2018 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ސިފައިން ފޮނުވައިގެން މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ދޫވާ މައްސަލައިގެ ބަހުސްގައި ރޮޒައިނާ ވިދާޅުވީ މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވި މެމްބަރަކީ ކުރީގެ ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އޭރުގެ ސަރުކާރުން ހިންގަމުންދިޔަ ކަންކަން މަޖިލިސް ތެރެއިން ބެލުމަށް އެންމެ ބޮޑަށް ހުރަސް އެޅުއްވި މެމްބަރުކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭނެހެން ސިފައިން ފޮނުވައިގެން ހުރަސް އަޅައި، ވަންނަން މަސައްކަތް ކުރެއްވި މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކަމުން ދިޔަ މައްސަލައަކީ ނުބަލައި ދޫކޮށްލެވޭނެ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"މި އިއްޒަތްރެރި މެމްބަރު ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އަޅުގަނޑުމެންނަށް މަޖިލީހަށް ވަނަ ނުދީ، މި މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ގޭޓު މަތިން އުކި ދުވަހުގެ ވާހަކަ ހަނދުމަފުޅު ކޮށްލެއްވީމާ ކީއްވެކަން އޭރުގެ ސަރުކާރުން ކުރި މިކަހަލަ ކަންތައްތައް ޒިންމާދާރު ކުރުވުމަށް މި މަޖިލީހުގެ ތެރޭގައި މަސައްކަތް ނުކުރެވުނީ އެނގޭނެ. އިއްޒަތްތެރި ރައީސް އަޅުގަނޑު މިއަދު ގޮވާލަން މިމައްސަލައަކީ މަޖިލީހުން ބަލަންޖެހޭ މައްސަލައެއް." ރޮޒައިނާ ވިދާޅުވިއެވެ.
ޑްރަގުގެ މައްސަލަ ހައްލު ކުރުމަށްވެސް މިއަދު މަޖިލިސް ތެރެއިން މަސައްކަތް ކުރެވޭނެ ޖާގަ އޮތްކަމަށް ރޮޒައިނާ ފާހަގަ ކުރެއްވިއެވެ. އިދިކޮޅު މެމްބަރުންނަށްވެސް އަދި ސަރުކާރަށް ތާއީދު ކުރާ މެމްބަރުންނަށްވެސް ބޭނުން މައްސަލައެއް ހުށަހަޅައި، މިނިވަންކަމާއިއެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮތްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ރާއްޖެ އެތެރެކުރެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފަހައްޓައި 44 ޑްރަގް ކެފޭ ބަންދު ކޮށްފައިވާކަމީ ސަރުކާރުން މިކަމުގައި ތެދުވެރިކަމާއިއެކު މަސައްކަތް ކުރާކަމުގެ ހެއްކެތްކަމަށެވެ. ނަމަވެސް ޝަރީއަތަށް ފޮނުވޭ މައްސަލަތައް އަވަސް ކުރުމަކީ މިކަމަށް އޮތް އެންމެ ބޮޑު ހައްލުކަމަށް ރޮޒައިނާ ވިދާޅުވިއެވެ.