ޚަބަރު

ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް މިމަހު ފަށަނީ


2012 ވަނަ އަހަރު އައްޑޫ ސިޓީގައި ރޯކޮށް އަންދާލި ހިތަދޫ ޕޮލިސް ސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް މިމަހުގެތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވެއްޖެއެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ، 2012 ވަނަ އަހަރު ހިތަދޫ ޕޮލިސް ސްޓޭޝަންގައި އަލިފާން ރޯކުރި ޙާދިސާގައި އެތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާތީ، އެތަން އަލުން މަރާމާތު ކުރުމުގެ މަސައްކަތް މި މަހުގެތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން މަސައްތަކް ފަށާތާ 3 މަސްދުވަހުގެ ތެރޭގައި މަރާމާތުގެ މަސައްކަތް ނިމި އެތަނުން ޚިދުމަތް ދެވެން ފެށޭވަރުވާނެ ކަމަށެވެ. މީގެ އިތުރުން އަންނަ އަހަރު އައްޑޫ ސިޓީގެ ގަން ޕޮލިސް ސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސައުތް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ޙުސައިން ސަމީރު ވަނީ ވިދާޅުވެފައެވެ.ހިތަދޫ ޕޮލިސް ސްޓޭޝަން މިވަގުތު ބޭނުންކުރަނީ ހަމައެކަނި ބަންދުގައި ތިބޭ މީހުން ބައްޓާ ތަނެއްގެ ގޮތުގައެވެ. އަދި ޕޮލިސް ސްޓޭޝަންގެ އެކޮމޮޑޭޝަނާއި އިދާރީ މަސައްކަތް ހިނގަމުންދަނީ އައްޑޫ ސްޓޭޓް ހައުސްގައެވެ.