން ޔަމަނުގެ ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ތިބިކަން ދެއްކުމަށް ރަތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް ޑްރޯންއާއި މިސައިލް ޙަމަލާތައް ދޭން ފަށައިފައެވެ. އެއީ 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ޙަމަލާތަކުގެ ސަބަބުން ސުވައިސް ކެނަލް ހުރަސްކުރާ އުޅަނދުގެ ޢަދަދު ބޮޑުތަނުން ދަށަށް ދިޔައެވެ. ސުވައިސް ކެނަލްއިން ލިބޭ ބޭރު ފައިސާއަކީ މިޞްރަށް ބޭރު ފައިސާ ލިބޭ މައި މަގެވެ.

މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލްސީސީ ވިދާޅުވީ ރަތް ކަނޑާއި ގަލްފް އޮފް އޭޑެން ގުޅުވައިދޭ މައި މަގެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުޅިން ދަތުރުކުރާ އުޅަނދުފަހަރަށް ތަކުރާރުކޮށް ޙަމަލާ ދިނުމުގެ ސަބަބުން އެ މަގުން ދަތުރުކޮށް ސުވައިސް ކެނަލްއައްދާ އުޅަނދުގެ ޢަދަދު ވަރަށް ބޮޑަށް މަދުވި ކަމަށެވެ.

ސުއޭޒް ކެނަލް އޮތޯރިޓީގެ އިސްވެރިޔާ، އޮސާމާ ރަބީޢު ވިދާޅުވީ 2024ވަނަ އަހަރު ޤަނާތުލް ސުވައިސް މެދުވެރިކޮށް ލިބުނު އާމްދަނީ 44 އިންސައްތައިން ދަށަށް ގޮސްފައިވާ ކަމަށެވެ. އެ އަހަރު ލިބިފައި ވަނީ 3.9 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް 2023ވަނަ އަހަރު 10.2 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ޙަމަލާ ދިނުމުން މެދުއިރުމަތީގައި ވަނީ ހަމަނުޖެހުމާއި ނުތަނަވަސްކަން އިތުރުވެފައެވެ. ދެ މަހެއްހާ ދުވަސްވަންދެން ހަނގުރާމަ ކުރުމަށް ފަހު މިދިޔަ އޭޕްރިލް މަހުގެ 8ވަނަ ދުވަހު އެމެރިކާއާއި އީރާނުން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެއްބެސްވަފައެވެ. އެއާއެކު އޭޕްރިލް މަހުގެ 13ވަނަ ދުވަހު ޙޫޘީން ވަނީ ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް އަލުން ދޭން ފަށައިފި ނަމަ ރަތް ކަނޑުގައި އެ ޖަމާޢަތުން ދެމުންދާ ޙަމަލާތައް އިތުރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.