އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ދިވެހި ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރާ މެޗުގެ ކޮމަންޓްރީ ދިނުމަށް ރާއްޖޭގެ ފުރަތަމަ އަންހެން ކޮމަންޓޭޓަރު މުއުމިނާ އިބްރާހީމް ޕީއެސްއެމްގެ މީޑިއާ ޓީމާ ގުޅިވަޑައިގަންނަވާނެއެވެ.
މުއުމިނާ އިބްރާހީމަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ކޮމަންޓޭޓަރެވެ. 1980ގެ އަހަރުތަކުން ފެށިގެން ފުޓުބޯޅަ މެޗުތަކުގެ ކޮމެންޓްރީ ދޭންފެށި މުއުމިނާއަކީ، ދިވެހި ރާއްޖޭގެ އަޑުގެ އެހުންތެރިންގެ މަޤުބޫލުކަން ހޯދި ކުޅަދާނަ ކޮމަންޓޭޓަރެކެވެ. މެޗުތަކުގައި މުއުމިނާ ކޮމަންޓްރީ ދެއްވާއިރު، މެޗުތަކުގައި ހިނގާ ކަންކަން ގެނެސްދެއްވާލެއް ފުރިހަމަ ކަމާއި ކޮމަންޓްރީ ދެއްވާލެއް ފުރިހަމަ ކަމުން އެތައްބައްގެ ތައުރީފް ވަނީ ލިބިފައެވެ.
ދަސްކުރާ އެނައުންސަރެއްގެ ގޮތުން މުއުމިނާ ރޭޑިއޯއާ ގުޅިވަޑަިއގެން މަސައްކަތް ފެއްޓެވިއިރު ރޭޑިއޯގެ ޚިދުމަތް ފުޅާނުވިނަމަވެސް، ގުޅިވަޑައިގެން ގިނަ ޕްރޮގުރާމުތަކެއް އުފައްދަވައި ހުށަހަޅުއްވަފައިވެއެވެ. މުއުމިނާގެ ޚިދުމަތް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީވެސް ފުޓުބޯޅަ ކޮމިނެޓްރީ ދެއްވުމުގައެވެ. އޭނާ 14 އަހަރު ފުޓުބޯޅަ ކޮމެންޓްރީ ދެއްވަފައިވާފައިވެއެވެ. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގައިވެސް ފުޓުބޯޅަ ކޮމެންޓްރ ދެއްވި ފުރަތަމަ އަންހެން ކޮމަންޓޭޓަރެވެ. 2006ވަނަ އަހަރު ކޮމަންޓްރީ ހުއްޓާލެއްވުމަށްފަހު 15 އަހަރު ފަހުން އަލުން ޤައުމީ ދަނޑަށް ކޮމެންޓްރީ ދިނުމަށް މުއުމިނާ، ނުކުންނެވުމަކީ ދިވެހިރާއްޖޭގެ އަޑުގެ އެހުން ތެރިންނަށް ލިބިގެންދާ ވަރަށް އުފާވެރި ޚަބަރެކެވެ.
މިފަހަރުގެ ސާފް ޗެންޕިއަންޝިޕް އަމިއްލަ ޤައުމުގައި ބާއްވާއިރު މެޗުތަކުގެ ކޮމަންޓްރީވެސް އެންމެ ފުރިހަމައަށް ދިނުމަށް މުބާރާތުގެ ހޯސްޓް ބްރޯސޑްކާސްޓުގެ ހައިސިއްޔަތުން ދައުލަތުގެ މީޑިއާއިން ވަނީ ތަފާތު ކަންތައްތަކެއް ހިމަނާފައެވެ. މުބާރާތުގެ މެޗުތަކުގެ ކޮމަންޓްރީ ދިނުމަށް ދިވެހި ރާއްޖޭގެ އަޑުގެ ކުރީގެ ކޮމަންޓޭޓަރުންނާއެކު އަޑުގެ ކޮމަންޓްރީ ވަނީ ވަރަށް ބޮޑަށް ފޯރި ގަދަކޮށްފައެވެ.
ކުރީގެ ކޮމަންޓްރީ ދިން ބޭފުޅުންގެ ތެރެއިން ދިވެހިންގެ މަގުބޫލުކަން ހޯދި، އިބްރާހިމް އުމަރު މަނިކާއި، އަލީ ޝިމްރީ، އަހުމަދު ވާސިފް ފަދަ ތަޖުރިބާހުރި ކޮމަންޓޭޓަރުންނާއެކު މިފަހަރުގެ މުބާރާތުގެ ކޮމަންޓްރީ ދަނީ ގެނެސްދެނެމުންނެވެ. މިބޭފުޅުންނަކީ 1980ގެ އަހަރުތަކާއި، 1990ގެ އަހަރުތަކުގައި، މުޅި ރާއްޖެއަށް ރޭޑިއޯ މެދުވެރިކޮށް މެޗުތަކުގެ ކޮމަންޓްރީ ދީފައިވާ ތަޖުރިބާ ހުރި، މަޤުބޫލު ކޮމަންޓޭޓަރުންނެވެ.
