ޚަބަރު

އޮޑިޓް އޮފީހަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި


އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލް އޮފީހަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ އޮޑިޓް އޮފީހުގެ މިއަހަރުގެ ބަޖެޓަށް ވުރެ 9 މިލިއަން ރުފިޔާގެ އިތުރު ޢަދަދެކެވެ. އޮޑިޓް އޮފީހުގެ ބަޖެޓްގެ ގޮތުގައި މިއަހަރަށް ފާސްކޮށްފައިވަނީ 81.7 މިލިއަން ރުފިޔާއެވެ.

ބަޖެޓް ފާސްކުރުމުގެ ކުރިން އަންނަ އަހަރު ސިވިލްސާވިސް އޮފީސްތަކުގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހު ވަނީ ފާސްކޮށްފައެވެ. މި އިސްލާހު ފާސްކޮށްފައިވަނީ 49 މެމްބަރުންގެ ވޯޓުންނެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހަށް ދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ނުވަދިހަ
މިލިއަން ތިން ލައްކަ ފަނަރަ ހާސް ދުއިސައްތަ ނުވަދިހަ ތިން ރުފިޔާގެ ބަޖެޓެކެވެ. މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ ވޯޓުންނެވެ.

90.3 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓް އޮފީހަށް ދިނުމަށް ފާސްކުރި ނަމަވެސް އޮޑިޓް އޮފީހުން މަޖިލީހަށް ފޮނުވާފައިވަނީ 118.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ދިރާސާކުރެއްވި މާލިއްޔަތު ކޮމިޓިން ވަނީ 28 މިލިއަން ރުފިޔާ އުނިކޮށްފައެވެ.

މަޖިލީހުން ފާސްކޮށްފައިވާ އޮޑިޓް އޮފީހުގެ ބަޖެޓް ރިޕޯޓްގައި ބުނެފައިވާގޮތުން އެއޮފީހުގެ ރިކަރަންޓް ޚަރަދާއި އޮފީސް ހިންގުމުގެ ޚަރަދުގެގޮތުގައި 60.3 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ޕީއެސްއައިޕީގެ ގޮތުގައި 30 މިލިއަން ރުފިޔާ ވަނީ ކަނޑައަޅަފައެވެ.

އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ އެންމެބޮޑު ޢަދަދެއް ކަނޑައަޅާފައިވަނީ ހުޅުމާލޭގައި ޢިމާރާތްކުރަން ހަމަޖެހިފައިވަ އާ ޢިމާރާތަށެވެ. މި ޢިމާރާތަށް 55.1 މިލިޔަން ރުފިޔާ ބަޖެޓެއް ހޯދުމަށް އޮޑިޓް އޮފީހުން އެދުނެވެ. ނަމަވެސް މި މަޝްރޫޢަކީ އެއް އަހަރު ދުވަހުން ނިންމޭނެ މަސައްކަތަކަށް ނުވުމުން ފިނޭންސް މިނިސްޓްރީން ވަނީ އެޚަރަދު ބަހާލައިގެން ކުރެވޭނެ ގޮތަށް ލަފާދީ މިބަޖެޓް 30 މިލިޔަނަށް ކުޑަކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.