ޚަބަރު

އެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި


  • "ސްމާޓް ސާޗް" ފީޗާ އެޕަށް އިތުރުކޮށްފައިވޭ

  • ބޭރު ޤައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ "ފައިސާ ރެމިޓް" އެޕަށް އިތުރުކޮށްފައިވޭ

  • އައު ގިނަ ހިދުމަތްތަކެއް ކުރިއަށް އޮތް ތަނުގައި ތަޢާރަފުކުރެވިގެންދާނެ

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީ އިން ދެމުން އަންނަ ޑިޖިޓަލް ބޭންކިންގ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން، ބޮޑެތި އަޕްގްރޭޑްތަކާއެކު އެ ބޭންކުގެ މޮބައިލް އެޕްލިކޭޝަން "ފައިސާ މޮބައިލް އެކްސް 2.0" ރޯލްއައުޓްކޮށްފިއެވެ.

މިއީ ކަސްޓަމަރުންނަށް ކުރިއަށްވުރެ ފަސޭހަ، އަވަސް އަދި ރައްކާތެރި ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ގެނެވުނު ބޮޑު އަޕްގްރޭޑެއް ކަމަށް އެމްއައިބީއިން ވިދާޅުވިއެވެ. މި އައު އަޕްގްރޭޑާއެކު އެޕްލިކޭޝަންގެ ޔޫޒާ އިންޓަފޭސް ވަނީ ބޭނުންކުރަން މާ ފަސޭހަވާނެހެން މުޅިން އަލުން ފަރުމާކޮށްފައެވެ.

ފައިސާ ފޮނުވުމުގައި އެކައުންޓް ނަންބަރާއި ނަން ސާޗްކޮށްގެން މުއާމަލާތްތައް އަވަހަށް ނިންމާލެވޭ "ސްމާޓް ސާޗް" ފީޗާގެ އިތުރުން، ބޭރު ޤައުމުތަކަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ "ފައިސާ ރެމިޓް" އިންޓަނޭޝަނަލް ރެމިޓެންސްގެ ހިދުމަތްވެސް މިހާރު އެޕަށް އިތުރުކުރެވިފައިވާކަމަށް އެމްއިބީއިން ވިދާޅުވިއެވެ.

ކަސްޓަމަރުންގެ މައުލޫމާތާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޕްލިކޭޝަންގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާއިރު، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ލުއިފަސޭހަކަން ގެނެސްދޭނެ އައު ގިނަ ހިދުމަތްތަކެއްވެސް ކުރިއަށް އޮތް ތަނުގައި މި އެޕް މެދުވެރިކޮށް ތައާރަފުކުރެވިގެންދާނެ ކަމަށް އެމްއައިބީއިން ވިދާޅުވެއެވެ.

އެމްއައިބީއިން މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އެންމެ އުސްމިނަށް ގެންގޮސްދިނުމަށްކަމުގައި އެ ބޭންކުން ވިދާޅުވެއެވެ.