ޤައުމީ ޓީމު ކުޅޭ މެޗުތަކުގައާއި، ކުލަބުތަކުގެ ފޯރިގަދަ މެޗުތަކުގެ ކޮމަންޓްރީ އުމަރު މަނިކާއި، އަޑުގެ ޓީމުން ފޯރިއާއިއެކު ގެނެސް ދޭއިރު، އަޑުއަހަން ތިބޭމީހުންނަށް މެޗު ނުފެންނަ ކަމުގެ އެއްވެސް އިހުސާސް މިބޭފުޅުން ވިޔަނުދެއެވެ. އެހާވެސް ފޯރީގައި މިބޭފުޅުން ދިޔައީ ކޮމަންޓްރީ ދެމުންނެވެ. އަޑުގެ ކޮމަންޓްރީ އިތުރަށް ފޯރިގަދަ ވެގެންދަނީ އަރަމުން އަންނަ ޒުވާން ކޮމަންޓޭޓަރު ސާއިދު އަޙްމަދުވެސް އެޓީމުގައި ހިމެނުމުންނެވެ.
އުރީދޫ ސާފް ޗެންޕިއަން ޝިޕްގދ ހޯސްޓް ބްރޮޑްކާސްޓަރުގެ ފުރުސަތު ދައުލަތުގެ މީޑިއާއަށް ލިބުމާއިއެކު، މިފަހަރުގެ މުބާރާތުގައި ތަފާތު ކަންތައްތަކެއް ވަނީ ގެނެސްދީފައެވެ. ރާއްޖޭގެ ތަރީޚުގައި ފުރަތަމަ ފަހަރަށް އިނގިރޭސި ބަހުން ކޮމަންޓްރީ ގެނެދީފައިވަނީ މިމުބާރާތުގައެވެ. ސަރަހައްދީ ޤައުމުތަކުގެ ތެރެއިން އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލްގެ ރައްޔިތުން މެޗުތައް ބަލަމުންދާއިރު، މެޗުތަކުގެ ކޮމަންޓްރީ އިނގިރޭސި ބަހުން ގެނެސްދެނީ، ދިވެހި ޒުވާން ކޮމަންޓޭޓަރުންނެވެ.
ދައުލަތުގެ މީޑިއާގެ މުވައްޒަފުން ކަމުގައިވާ އިސްމާޢީލް އަޒުމީނާއި، އަޙްމަދު ޢިމާދުގެ އިތުރުން މަރިޔަމް ތަސައްނުމް ވަހީދު (ތާތު)އަންނަނީ މި މަސައްކަތް ވަރަށް ފުރިހަމައަށް ކުރަމުންނެވެ. މިމުބާރާތުގެ ލައިވް ފީޑް ދައުލަރުގެ މީޑިއާއިން ސަރަހައްދީ ޤައުމުތަކަށްވެސް ދޭއިރު، މުބާރާތުގެ ހުރިހާ މެޗެއްގެ އިނގިރޭސި ކޮމަންޓްރީ ދެނީ މި ތިން ކޮމަންޓޭޓަރުންނެވެ.
ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތަކީ، ރާއްޖޭގައި މިފަދަ ބޮޑު މުބާރާތެއް އަމިއްލަ ޤައުމުން ހޯސްޓް ކުރުމަށް ލިބުނު ފުރަތަމަ ފަހަރެވެ. މިމުބާރާތުގެ ހޯސްޓް ބްރޮޑްކާސްޓަރުގެ ގޮތުގައި ދައުލަތުގެ މީޑިއާއިން އަންނަނީ މުބާރާތް އެންމެ ރަނގަޅު ފެންވަރުގައި ބެލުންތެރިންނާއި އެހުންތެރިން ޝައުގުވެރިވާނެގޮތަކަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. މުބާރާތުގައި ދިވެހި ޒުވާން ކޮމަންޓޭޓަރުންނަށް ލިބިގެންދާ އެންމެ ބޮޑު ހިތްވަރަކީ މުބާރާތުގެ ކޮމެންޓްރީގައި ތަޖުރިބާހުރި ކޮމެންޓޭޓަރުން ބައިވެރިވުމެވެ.
މުބާރާތް ފުރިހަމަކޮށް ގެނެސް ދިނުމަށް ދައުލަތުގެ މީޑިއާއިން ކުރަމުންދާ މަސައްކަތާއި، ކުރެވޭ މަސައްކަތްވެސް އޮތީ ޤައުމީ ޓީމާ ގުޅިފައެވެ. މިމުބާރާތުގެ ތަށި ދިވެހި ޓީމުން ހޯދުމަކީ މުޅި ޤައުމުވެސް އެދޭ ގޮތެވެ. ޤައުމީ ޓީމަށް މުބާރާތް ކާމިޔާބު ކުރުމަށް ދަނޑުމަތިން ކުރަންޖެހޭ ހުރިހާ ހިތްވަރެއް ޓީމު ކުރަމުންދާއިރު، 12 ވަނަ ކުޅުންތެރިޔާ ދިވެހި ރައްޔިތުން ސަޕޯޓަރުންގެ ގޮތުގައި ތިބީ ތަށި ހޯދުމަށް ކުރަންޖެހޭ ސަޕޯޓާއި، ހިތްވަރު ދިނުމުމުގައި އެއް ވާނެއްގައެވެ.