ޚަބަރު

ބަޖެޓާ ގުޅޭގޮތުން ރައީސް، އެމްޑީޕީގެ މެމްބަރުންނާ މަޝްވަރާ ކުރައްވައިފި


އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަޝްވަރާ ކުރައްވައިފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުގެ މައިގަނޑު މަޝްރޫޢުތަކާއި، ބަޖެޓްގެ ޢާމްދަނީއާއި ލިބޭނެކަމަށް އަންދާޒާ ކުރާ ފައިސާގެ ޢަދަދުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ބަޖެޓުގައި ހިމަނަންވާ ކަންކަމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މެމްބަރުންނާ މަޝްވަރާ ކުރައްވާފައެވެ.

އަންނަ އަހަރުގެ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއިރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާ ކުރައްވާފައެވެ. އަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ހާލަތުގައި ދަރަނި އަދި މާލީ ހާލަތު އެއް ހަމައެއްގައި ދެމެހެއްޓުންކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް ޢާމްދަނީގެ ގޮތުގައި 23.66 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭނެކަމަށާއި ޓެކްސް ނޫން ޢާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަނދާޒާކޮށްފައިވެއެވެ. ނިއު ރެވެނިއު މެޝާސް ނުވަތަ އާމްދަނީ ހޯދުމުގެ އައު ސިޔާސަތުތަކުން 1.3 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށްވެސް ވަނީ އަންދާޒާކޮށްފައެވެ.

ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަށް ލަފާ ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަންނަ އަހަރުވެސް ހުށަހަޅާނީ ދަރަނި ބަޖެޓެކެވެ. އެގޮތުން އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެއަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މުހިއްމު ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒު ކުރުމަށް ވަނީ ނިންމަވާފައެވެ.